ޔަޒްނީގެ ދެމަފިރިން ދުވުންތެރިންގެ ފަހަތުގައި، އުއްމީދުތަކާ އެކު

ޔަޒްނީ ނަޝީދު (ޔަޒޫ) އެންމެ ގިނަ މީހުންނަށް ފެންނާނީ އެކުވެނި ޓްރެކުންނެވެ. ސްކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން ފިރިމީހާ ޗަބާ ކިސްއާ އެކު ޓްރެކްގައި ހިންގާ ދުވާ ކްލާސްތަކުންނެވެ.
ޔަޒްނީ އަކީ ކުޅިވަރުގެ ތަރިއެކެވެ. ސްކޫލް ދައުރާއި އޭގެ ފަހުން ގައުމީ އެތުލެޓިކްސް ޓީމުގައި އޭނާއަކީ 1990ގެ އަހަރުތަކާއި 2000ގެ އަހަރުތަކުގެ ކުރީކޮޅު އަންހެން އެންމެ މަޝްހޫރު އެއް އެތުލީޓެވެ. އޭގެ އިތުރުން ނެޓްބޯޅަ އާއި ބާސްކެޓްބޯޅަ. ވެސް ކުޅުނެވެ. 
"އެތްލެޓިކްސްއިން ކުރިއަށް ދާން ނިންމީ ގައުމީ ޓީމަށް އަރަން ލިބުނު ފުރުސަތާ އެކު" ޔަޒްނީ ބުންޏެވެ.
ގިނަ ކާމިޔާބުތަކަކުން އޭނާގެ އެ ދުވަސްވަރުގެ ސަފުހާތައް ވަނީ ފުރިފަ އެވެ. އިންޓަ ސްކޫލް މުބާރާތްތަކާއި ގައުމީ މުބާރާތްތަކުގައި އޭނާ އެންމެ މަތީގައި ނޫޅެ ނުދެ އެވެ. ވޯލްޑް އެތްލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖެ ތަމްސީލުކުރި އެވެ.
އެތުލީޓެއްގެ ގޮތުގައި އުޅުނު އިރު އެހެން ކުދިން ތަމްރީންކުރުމުގެ ތެރެއަށް ވަނެވެ. އެގޮތުން އޭނާ ތައުލީމް ހާސިލްކުރި އަމީނިއްޔާ ސްކޫލްގެ ސްޕޯޓްސް ސުޕަވައިޒަރަކަށް ވެސް އުޅުނެވެ.
ނަމަވެސް ރާއްޖެއިން ބޭރަށް ގިނަ މުބާރާތްތަކުގައި ދާން ޖެހޭތީ އޭރު އަމީނިއްޔާ ސްކޫލްގެ ޕްރިންސިޕަލް ޑރ. އާމާލް އަލީ ދެއްވި ލަފައަކަށް ވީ ކުޅިވަރާ ގުޅޭ އެހެން ދާއިރާއެއްގައި މަސައްކަތް ކުރުމެވެ.
ޔަޒްނީ ދެން ވަޒީފާ އަދާކުރަން ފެށީ ސްޕޯޓްސް މިނިސްޓްރީގަ އެވެ. އެ ތަނުގައި އުޅޭތާ މިހާރު 22 އަހަރު ވެއްޖެ އެވެ. ސަރުކާރުގެ ހިދުމަތުގައި މިހާތަނަށް އޭނާ ވަނީ 28 އަހަރު ހޭދަކޮށްފަ އެވެ.
ފިރިމީހާ ޗަބާ ކިސްއާ ޔަޒްނީ ދިމާވަނީ އެކުވެނި ޓްރެކުންނެވެ. ޗަބާ ރާއްޖެއަށް ފުރަތަމަ އައީ 1996ގައި އޭނާގެ ބައްޕަ އަދި މަޝްހޫރު ފުޓުބޯޅަ ކޯޗު ހެންގެރީގެ ކިސްއާ އެކުގަ އެވެ. ވެލެންސިއާއަށް ފުރަތަމަ ގެނައި ކިސްއަކީ އިނގިރޭސި ބަހަށް ފަރިތަ މީހަކަށް ނުވާތީ ޗަބާގެ މަސްއޫލިއްޔަތަކީ ތަރުޖަމާނެއްގެ ޒިންމާ އަދާކުރުމެވެ.
އެކަމަކު 2003ގައި އޭނާގެ ދިރިއުޅުން ރާއްޖެ ބައްދަލުކޮށް ސްކޫލެއްގެ ސްޕޯޓްސް ސްޕަވައިޒަރެއްގެ ގޮތުގައި މަސައްކަތް ފެށި އެވެ.
ދެމަފިރިންގެ ކައިވެންޏަށް މިހާރު 21 އަހަރެވެ. އުމުރުން 17 އަހަރާއި 16 އަހަރުގެ ދެ ފިރިހެން ކުދިން އެބަ ތިއްބެވެ.
ޔަޒްނީ އާއި ޗަބާ މިހާރު ވަގުތު ހުސްކުރަނީ ކުޑަކުދިން ދުވުމުގެ ތެރެއަށް ވައްދައި، ދުވުމުގެ ތަފާތު ތަމްރީންތައް ދިނުމަށެވެ. އެކަން އެ މީހުން ކުރަނީ 'ކޭވައި އާމީ' އުފައްދައިގެންނެވެ. މިއީ އެދެމަފިރިންގެ އިސްނެގުމުގެ ތެރެއިން އުފަންކުރުވި ކްލަބެކެވެ. މަގުސަދަކީ ރާއްޖޭގައި ފެންވަރު ރަނގަޅު އެތުލީޓުންތަކެއް ބިނާކުރުމެވެ. ސަރުކާރުގެ ވަޒީފާއަށް ފަހުން ޔަޒްނީ އަވަސްވެގަންނަނީ އެކުވެނި ޓްރެކަށް ދާށެވެ. 
މީގެ 11 އަހަރު ކުރިން އުފެއްދި ކޭވައި އާމީގައި އުމުރުން ހަ އަަހަރުން ފެށިގެން މަތީ އުމުރުތަކުގެ ކުދިންނަށް ދުވުމުގެ ތަމްރީންތައް ދެ އެވެ. 
ޗަބާ ބުނީ ސްޕޯޓްސް ސުޕަވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރަން ފެށުމަކީ ރާއްޖޭގެ ދުވުމާއި އެތުލެޓިކްސްގައި ކުދިންގެ ފެންވަރު ދެނެގަންނަން ލިބުނު މުހިއްމު ފުރުސަތެކެވެ. 
މިހާތަނަށް 5،000 އަށް ވުރެ ގިނަ ކުދިންނަށް ތަމްރީން ދީފައިވާނެ ކަމަށް، އެމީހުން ބުނެ އެވެ. އެއީ ވެސް އެތައް ގޮންޖެހުންތަކަކާ އެކުގަ އެވެ.
"އެންމެ ބޮޑަށް ފާހަގަކުރެވެނީ ކުދިންނަށް އެއްވެސް ކަހަލަ ހިތްވަރެއް، ނުވަތަ ސަޕޯޓެއް ނެތްކަން،" ޗަބާ ބުންޏެވެ.
އެ މައްސަލަ އޭނާ ފާހަގަކުރީ ކުދިންނަށް ލިބެން ޖެހޭ އެހެން އެހީތެރިކަން ދަށްވުމުންނެވެ. މިސާލަކަށް ކުއްޖަކު ދުވަން ފޮނުވަން ކްލަބަށް ފީ ދައްކަފާނެ އެވެ. ނަމަވެސް ކުޅިވަރާ އެކު ކިޔެވުން ކުރިއަށް ގެންދެވިދާނެކަން ގިނަ ބެލެނިވެރިންނަށް އަދިވެސް ނުވިސްނޭ ކަމަށް އޭނާ ދެކެ އެވެ.
"ދެ ކަންތައް އެއްފަހަރާ ނުކުރެވޭނެއޭ އޮންނަ ވިސްނުން ދޫކޮށްލަން އެބަޖެހޭ. އެންމެ އުދަނގުލީ އެ ވިސްނުން ހުންނާތީ،" ޗަބާ ބުންޏެވެ.
ބެލެނިވެރިންގެ އިތުރުން ސަރުކާރަށް ވެސް އެކަން ނުވިސްނެ އެވެ. އެކަމަކު ރާއްޖޭގައި ކުޅަދާނަ ދުވުންތެރިން އުފެއްދިދާނެކަން ޔަޒްނީ އާއި ޗަބާއަށް އެނގެ އެވެ. އެ ހުނަރު ހުރި ކުދިން އެމީހުން ކައިރިއަށް ވެސް ދެ އެވެ. އެކަމަކު އެކުދިން ބޮޑުވަމުން އަންނަ ވަރަަކަށް ކިޔެވުމުގެ ބުރަ އެހާ ބޮޑުވެ އެވެ. އެހެންކަމުން ދެން މަޖުބޫރުވަނީ ވަކި ހިސާބުން ދުވުން ހުއްޓާލާށެވެ.
"އަބަދުވެސް ކުދިން ޗޫޒް ކުރަން މި ޖެހެނީ ކިޔެވުން،" ޗަބާ ބުންޏެވެ.
ކޭވައި އާމީގެ ޕްރޮގްރާމްތައް ރާވާފައިވާ އޮންނަ ގޮތް ޔަޒްނީ ކިޔައިދިނެވެ. އެއް ކަމަކީ ގިނަ ކުދިންތަކެއް ގެންދިއުމުގެ ބަދަލުގައި ފެންވަރު ރަނގަޅުކޮށް ކޯޗު ކޮށްދެވޭނެ އަދަދަކަށް ކުދިން ގެންގުޅުމެވެ،
"މަގްސަދަކީ އަންނަ ކުދިންނަށް ފޯކަސްކޮށްގެން އެކުދިން ޓްރެއިން ކުރުން. ކޮލިޓީ މުހިއްމު ވަނީ. ހުރިހާ ކުދިން ވެސް ބަރާބަރަށް މޮނިޓަކުރެވޭ،" ޔަޒްނީ ބުންޏެވެ.
ހަފްތާގެ ހަ ދުވަހު، ކޮންމެ ދުވަހެއްގެ މަދުވެގެން ދެ ގަޑި އިރު މި ދެމަފިިރިން ހޭދަކުރާނީ އެކުވެނި ޓްރެކްގައި އެ ކުދިންނާ އެކުގަ އެވެ.
ކޭވައިއިން ތަމްރީން ހަދާ ކުދިން ރާއްޖެ އާއި ރާއްޖެއިން ބޭރުގެ އެކި ރޭސްތަކުގައި ދުވެ އެވެ. ރާއްޖޭގައި އޮންނަ އެކި މުބާރާތްތަކުގައި އެ ދުވުންތެރިން ކާމިޔާބީތައް ވެސް ހޯދަ އެވެ. އެއީ ދެމަފިރިންނަށް އޮތް ވަރަށް ބޮޑު އުފަލެކެވެ.
ކޭވައި އާމީން އަންނަނީ މަކީޓާ ނެޝެނަލް ޖޫނިއަ އެތްލެޓިކްސް ޗެމްޕިއަންޝިޕްގައި ބައިވެރިވަމުންނެވެ. އެކަމަކު އެ މުބާރާތް އޮންނަނީ ކޮންމެވެސް ރަށެއްގައި ކަމަށް ވާތީ ދަތުރު ހަދާފައި ދިއުމަކީ އެތުލީޓުންނަށް ކުރިމަތިވާ ގޮންޖެހުމެކެވެ. 
ޗަބާ ބުނާ ގޮތުގައި އެމީހުން ކައިރިއަށް އަންނަ ގިނަ ކުދިން ތަމްރީންތައް ފަށާއިރު ދުވަން ވެސް ނޭނގެ އެވެ. އެކަމަކު ރަނގަޅު ތަމްރީންތަކާ އެކު އެ ކުދިންނަށް ދުވުމުގެ އަސާސީ އުކުޅުތައް ދަސްކޮށްދެ އެވެ. ދުވުމުގެ ޝައުގުވެރިކަން އުފައްދަ އެވެ. އޭގެ ފަހުން ރޭސްތަކަށް ތައްޔާރުކުރެ އެވެ. ބޮޑު މަގުސަދަކީ އެ ރޭސްތަކުން ތަޖުރިބާ ހޯދައިދިނުމެވެ.
ބައެއް ކުދިންގެ ކިބާގައި އާދަޔާ ހިލާފު ހުނަރު ހުއްޓަސް އެ ހުނަރު ތަރައްގީކުރަން ދޭން ޖެހޭ ސަމާލުކަމުގެ ބައި ކުޑަވެ އެވެ. ޔަޒްނީމެން އަބަދުވެސް ބާރުއަޅަނީ ބޮޑު ކަމެއް މެދުވެރިވެގެން ނޫނީ ތަމްރީންތައް ވައްޓާނުލުމަށެވެ.
"އެންމެ މުހިއްމީ ޕްރެކްޓިހަށް އައުން. ރޭހެއް އޮތަސް އޭގައި ބައިވެރިވެ އެކްސްޕީރިއަންސެއް ހޯދުން. ތުއްތު ކުދިންނަކީ ވަކި ހާއްސަ ބޮޑެތި ޓްރެއިންތަކެއް ހަދާ ބައެއް ނޫން. އެކުދިން ދަސްކުރާނީ،" ޗަބާ ބުންޏެވެ.
މާލޭގައި ބާއްވާ 5 ކިލޯމީޓަރުގެ ރޭސްތަކުގައި ކޭވައިގެ ކުދިން އާއްމުކޮށް ބައިވެރިވެ އެވެ. އެގޮތުން އެންމެ ހަ އަހަރުގެ ކުދިން ވެސް ރޭސްތަކުގައި ދުވެ އެވެ.
"ކޭވައިއިން ބައިވެރިވާ ހުރިހާ ކުދިންހެން [5 ކިލޯމީޓަރުގެ ރޭސް] 45 މިނެޓުގެ ކުރިން ނިންމާނެ،" ޔަޒްނީ ބުންޏެވެ.
ރާއްޖޭގައި ވެސް މޮޅު ދުވުންތެރިން އުފެއްދިދާނެކަމުގެ ޔަގީންކަން ޔަޒްނީގެ ދެމަފިރިންނަށް އެބަ އޮތެވެ. އެކަމަކު އެއީ މިހާރު މަސައްކަތްކުރާ ގޮތަށް އެކަން ކޮށްގެންނެއް ނޫނެވެ. އެއީ ބުރަ އަދި އެހާމެ ބޮޑު މަސައްކަތެކެވެ. ގޮންޖެހުންތައް ވެސް އެހާމެ ގިނަ އެވެ. 
އެންމެ ބޮޑު އެއް ގޮންޖެހުމަކީ ކުޅިވަރުން ކުރިއަށް ނުދެވޭނެ ކަމަށް އޮންނަ ބޯދާ ވިސްނުމާ އަދިވެސް ދުރުނުވެވުމެވެ.
ޔަޒްނީ ބުނާ ގޮތުގައި އެކަން މިހާރު ބަދަލުވާން ޖެހެ އެވެ. ސަބަބަކީ ގައުމީ ޓީމަށް އަރަންޏާ ކޮންމެވެސް ކަހަލަ އުޖޫރައެއް މިހާރު ލިބޭތީ އެވެ. 
ދެން އޮތް އަނެއް ގޮންޖެހުމަކީ ކުދިންގެ ކިބައިގައި ސާބިތުކަން ނެތުމެވެ.
ވަރަށް މަތީ ހުނަރު ހުންނަ ދުވުންތެރިން ވެސް ވަކި ހިސާބަކުން ހުއްޓާލަނީ އެވެ. މިސާލަކަށް ގްރޭޑް 10 އަކަށް ދިއުމާ އެކު ތަމްރީންތައް އެއްކޮށް ދޫކޮށްލަނީ އެވެ. އަލުން ފަށައިގަންނަން އެކުދިންނަށް އުނދަގޫވެ އެވެ.
"އަމިއްލައަށް ޑީމޯޓިވޭޓް ވެގެން ހުއްޓާލެވެނީ، ހުއްޓާލައިފައި ބައެއް ކުދިން އަނެއްކާ ފަށާ. އަލުން ދެ މަސް ވަންދެން ޓްރެއިން ކޮށްފައި ދެން ކުރިއާ އެއްވަރަށް ޕާފޯމް ނުކުރެވިގެން ހުއްޓާލާ ކުދިން ވެސް އެބަ ތިބި،" ޔަޒްނީ ބުންޏެވެ.
"އަސްލު މި ތަމްރީންތައް މި ހަދަނީ ވަކި ގޮތަަކަށް. އެއް އަހަރު ވަރު ހުއްޓާލިޔަސް ރަނގަޅަށް ޓްރެއިން ކުރެވިއްޖެއްޔާ ކުރިން ހުރި ހިސާބަށް ދެވޭނެ ވަރަށް ޑެޑިކޭޓްވެއްޖެއްޔާ."
ޗަބާ ފާހަގަކުރީ އެހެން ކަމެކެވެ. މުހިއްމީ އެންމެ ކުޑައިރުއްސުރެ ދުވުމާއި ހަރަކާތްތެރިވާން ކުދިން ހޭނުވުމެވެ. ކުޑައިރު ފަށައިގެން ބަރާބަރަށް ޕްރޮގްރާމްތައް ކުރިއަށް ގެންދާ ނަމަ ކާމިޔާބީއާ ހަމައަށް ވާސިލްވެވޭނެ ކަމަށް އޭނާ ގަބޫލުކުރެ އެވެ.
"ދަރިފުޅަށް އެ ފުރުސަތު ހޯދައިދިނުން މުހިއްމު،" ބެލެނިވެރިންނަށް އަމާޒުކޮށް ޗަބާ ބުންޏެވެ.
އެކަމަކު ކުދިކުދި ކަންކަމާ ގުޅިގެން ވެސް ޕްރެކްޓިސްތަކަށް ކުދިން ނުފޮނުވަފާނެ އެވެ. މިއީ ބެލެނިވެރިންގެ ވިސްނުމާ ގުޅިފައި ހުންނަ މައްސަލައެކެވެ. ކުދިންނަށް ހިތްވަރުދީ، އުއްމީދު ގެނެސްދިނުމަކީ ބެލެނިވެރިންގެ ޒިންމާއެއްމެ އެވެ.
ރާއްޖެއިން ބޭރުން އައިސްފައި ހުރި މީހަކަށް ވާތީ ޗަބާގެ ވިސްނުން، އާންމުކޮށް ދިވެހިން މި ގެންގުޅޭ ގަބޫލުކުރުންތަކާ ތަފާތުވެ އެވެ. މިސާލަކަށް އޭނާ ދެއްކީ ގަޑި ނުޖެހޭ ނަމަ ބައެއް އޮފީސްތަކުންނާއި ސްކޫލުތަކުން ދޭ އެޓެންޑަންސް ސެޓްފިކެޓެވެ. އެކަމަކު އެއީ ކޮންމެހެން ސެޓްފިކެޓެއް ދޭން ޖެހޭ ކަހަލަ ކަމެއް ނޫނެވެ. އެއީ ބަޔަކު އަގުވަޒަންނުކުރިޔަސް ތިމާގެ ކިބާގަ އާއި ކުދިންގެ ކިބާގައި ހުންނަން ޖެހޭ މުހިންމު ސިފައެކެވެ.
ދެން ޗަބާއަށް ދިވެހިންގެ ތެރެއިން ފެންނަ ގޯސް އަނެއް ވިސްނުމަކީ މުބާރާތަކުން ބަލިވުމުން އެކަން ނަގާ ގޮތެވެ. މިސާލަކަށް ބަލިިވިޔަސް ޓީމާ ބައްދަލުކުރަން އެންމެން ނުކުންނަން ޖެހޭނެކަމަށް ދެކެ އެވެ. އެކަމަކު ބަލިވީމާ ބަލިވީ އެވެ. ދެން ބަލަން ޖެހޭނީ ކުރިއަށް އޮންނަ މުުބާރާތްތަކަށް ރަނގަޅުކުރާނެ ގޮތެކެވެ. ގައުމީ ޓީމެއް ބަލިވެގެން ރާއްޖެ އައުމުން މުޅި ގައުމު އެމީހުންނަށް މަރުހަބާ ކިޔަން ނުދާނެކަން ވިސްނަން ޖެހޭނެކަން އޭނާ ފާހަގަކުރި އެވެ.
ކާމިޔާބީއެއް ލިބޭނީ އެވަރަށް މަސައްކަތް ވެސް ކޮށްގެންނެވެ. އެ ހިސާބަށް ދެވޭނެކަން ކުދިންނާއި ބެލެނިވެރިން ގަބޫލުކޮށްގެންނެވެ.
ޗަބާ ބުނީ މޮޅު ދުވުންތެރިން އުފައްދަން ބޭނުން ނަމަ ކޯޗުންނާއި ބެލެނިވެރިންނާއި އެސޯސިއޭޝަން ވަރަށް ބޮޑަށް ގުޅިގެން މަސައްކަތްކުރަން ޖެހޭ ކަމަށެވެ. މިސާލަކަށް ކުދިންގެ ކިބާގައި ކެއުމުގެ ރަނގަޅު އާދަ އަށަގަންނުވަން ބެލެނިވެރިންނަށް މަސައްކަތްކުރެވޭނެ އެވެ. ހަމައެކަނި ފޮތަކުން އެނގިގެން ތިބޭ ކޯޗުންގެ ބަދަލުގައި މޮޅެތި އެތުލީޓުންނަށް ކުދިން ހަދައިދޭ ކޯޗުންނަށް ފުރުސަތު ދޭން އެސޯސިއޭޝަނުން ވިސްނަން ވާނެ އެވެ
"މި ކަހަލަ ވަރަށް ގިނަ ކަންކަން އެބަ ހުރި ރަނގަޅުކުރަން ޖެހޭ. އަހަރެމެން އެންމެން އެ މަގުން ދާން ޖެހޭނީ،" ޗަބާ ބުންޏެވެ.
ޔަޒްނީގެ ދެމަފިރިންގެ އުއްމީދުތައް މައްޗެވެ. މިސާލަކަށް ސާފް ގޭމްސްއިން ރަން ވަނަ ހޯދައިދޭން އެމީހުން ބޭނުންވެ އެވެ. އޭޝިއާގެ މުބާރާތްތަކުން ވިދާލާވަރުގެ ދުވުންތެރިން ނެރެން އެމީހުންގެ އަޒުމް އެބަ ހުއްޓެވެ. އެކުވެނި ޓްރެކްގައި ދެމަފިރިން އެތިބެނީ އެ ހުވަފެންތަކާ އެކުގަ އެވެ،
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ