ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އިލްތިމާސަކީ ރަސްމީ ގަޑީގައި މުވައްޒަފުންގެ މަސައްކަތް ނިންމުން ކަމަށް ސިވިލް ސާވިސް ކޮމިޝަަން (ސީއެސްސީ)ގެ ރައީސް މުހައްމަދު ނާސިހު ވިދާޅުވެއްޖެއެވެ.
ނާސިހު މިފަދައިން ވިދާޅުވީ ލޯކަލް ގަވަމެންޓު މިނިސްޓްރީން މިއަދު ބޭއްވި "އަހަރު މެދު މުރާޖައާ" ބައްދަލުވުމުގައި ދެއްކެވި ވާހކަފުޅުގައެވެ. އެ ވާހަކަފުޅުގައި އޭނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ވައުދުވެވަޑައިގެންނެވި ގޮތަށް ސިވިލް ސާވެންޓުންނާއި ކައުންސިލުތަކުގެ މުވައްޒަފުންގެ މުސާރަ މި އަހަރު ބޮޑުވެގެންދާނެ ކަމަށެވެ.
ނާސިހު މިފަދައިން ވިދާޅުވެފައިވާއިރު ދައުލަތުގެ މުވައްޒަފުންގެ އުޖޫރަ އެއް އުސޫލެއްގެ ތެރެއަށް ފެއްތުމަށް ސަރުކާރުން ފަށާފައިވާ ޕޭ ހާަމަނައިޒޭޝަން މަސައްކަތްތަކުގެ ތެރެއިން ސިވިލް ސާވެންޓުންގެ މުސާރަ މި އަހަރު ބޮޑުކުރައްވާނެކަމަށް ފެބްރުއަރީ މަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވެއެވެ.
އެ ވައުދުފުޅު ފުއްދުމަށް ކުރެވެމުންދާ މަސައްކަތްތަކަށް އަލިއަޅުވައިލައްވަމުން ނާސިހު ވިދާޅުވެފައިވަނީ، އެ މަސައްކަތް ކުރުމުގެ ގޮތުން ޕޭ ކޮމިޝަނާއި ކަމާ ގުޅުންހުރި އެހެނިހެން ދައުލަތުގެ އިދާރާތަކާއެކު މިހާރު މަޝްވަރާތައް ފައްޓަވާފައިވާ ކަމަށެވެ. އަދި ވަރަށް އަވަހަށް އެކަމުގައި ފުރިހަމަކުރަންޖެހޭ މަސައްކަތްތައް ނިންމައިލެވި ރައީސްގެ ވައުދުފުޅާ އެއްގޮތަށް މުވައްޒަފުންގެ މުސާރަ ބޮޑުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މުސާރަ ބޮޑުވާނެކަމުގެ ޔަގީންކަން ސިވިލް ސާވެންޓުންނަށް ދެއްވުމާއެކު ނާސިހު މުވައްޒަފުންނަށް އިލްތިމާސްކުރެއްވީ މުވައްޒަފުންގެ ޑިއުޓީ ވަގުތުތަކުގެ ތެރޭގައި ކުރަންޖެހޭ މަސައްކަތްތައް ނިންމައިލުމަށެވެ.
"ޑިއުޓީ ގަޑީގައި މަސައްކަތް ނުކޮށް، އޯވާޓައިމް ހޯދުމަށް މަސައްކަތް ކުރުމަކީ އެހާ ރަނގަޅު ކަމެއް ނޫން.،" ޑިއުޓީ ވަގުތުތަކުގައި މަސައްކަތް ނުނިންމައި ފަހުން މަސައްކަތްކޮށްގެން ޑިއުޓީން ބޭރުގައި އޯވާޓައިމް ހޯދުމަށް ބައެއް މުވައްޒަފުން މަސައްކަތްކުރާ ސަގާފަތަށް އިޝާރާތްކުރައްވައި ވިދާޅުވި އެވެ.
ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ދިވެހި ފުލުހުންނާއި ސިފައިންގެ މުސާރައަށް ހެޔޮ ބަދަލުތަކެއްވަނީ ގެންނަވާފައެވެ. އަދި ކުރީ ސަރުކާރުގައި ޓީޗަރުންނާއި ސިއްހީ ހިދުމަތްތެރިންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް ގެނެސް، ޕޭ ފްރޭމްވޯކަށް އެ މުވައްޒަފުން އިތުރުކޮށްފައިވެއެވެ.
ސިވިލް ސާވެންޓުންގެ މުސާރަ ބޮޑުކުރުމުގެ މަސައްކަތް ދަނީ ކުރިއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ