މެޑްރިޑް (ޖޫން 15) - އިނގިރޭސި ޗެމްޕިއަނުން ލިވަޕޫލްގެ ވާތުބެކް، އެންޑީ ރޮބަޓްސަން ގަތުމަށް ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑުން މަސައްކަތް ފަށާފައިވާ ކަމަށް ދެ ގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފި އެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން މި ފަހަރުގެ ހޫނު މޫސުމުގައި އެތުލެޓިކޯއިން އެންމެ އިސްކަމެއް ދެނީ ރޮބަޓްސަން، 31, ގެ ސޮއި ހޯދުމަށެވެ. އެހެން ނަމަވެސް ލިވަޕޫލުން އޭނާ އަކީ އަދިވެސް މުހިންމު ކުޅުންތެރިއެއްގެ ގޮތުގައި ބަލާތީ ރޮބަޓްސަން ގަތުން ފަސޭހަ ނުވާނެ ކަމަށް ބައެއް ނޫސްވެރިން ބުނެ އެވެ.
އިނގިރޭސި މީޑިއާ، "ދި އެތުލެޓިކް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެތުލެޓިކޯއާ ގުޅުމަށް ރޮބަޓްސަން ވަނީ ފެހި ސިގްނަލެއް ދީފަ އެވެ. އެތުލެޓިކޯ އިން ކުޅުންތެރިޔާއާ އެކު މަޝްވަރާކުރަމުން ދިޔަ ނަމަވެސް ރަސްމީކޮށް ލިވަޕޫލާ މަޝްވަރާކުރަން ނުފަށާ ކަމަށް އެ ނޫހުން ބުނެ އެވެ.
ލިވަޕޫލުން އަންނަނީ ވާތުބެކުގެ މަގާމަށް، ބޯންމައުތަށް ކުޅެމުން އަންނަ ހަންގޭރީގެ، މިލޯސް ކާކޭޒް، ހޯދުމަށް މަސައްކަތް ކުރަމުންނެވެ. ކާކޭޒް ލިވަޕޫލާ ގުޅުން ބޭނުންވާއިރު ދެ ކްލަބުން މަޝްވަރާތައް ފަށާފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. ލިވަޕޫލުގެ އިތުރުން މެންޗެސްޓާ ސިޓީން ވެސް ކުރިން ކާކޭޒްގެ ސޮއި ހޯދުމަށް މަސައްކަތް ކުރި އެވެ. އެކަމަކު، ސިޓީން ވަނީ ވުލްވްސް އަށް ކުޅޭ އަލްޖީރިއާގެ ޑިފެންޑަރު، ރަޔާން އަޔަތު-ނޫރީގެ ސޮއި ހޯދައިފަ އެވެ،
ވޭތުވެދިޔަ ސީޒަންތަކުގައި މޮޅު ކުޅުމެއް ދައްކަމުން އައި ނަމަވެސް މިދިޔަ ސީޒަނުގައި ރޮބަޓްސަންގެ ފޯމަށް ވަނީ އަސަރުކޮށްފަ އެވެ.
ޕްރިމިއާ ލީގުގައި ކުޅުނު 33 މެޗުގައި އޭނާ އަށް ލަނޑެއް ޖަހަން ތަނަވަަސްކޮށްދެވުނީ އެންމެ ފަހަރަކު އެވެ. ޑިފެންސިވް ކުޅުމުގައި ވެސް ރޮބަޓްސް މިދިޔަ ސީޒަނުގައި ދެއްކީ އޭނާގެ އާންމު މިންގަޑަށް ވުރެން ދަށް ކުޅުމެކެވެ.
މި ފަހުން ދިން އިންޓަވިއުއެއްގައި ރޮބަޓްސަން ވަނީ ލިވަޕޫލް ފަދަ ބޮޑު ކުލަބަކަށް ކުޅޭއިރު އަބަދުވެސް ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށް ބުނެފަ އެވެ. ޓީމުގައި ލިބޭ ރޯލާ މެދު ހިތްހަމަ ޖެހޭ ކުޅުންތެރިން ޓީމުގައި މަޑުކުރާނެ ކަމަށާއި އެންމެ މުހިންމު ކަމަކީ މެދުނުކެނޑި ކާމިޔާބަށް މަސައްކަތްކުރުން ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.
ހަލް ސިޓީ ދޫކޮށް ރޮބަޓްސަން، 2017 ވަނަ އަހަރު ލިވަޕޫލަށް ސޮއިކުރީ ނުވަ މިލިއަން ޑޮލަރަށެވެ.
ރޮބަޓްސަން ގަތުމަށް އެތުލެޓިކޯ އިން މަސައްކަތް ފަށައިފި ރޮބަޓްސަން ގަތުމަށް އެތުލެޓިކޯ އިން މަސައްކަތް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ