ސިއްހީ އަދި ތައުލީމީ ދާއިރާގެ މުވައްޒަފުންނަށް އޯޓީ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
ސިއްހީ އަދި ތައުލީމީ ދާއިރާގެ މުވައްޒަފުންނަށް އިތުރު ގަޑީގެ މަސައްކަތަށް ފައިސާ ދިނުމާ ގުޅޭ އުސޫލުތައް އަލުން މުރާޖާކުރަން ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެންބަރު އަމީން ފައިސަލް ހުށަހެޅުއްވި ގަރާރު ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއަށް ފޮނުވައިފިއެވެ. އެ ގަރާރު ބަލައިގަންނަން ފާސްކޮށްފައި ވަނީ، ވޯޓުގައި ބައިވެރިވި 47 މެންބަރުންގެ އިއްތިފާގުންނެވެ. މި ގަރާރު ބަލައިގަތުމާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ. އެ ގަރާރުގައި ވަނީ ސިއްހީ އަދި ތައުލީމީ ދާއިރާގެ މުވައްޒަފުން އިތުރު ގަޑީގައި ކުރާ މަސައްކަތަށް ފައިސާ ދިނުމާ ގުޅޭ އުސޫލެއް ކަނޑައެޅިފައިވީ ނަމަވެސް އެ ދެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތުގެ ތަބީއަތުގެ ސަބަބުން އެ ދެ ދާއިރާގައި މަސައްކަތްކުރާ މީހުންނަކީ ގިނަ ވަގުތުތަކެއް މަސައްކަތުގައި ހޭދަކުރަންޖެހޭ ބައެއް ކަމަށެވެ. އިތުރަށް މަސައްކަތް ކުރި ނަމަވެސް އިތުރު ގަޑީގެ ފައިސާ ނުލިބޭކަން އެ ގަރާރުގައި ފާހަގަކޮށްފައިވެއެވެ. https://sun.mv/207438 ތައުލީމީ ދާއިރާއަށް ބަލާއިރު ޓީޗަރުންނާއި ސްކޫލުތައް ހިންގުމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ސްކޫލު ގަޑިތަކުގެ ބޭރުން ގިނަ ވަގުތުތަކެއް މަސައްކަތަށް ހޭދަކުރަންޖެހިފައިވާ ކަމަށް ގަރާރުގައިވެއެވެ. އަދި، ސިއްހީ ދާއިރާއަށް ބަލާއިރު މަސައްކަތުގައި ގިނަ ވަގުތު ހޭދަކުރަންޖެހޭ އެއް ސަބަބަކީ އެ ދާއިރާގައި ޕޭޝަންޓް-މެޑިކަލް ކެއާޓޭކާ ރޭޝިއޯ ހަމަނުވުން ކަމަށް އެ ގަރާރުގައިވެއެވެ. މި ގަރާރަށް މަޖިލީހުގައި ބަހުސްކޮށްފައި ވާއިރު، ގިނަ މެމްބަރުން ވަނީ މި ދެ ދާއިރާގެ މުވައްޒަފުންނަށް އިތުރު ވަގުތުގެ ފައިސާ ދިނުމަށް ތާއީދުކޮށް ވާހަކަ ދައްކަވައިފައެވެ. އެގޮތުން، ދިއްދޫ ދާއިރޭގެ މެމްބަރު އަބްދުއްލަތީފް މުހައްދު ވިދާޅުވީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދުވަސްވަރުން ފެށިގެން މި ދެ ދާއިރާގެ މުވައްޒަފުންނަށް އިތުރު ގަޑީގެ ފައިސާ ލިބޭ ކަމަށެވެ. މިކަން ބަދަލުވީ 2008ވަނަ އަހަރު ގާނޫނު އަސާސީއަށް ގެނައި ބަދަލެއްގެ ސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެހިސާބުން ފެށިގެން މި މައްސަލަ ހައްލުކުރުމަށް މާބޮޑު މަސައްކަތެއް ކުރެވިފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ. ދިއްދޫ ދާއިރާގެ މެންބަރު ލަތީފް: ސިއްހީ އަދި ތައުލީމީ ދާއިރާގެ މުވައްޒަފުންނަށް އޯޓީ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް -- ފޮޓޯ/ މަޖިލިސް، މި މައްސަލަ ހައްލުނުވެ މިހާގިނަ ދުވަސް ވުމުން ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން މިހާރު ތިބީ ފޫހިވެފައި ކަމަށް އޭނާ ވިދާޅުވިއެވެ. "މިހާރު އަޅުގަނޑުމެންނަށް ފެންނަނީ ތައުލީމީ ދާއިރާގައި މަސައްކަތްކުރާ އަދި ޚާއްސަކޮށް ޓީޗަރުން ގޮތުގައި މަސައްކަތް ކުރާ އަދި ސީނިޔާ މެނޭޖްމަންޓުގައި މަސައްކަތް ކުރާ ކުދިން މިހާރު ތައުލީމީ ދާއިރާ ދޫކޮށް ރަށްރަށުގެ ކައުންސިލް، އަތޮޅު ކައުންސިލްތަކުގައި ވަޒީފާ އަދާކުރާ މަންޒަރު،" ދިއްދޫ ދާއިރޭގެ މެމްބަރު އަބްދުއްލަތީފް މުހައްދު މިކަން ބަދަލުކޮށް ތައުލީމީ އަދި ސިއްހީ ދާއިރާގެ މުވައްޒަފުންނަށް ލިބެންޖެހޭ ހައްގު އުޖޫރަ މި ސަރުކާރުން ދޭނެކަމުގެ ޔަގީންކަން މެމްބަރު އަބްދުއްލަތީފް ވަނީ ދެއްވައިފައެވެ. ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ވެސް ވަނީ، ތައުލީމީ ދާއިރާގައި މުވައްޒަފުން މަދުވުމުގެ ކަންބޮޑުވުން ފާހަގަކުރައްވައިފައެވެ. އަދި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް ދެއްވި ޔަގީންކަމާއެކު މި މައްސަލަ ހައްލުވާނެކަމަށް އުންމީދު ކުރައްވައި ކަމަށް އޭނާ ވިދާޅުވިއެވެ. https://sun.mv/207583 މީގެ ކުރިން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވެސް ވަނީ ޓީޗަރުންގެ ދަތިކަން ފާހަގަކުރައްވައިފައެވެ. އެގޮތުން، ގާތްގަނޑަކަށް 600 ސެން ޓީޗަރުން މިހާރު ވެސް ބޭނުންވާ ކަމަށް އޭނާ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ