ތެރަޕީއަށް ދިޔަ ކުއްޖަކަށް އަނިޔާކުރި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި
ތަފާތު ތެރަޕީތައްދޭ ފިޒިއޯ ކްލިނިކް-މޯލްޑިވްސްއަށް ދިޔަ ކުއްޖަކަށް ޖިސްމާނީ އަނިޔާ ލިބޭ ގޮތަށް މުވައްޒަފަކު އަމަލުކުރި މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފިޒިއޯ ކްލިނިކުން ދޭ ތެރަޕީތަކުގެ ތެރޭގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ދޭން ޖެހޭ ތަފާތު ތެރަޕީތައް ހިމެނެއެވެ. އިއްޔެ ސޯޝަލް މީޑީއާގައި އާންމުވެފައިވާ އެ ކްލިނިކްގެ ވީޑިއޯއަކުން، ދެ މީހަކު ވެގެން ގަދަ ކަމުން ކުޑަކުއްޖަކު ހިފަހައްޓަން އުޅޭ މަންޒަރު ފެނެއެވެ. އެ ވީޑިއޯއިން ފެންނަނީ އަންހެން މީހަކު އިތުރު މީހަކާއެކު އައިސް ކުޑަކުއްޖަކު ހިފަހައްޓަން އުޅޭ މަންޒަރެވެ. އެ ވީޑިއޯގައިވަނީ އެ ކުއްޖާ ހިފެހެއްޓުމުގެ ތެރޭގައި އޭނާގެ އަތަށް ލިބުނު ކަމަށް ބެލެވޭ އަނިޔާގެ މަންޒަރު ވެސް ދައްކައިފައެވެ. އެއިން ފެންނަ ގޮތުގައި ކޮނޑަށްވުރެ ތިރިން، ދެ ތަނަކުން އެ ކުއްޖާއަށް އަނިޔާވެފައިވެއެވެ. މިދިޔަ ހޯމަ ދުވަހު އެ ހާދިސާ ހިނގި ވަގުތު ހަމަ އެ ތަނުގައި ހުރި ކުޑަ މޭޒެއް ދޮށުގައި ފޮތެއް ހިފައިގެން އެހެން ކުޑަކުއްޖަކު އިންނަ މަންޒަރު ވެސް ފެނެއެވެ. ފުލުހުން އެ މައްސަލަ ތަހުގީގު ކުރަމުންދަނިކޮށް، ފިޒިއޯ ކްލިނިކުން ރޭ ނެރުނު ބަޔާނެއްގައި ވަނީ ވީޑިއޯއިން ފެންނަ ދެ މުވައްޒަފުން ވަޒީފާއިން ވަކިކޮށް، ކްލިނިކް ވަގުތީ ގޮތުން ބަންދުކޮށްފައިވާ ކަމަށް ބުނެފައެވެ. https://sun.mv/205878 މިއަދު ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ ކްލިނިކަކަށް ތެރެޕީނަގަން ދިޔަ ކުޑަ ކުއްޖަކަށް ޖިސްމާނީ ގޮތުން އަނިޔާ ވެދާނެ ގޮތަކަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ރޭ ދެ މީހަކު ހައްޔަރުކޮށްފައި ވާކަމަށެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައި ވަނީ އިންޑިއާއަށް ނިސްބަތްވާ އުމުރުން 24 އަހަރުގެ ރަޖޭޝްވަރި ސިވާކުމާރާއި އުމުރުން 24 އަހަރުގެ އީޝާ އެންޓެންނޮޓީއެވެ. ފުލުހުން ބުނީ އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތަށް އެ ދެމީހުން ބަދުކުރުމަށް އަމުރުކޮށްފައި ވާކަމަށެވެ. ފުލުހުން ބުނީ މި މައްސަލަ ފުލުހުން ތަހުގީގުކުރަމުން ގެންދާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ