މިދިޔަ އަހަރު ސިންގަޕޫރަށް 16.5 މިލިއަން މީހުން ޒިޔާރަތްކޮށްފި

ކޮވިޑުގެ ބަލިމަޑުކަމަށް ފަހު ސިންގަޕޫރަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރި އަހަރުގެ ގޮތުގައި މިދިޔަ އަހަރު ރެކޯޑު ކުރެވިއްޖެ އެވެ.
މިދިޔަ އަހަރު ސިންގަޕޫރަށް 16.5 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ސިންގަޕޫރު ޓޫރިޒަމް ބޯޑުން ވަނީ (އެސްޓީބީ) ހާމަކޮށްފަ އެވެ.
އެސްޓީބީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، 2025 ވަނަ އަހަރު ސިންގަޕޫރަށް 17 މިލިއަނާއި 18.5 މިލިއަނާ ދެމެދުގެ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތް ކުރާނެ ކަމަށް ލަފާކުރެވެ އެވެ. މިއީ ކޮވިޑުގެ ކުރިން، 2019 ވަނަ އަހަރު ރެކޯޑުކުރެވުނު 19.1 މިލިއަން ފަތުރުވެރިންގެ އަދަދާ ކައިރިވަމުންދާ ކަމުގެ ހެއްކެކެވެ.
މިދިޔަ އަހަރު ފަތުރުވެރިކަމުން ލިބުނު އާމްދަނީ 27.5 ބިލިއަން ސިންގަޕޫރު ޑޮލަރާއި 29 ބިލިއަން ސިންގަޕޫރު ޑޮލަރާ ދެމެދުގައި ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށް އެސްޓީބީން ބުނެފައިވެ އެވެ. މިއީ 2019 ވަނަ އަހަރު ރެކޯޑުކުރެވުނު 27.7 ބިލިއަން ސިންގަޕޫރު ޑޮލަރަށް ވުރެ މަތީ އަދަދެކެވެ.
މިދިޔަ އަހަރު އެންމެ ގިނަ ފަތުރުވެރިން ސިންގަޕޫރަށް ޒިޔާރަތްކޮށްފައިވަނީ ޗައިނާ، އިންޑޮނޭޝިއާ އަދި އިންޑިއާއިންނެވެ. އަދި އެންމެ ގިނަ ހަރަދުކުރި ފަތުރުވެރިންނަކީ ޗައިނާ، އިންޑޮނޭޝިއާ އަދި އޮސްޓްރޭލިއާގެ ފަތުރުވެރިންނެވެ.
މީގެ އިތުރުން، ޗާންގީ އެއާޕޯޓުގެ ބައިނަލްއަގުވާމީ ދަތުރުތަކުގެ އަދަދު 41 މިލިއަނަށް ވުރެ އިތުރުވެފައިވާ ކަމަށް އެސްޓީބީން ފާހަގަކޮށްފައިވެ އެވެ. މިއީ ކޮވިޑުގެ ކުރިން، 2019 ވަނަ އަހަރާ އަޅާބަލާއިރު ހުރި މިންވަރުގެ %98އާ ގާތް ކުރާ އަދަދެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ