އެމްޑީޕީ ކުރިއަށް ދާނީ ޕާޓީގެ ސަފުތައް ހަރުދަނާކޮށް އެކަތިގަނޑެއްގެ ގޮތުގައި: ސޯލިހު އެމްޑީޕީ ކުރިއަށް ދާނީ ޕާޓީގެ ސަފުތައް ހަރުދަނާކޮށް އެކަތިގަނޑެއްގެ ގޮތުގައި: ސޯލިހު

ގައުމު އަމާން ބަނދަރަކަށް ގެންދިއުމަށް އެމްޑީޕީން ކުރިއަށް ދާނީ ޕާޓީގެ ސަފުތައް ހަރުދަނާކޮށް އެކަތިގަނޑެއްގެ ގޮތުގައި ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ބޭސްފަރުވާއަށް މި ވަގުތު މެލޭޝިއާގައި ހުންނެވި ސޯލިހު، އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންނަށް ތަނަވަސްކަމާއި ފާގަތިކަން ހޯދައިދިނުމަށް އެ ޕާޓީން ފެށި ދަތުރު އަދި ނުނިމޭ ކަމަށެވެ.
"ހުދުމުހުތާރު ގޮށްމުށްތަކުގެ ދަށަށް ގައުމު އަނބުރާ ހިނގައިދާނެކަމުގެ ބިރު ބޮޑުވެފައިވާ މި ދަނޑިވަޅުގައި، ގައުމު އަމާން ބަނދަރަކަށް ގެންގޮސްދިނުމަށް އެމްޑީޕީން ކުރިއަށް ދާނީ ޕާޓީގެ ސަފުތައް ހަރުދަނާކޮށް އެކަތިގަނޑެއްގެ ގޮތުގައި،" ސޯލިހު ވިދާޅުވި އެވެ.
މިއަދު ފާހަގަކުރާ އެމްޑީޕީގެ އަހަރީ ދުވަހުގެ މުނާސަބަތުގައި އެ ޕާޓީގެ މެންބަރުންނަށާއި ތާއީދުކުރާ އެންމެނަށް މަރުހަބާ ދަންނަވާ ކަމަށް ވެސް އެމަނިކުފާނު ލިޔުއްވާފައިވެ އެވެ. އަދި، އެމްޑީޕީ އަކީ ހިތްވަރާއި، އިސްލާހައި އަދި ތަހުޒީބީ ހިޔާލާއެކު ރާއްޖެއަށް ޑިމޮކްރަސީ ތައާރަފު ކުރުމުގެ ފަހުރުވެރި ޕާޓީ ކަމަށާއި ރައްޔިތުން ބާރުވެރިކުރުވުމަށް އެންމެ ބޮޑަށް މަސައްކަތް ކުރީ އެ ޕާޓީން ކަމަށް، އެމްޑީޕީގެ ދެވަނަ ވެރިކަމުގެ ރައީސް ވިދާޅުވި އެވެ.
ސޯލިހު ވަނީ މީގެ ތިން އަހަރު ފަހުން ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އެމްޑީޕީން ކެންޑިޑޭޓަކު ހޮވަން ބާއްވާ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވާފަ އެވެ.
އެމްޑީޕީ ކުރިއަށްދާނީ އެކަތި ގަނޑެއްގެ ގޮތުގައި ކަމަށް ސޯލިހު ވިދާޅުވެފައި މިވަނީ 2023 ގެ ރިޔާސީ ޕްރައިމަރީއަށް ފަހު ޕާޓީ ބައިބައިވެ، ވަކިވެވަޑައިގެންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އޭރު ވަކިވި ގިނަ މެންބަރުން މިހާރު ވަނީ އަލުން އެމްޑީޕީއާ ގުޅިފައި ވަނިކޮށެވެ.
ނަޝީދު ވެސް ޕްރައިމަރީގައި ވާދަކުރައްވަން ޝައުގުވެރިވާއިރު، ދެ ރައީސުން އެންމެ ފަހުން އެކުގައި ފެނިފައިވަނީ 2023 ގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށްފަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ