ހުޅުވަން ތައްޔާރަށް އޮތް ރީތި ޓާމިނަލް ކުރިމަތިން ކާރެއް ކަހާލައިފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ އިންޓަނޭޝަނަލް ޓާމިނަލްގެ ކުރިމަތިން ދުއްވާފައި ދިޔަ ކާރެއް ރޭ އަރިއަޅައިލައިފިއެވެ. "ފޭސްބުކް"ގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަނީ، ނޫ ކުލައިގެ ކާރެެއް މަގުން ކަހައިލާ އެއްބައި ވެއްޓިފައި އޮންނަ ތަނެވެ. އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވި މަންޒަރު ވެސް ވީޑިއޯއިން ފެނެއެވެ. ފުލުހުން ބުނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ ކުރިމަތިން އަލަށް ހުޅުވި މަގުން ދުއްވާފައި ދިޔަ ކާރެއް ކުރިން ބޭނުންކުރަމުން ދިޔަ މަގަށް އަރިއަޅައިލި ކަމުގެ މައުލޫމާތު ރޭ 11:45 ހާއިރު ލިބިފައިވާ ކަމަށެވެ. މި ހާދިސާ ހިނގިއިރު ކާރުގައި ހަތަރު މީހަކު ތިބި ކަމަށާއި، އެއްވެސް މީހަކަށް އަނިޔާއެއް ނުލިބޭ ކަމަށް، ފުލުހުން ބުންޏެވެ. ކާރު ދުއްވަން އިން މީހާގެ ލައިސަންސް އޮތް ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވަން ތައްޔާރުވަމުން އަންނައިރު އެއާޕޯޓަށް ވަދެ، ނިކުންނަން ބޭނުންކުރާ މައި މަގަށް ބޮޑެތި ބަދަލުތަކެއް އަންނަނީ ގެންނަމުންނެވެ. އެގޮތުން މަގު، މަރާމާތުކުރުމާއި، އާ ޓާމިނަލާ ގުޅިފައިވާ އާ މަގާ މިހާރު ބޭނުންކުރާ މަގާ ގުޅުވައިލުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. މި ބަދަލުތަކާއެކު އެއާޕޯޓުގެ ޓްރެފިކް ފްލޯއަށް ވެސް ބަދަލުތައް އަންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ