ހައި ކޯޓުގެ ފަނޑިޔާރުކަމަށް ޝަހީދު ހަމަޖެއްސުން ހުއްޓުވުމަށް، ސިވިލް ކޯޓަށް ހުށަހަޅައިފި

ހައި ކޯޓުގެ ފަނޑިޔާރުކަމަށް މުހައްމަދު ޝަހީދު ހަމަޖައްސަން ޖޭއެސްސީން ނިންމި ނިންމުން ހުއްޓުވައިދޭން އެދި ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.
ޝަހީދު، ހައި ކޯޓަށް އައްޔަނު ކުރުން ހުއްޓުވަން އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުއްވީ ޕްރޮސެކިޔުޓަ ޖެނެރަލް އޮފީހުގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާ އަހުމަދު ނައުޝާދެވެ.
ޖޭއެސްސީން، ޝަހީދު ހައި ކޯޓުގެ ފަނޑިޔާރަކަށް އައްޔަން ކުރަން ނިންމި ނަމަވެސް އޭނާގެ ޝަރުތު ހަމަނުވާކަން ފާހަގަކޮށް ނައުޝާދު ވިދާޅުވީ ހައި ކޯޓުގެ ފަނޑިޔާރުންގެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ދާއިރާގައި ގިނަ ދުވަހު މަސައްކަތް ކުރައްވާ، ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ބޭފުޅުންވެސް ހިމެނޭކަމަށެވެ.
އެހެންކަމުން ޝަހީދު އެ މަގާމަށް އައްޔަނު ކުރުމަކީ ޝަރުތު ހަމަވާ އެހެން ބޭފުޅުންނަށް ވެވޭ ބޭއިންސާފެއްކަމަށް ނައުޝާދު ވިދާޅުވިއެވެ. މި ސަބަބާއި ހެދި ހައި ކޯޓުގެ ފަނޑިޔާރުގެ މަގާމަށް ޝަހީދު އައްޔަންކުރުން ހުއްޓުވައިދިނުމުގެ ވަގުތީ އަމުރަކަށް އެދިވަޑައިގެންފައިވާކަން ނައުޝާދު ވަނީ ހާމަކުރައްވާފައެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީއިން ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ ވިތު އޮނާސް ހާސިލްކުރައްވާފައިވާ ޝަހީދު ވަނީ 5 އަހަރު ވަންދެން ހަނީވެލް ޓްޑްރޭޑިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގައި ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރެއްވާފައެވެ. މީގެ އިތުރުން ޝަހީދު ވަނީ ސިޔާސީ އެކްޓިވިސްޓެއްގެ ގޮތުގައި ގިނަ މަސައްކަތްކުރައްވާ، މި ސަރުކާރުގައި ހޯމްލޭންޑް ސެކިޔުރިޓީ މިނިސްޓްރީގެ ސިޔާސީ މަގާމެއް ވެސް އަދާކުރެއްވިއެވެ.
ހައިކޯޓުގެ 2 ފަނޑިޔާރުންގެ މަގާމު ހުސްވެފައި ވަނީ އެ ކޯޓުގެ ދެ ފަނޑިޔާރަކު ސުޕްރީމް ކޯޓަށް އައްޔަން ކުރުމާއި ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ