އަމީތާބު އަތުން ލިޔެފައިވާ ސިޓީއެއް ފަރާއަށް
ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު އަދި ކޮރިއަގްރާފަ ފަރާ ޚާނަށް ހިންދީ ސިނަމާގެ މެގަ ސްޓާ އަމީތާބް ބައްޗަންގެ ޚާއްސަ ޝުކުރުގެ ސިޓީއެއް ލިބިއްޖެކަން ފަރާ ހާމަކޮށްފިއެވެ. ފަރާ ސޯޝަލް މީޑިއާގައި މިކަމާ ގުޅިގެން ހިއްސާކުރި ވީޑިއޯގައި ބުނެފައިވަނީ އަމިއްލަ ޔޫޓިއުބް ޗެނަލްގައި އެންމެ ފަހުން ގެނެސްދިން ޝޯގައި އަމީތާބްގެ ޚާއްސަ ޝުކުރުގެ ސިޓީއެއް މިހާތަނަށް ލިބިފައި ނެތް ވާހަކަ ބުނީ މަޖަލަކަށް ކަމަށެވެ. އެކަމަކު، އެ ޝޯ ބެލުމަށް ފަހު ކުޅަދާނަ އެކްޓަރު އަމީތާބް ބައްޗަން ވަނީ ޖެހިގެން އައި ދުވަހު ފަރާ ފިލްމު އިންޑަސްޓްރީއަށް ކޮށްދެމުން އަންނަ ޚިދުމަތްތަކުގެ އަގުވަޒަންކޮށް ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީ ފަރާ ބަހައްޓާނީ ޚާއްސަ ފްރޭމްއަކަށް ލާފައި ކަމަށާއި މަޖަލަކަށް ހަދައިގެން ދެއްކި ވާހަކައަކާ ގުޅިގެން ނަމަވެސް އަމީތާބުގެ ޚާއްސަ ސިޓީއެއް ލިބުމަކީ އޭނާއަށް ލިބުނު ނުހަނު ބޮޑު ޝަރަފަކާއި އުފަލެއް ކަމަށް ފަރާ ވަނީ ބުނެފައެވެ. ފަރާ ޚާން އިންޑިއާގެ އެކްޓަރު އަމީތާބް ބައްޗަންއާ އެކު އަދި އަމީތާބްގެ ފަރާތުން ލިބުނު ސިޓީގެ ފޮޓޯއެއް ސޯޝަލް މީޑިއާގައި ދައްކާލަނީ--ފޮޓޯ/ހިންދުންސްތާންޓައިމްސް ފަރާއާއި އޭނާގެ ކައްކާގެ ގޮތުގައި މަސައްކަތްކުރާ ދިލިޕް ގުޅިގެން ގެނެސްދޭ ޔޫޓިއުބް ޝޯގައި އެންމެ ފަހުން ގެނެސްދިނީ ޒުވާން ބަތަލާ ރާދިކާ މާދްވަންގެ ގޭގެ ބަދިގޭގައި ކެއުމަކަށް އިންސާފުކުރާ މަންޒަރު ދައްކުވައިދިން އެޕިސޯޑެކެވެ. މި އެޕިސޯޑުގައި ރާދިކާ މުމްބާއީގައި ދިރިއުޅޭ ގެ ރީތިކަމުގެ ވާހަކަ ހުއްޓުމެއް ނެތި ފަރާ ދައްކަމުންދިޔައިރު ލޮލުގައި އަޅައިގަތީ އަމީތާބް ބައްޗަންގެ އަތުލިޔުން ފެންނަން ހުރި ޚާއްސަ ސިޓީއެކެވެ. ފްރޭމްކޮށްފައި އެ ލިޔުންކޮޅު ހުރީ ރާދިކާއަށް ލިބިފައިވާ އެހެނިހެން އެވޯޑުތަކާ އެކު އާންމުންނަށް ފެންނަ ގޮތަށް އެ ކަމަށް ޚާއްސަ ކުރެވިފައިވާ ޝޯކޭހެއްގައެވެ. އެ މަންޒަރު ފެނުމާ އެކު ފަރާ ވަނީ މިހާތަނަށް ފިލްމީ ދާއިރާގައި ރާދިކާއަށް ވުރެ ދިގު މުއްދަތެއް ވަންދެން މަސައްކަތްކުރިއިރު އަމީތާބްގެ ފަރާތުން އެފަދަ ލިޔުމެއް ލިބިފައިނުވާތީ އެކަމާ ޝަކުވާ ކޮށްފައެވެ. ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ ވަރަށް ގިނަ ފިލްމީ ތަރިންގެ ފިލްމުތަކުގައި ދައްކާ ޕާފޮމެންސްއާ ގުޅިގެން އަމީތާބްގެ ފަރާތުން ހާއްސަ މާބޮނޑިއަކާ އެކު އެ ފިލްމީ ތަރިންނަށް ތައުރީފުކޮށް އަމީތާބު އަމިއްލައަށް ލިޔެފައިވާ ސިޓީ އެއް ފޮނުވައެވެ. އިންޑިއާގެ އެންމެ ކާމިޔާބު އަދި ގިނަ ބައެއްގެ އިހުތިރާމާއި ސަޕޯޓު އޮންނަ އަމީތާބުގެ ފަރާތުން ލިބޭ އެ ލިޔުމަކީ ފިލްމީ ތަރިންނަށް އެވޯޑެއް ލިބުމަށްވުރެ މާ ބޮޑު އުފަލެއް ހާސިލުކުރުވާ ކަމެއް ކަމަށް ގިނަ ފިލްމީ ތަރިން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ