ބާސެލޯނާ އިން ރެއާލް ބަލިކުރުމުގެ ސިލްސިލާ ދަމަހައްޓައި ލީގު ހޯދުމާ ގާތަށް ބާސެލޯނާ އިން ރެއާލް ބަލިކުރުމުގެ ސިލްސިލާ ދަމަހައްޓައި ލީގު ހޯދުމާ ގާތަށް

ބާސެލޯނާ (މެއި 11) - ސްޕެނިޝް ލީގުގައި މިރޭ ފަހަތުން އަރައި 4-3 އިން ރެއާލް މެޑްރިޑް ބަލިކޮށް ބާސެލޯނާ އިން ލީގު ޗެމްޕިއަންކަން ޔަގީންކުރުމަށް އެ ޓީމުގެ ފެންވަރު ދައްކާލައިފި އެވެ.
ދާދި ފަހުން، ރެއާލް ބަލިކޮށް ކޮޕަ ޑެލް ރޭގެ ޗެމްޕިއަންކަން ހޯދި ބާސެލޯނާ އިން މި ވަނީ ޖެހިޖެހިގެން ހަތަރު އެލް ކްލަސިކޯ މެޗުން މޮޅުވެފަ އެވެ.
މި ނަތީޖާއާ އެކު، ބާސެލޯނާ އެއް ވަނައިގައި އޮތީ 35 މެޗުން 82 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ރެއާލަށް ވަނީ 35 މެޗުން 75 ޕޮއިންޓް ލިބިފަ އެވެ. ބާސެލޯނާ އިން ލީގު ޗެމްޕިއަންކަން ހޯދަން ދެން ބޭނުންވަނީ އެންމެ މޮޅެކެވެ.
އަމިއްލަ ދަނޑުގައި ބާސެލޯނާ އިން މި މެޗު ފަށަން ޖެހުނީ ދަށްކޮށެވެ. އެ ގޮތުން، ފަސް ވަނަ މިނިޓްގައި ބާސެލޯނާގެ ކީޕަރު ވޮޒްޝިއޭ ޝެޒްނީ އޭރިއާތެރެއިން ކީލިއަން އެމްބާޕޭ އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އޭނާ ވަނީ ގޯލަށް ވައްދާލައިފަ އެވެ.
އަދި، މެޗުގެ 14 ވަނަ މިނިޓްގައި، އެމްބާޕޭ ވަނީ ރެއާލްގެ ލީޑުފުޅާކޮށްދީފަ އެވެ. މިއީ، ވިނީޝިއުސް ޖޫނިއާ ދިން ބޯޅައަކުން އެމްބާޕޭ ޖެހި ގޯލެކެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ޖެހި ދެ ގޯލާ އެކު، އެމްބާޕޭ ވަނީ ރެއާލުގައި ހޭދަކުރާ ފުރަތަމަ ސީޒަނުގައި ރެކޯޑެއް ހަދައިފަ އެވެ. މި ލަނޑުތަކާ އެކު، އެމްބާޕޭ، މި ސީޒަނުގައި 38 ލަނޑު ހަމަކުރީ އެވެ. އެއާ އެކު، އެމްބާޕޭ އަކީ ރެއާލްގެ ތާރީހުގައި ވެސް އެ ޓީމަށް ކުޅުނު ފުރަތަމަ ސީޒަނުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ.
މީގެ ކުރިން، ފުރަތަމަ ސީޒަނުގައި ރެއާލަށް އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް އޮތީ، 1992/1993 ވަނަ އަހަރު ރެއާލަށް ކުޅުނު އިވާން ލުއިސް ޒަމޮރާނޯ އަތުގަ އެވެ. އޭނާ ވަނީ އެ ފަހަރު 45 މެޗުން 37 ލަނޑު ޖަހައިފަ އެވެ.
މި މެޗުން، ފަހަތުން އަރައި މޮޅުވި ބާސެލޯނާގެ ފުރަތަމަ ލަނޑު ޖަހައިދިނީ، އެ ޓީމުގެ ޑިފެންޑަރު، އެރިކް ގާސިއާ އެވެ. މިއީ، 19 ވަަނަ މިނިޓްގައި ފެރަން ޓޮރޭސް ދިން ބޯޅައަކުން ގާސިއާ ބޮލުން ޖެހި ގޯލެކެވެ. އަދި، ބާސެލޯނާ އިން އެއްވަރުކުރީ، މެޗުގެ 32 ވަނަ މިނިޓްގައި ޓޮރޭސް ދިން ބޯޅައަކުން އޭރިއާތެރެއިން 17 އަހަރުގެ ލަމީން ޔަމާލް ޖެހި ގޯލުންނެވެ. އަދި، އޭގެ ދެ މިނިޓް ފަހުން، ޕެޑްރީ ދިން ބޯޅައަކުން ރަފީނިއާ ވަނީ ގޯލު ޖަހައި، . ބާސެލޯނާ އަށް ލީޑުނަގައިދީފަ އެވެ.
ޔަމާލް
ފުރަތަމަ ހާފުގެ ފަހު މިނިޓްގައި ބާސެލޯނާ އިން ހަތަރު ވަނަ ގޯލެއް ޖެހި އެވެ. ރެއާލްގެ ލޫކަސް ވަޒްކޭޒް އަތުން ބޯޅަ ހޯދައި ޓޮރޭސް ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު ޖެހީ ރަފީނިއާ އެވެ.
ދެ ވަނަ ހާފުގައި ޑިފެންސަށް ވިސްނައިގެން ވަރަށް ބޮޑަށް ރެއާލުން ކުޅުނުއިރު، ބާސެލޯނާ އިން މި ހާފު ފަށައިގެން އެޓޭކަށް ޖެހިގެން ކުރި މަސައްކަތުގައި ގޯލެއް ޖެހޭތޯ ބެލި ނަމަވެސް އެކަން ވީ ނާކާމިޔާބެވެ.
މި ހާފުގައި ރެއާލުން ޖެހި ގޯލު 70 ވަނަ މިނިޓްގައި ކާމިޔާބުކޮށް، އެމްބާޕޭ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. ސީޒަނުގައި އެމްބާޕޭގެ 39 ވަނަ ގޯލު ކާމިޔާބުކުރިއިރު، މި ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ، ވިނީޝިއުސް އެވެ.
ރެއާލަށް އެއްވަރުކޮށްދޭން ވިކްޓަ މުނޯޒަަށް ލިބުނު ފުރުސަތުގައި ފޮނުވާލި ބޯޅަ ގޯލާ ސީދާ ވާގޮތެއްނުވި އެވެ. އޭގެ ފަހުން، މެޗުގެ އިތުރު ވަގުުތުގައި ބާސެލޯނާ އަށް ފާމިން ލޮޕޭޒް، އޭނާގެ 22 ވަނަ އުފަން ދުވަހު ޖެހި ގޯލު ބަލައިނުގަންނަން ރެފްރީ ނިންމީ ލޮޕޭޒްގެ އަތުގައި ބޯޅަ ޖެހުމުންނެވެ.
ބާސެލޯނާ އިން މި ސީޒަނުގައި ރެއާލް ބަލިކުރީ، ސްޕެނިޝް ސުޕަ ކަޕް ފައިނަލާއި ސްޕެނިޝް ކަޕް (ކޮޕަ ޑެލް ރޭ) ފައިނަލްގެ އިތުރުން ލީގުގެ ދެ މެޗުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ