ޖިންސީ ގުނަވަން ނޫން ތަންތަނުގެ ފޮޓޯ ނެގޭނެ ކަމަށް އަމުރުގައި ލިޔަނީ އާންމު އުސޫލުން: ފުލުހުން

ތަހުގީގަށް ފޮޓޯ ނަގާއިރު ޖިންސީ ގުނަވަން ނޫން ތަންތަނުގެ ފޮޓޯ ނެގޭނެ ކަމަށް ކޯޓު އަމުރުތަކުގައި ބަޔާން ކުރަނީ އާންމު އުސޫލުން ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ރައީސް މުހައްމަދު މުއިއްޒުގެ ދަރިަކަލެއްގެ ކަރާމާތައް އުނިކަން ލިބޭ ގޮތަށް ވާހަކަ ދެއްކި ކަމަށް ތުހުމަތު ކުރެވޭ މައްސަަލައިގެ ތަހުގީގަށް އެމްޑީޕީގެ އިސް އެކްޓިވިސް މަރިޔަމް ޒުބައިރު (މަންދީ) އާއި އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރު އަހްމަދު ސަލީމް (މާޒް ސަލީމް)ގެ ޖިންސީ ގުނަވަން ނޫން އެހެން ހުރިހާ ތަނެއްގެ ފޮޓޯ ނަގަން ކްރިމިނަލް ކޯޓުން އަމުރުކޮށް، އެ އަމުރާ ގުޅިގެން އެ ދެ މީހުންނަށް ފޮނުވާފައިވާ ޗިޓެއްގެ މައްސަލަ ވަނީ ހޫނުވެފަ އެވެ. އެގޮތުން:
ޗިޓުގައި އޮތީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އެ ދެ މީހުންގެ "ޖިންސީ ގުނަވަން ފިޔަވައި ހަށިގަނޑުގެ ބޭރު ފޮޓޯ ނެގުމަށާއި އަޑުގެ ސާމްޕަލް ނެގުމަށް" ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގާ ކަމަށް
އެ އަމުރުގައި އިބާރާތްތައް ބޭނުންކޮށްފައި ހުރި ގޮތުން އެ ދެ މީހުންގެ ފޮޓޯ ފުލުހުން ނަގަނީ 'ބަރަހަނާ'ކޮށްގެން ކަމަށް ބުނެ ފާޑުކިޔުން އަމާޒުވި
އެކަން ސާފުކުރުމަށް ފުލުހުން މިއަދު ވަނީ ބަޔާނެއް ނެރެފައި
ތަފްސީލު - ފުލުހުން މިއަދު ބުނި ގޮތުގައި، ޖިނާއީ ތަހުގީގަކަށް މީހެއްގެ ފޮޓޯ ނަގަން ބޭނުންވާ ނާމަ ނުވަތަ އަޑުގެ ސާމްޕަލެއް ބޭނުންވާ ނަމަ، އެކަން ކުރެވޭނީ އޭނާގެ ރުހުން އޮވެގެންނެވެ. ރުހުން ނުދޭ ކަމުގައިވާ ނަމަ އެކަން ކުރެވޭނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ:
ފޮޓޯ އާއި އަޑުގެ ސާމްޕަލް ހިމެނެނީ "ހަށިގަނޑުގެ ބޭރުން ނެގޭ ސާމްޕަލް"ގެ ތެރޭގައި
"ހަށިގަނޑުގެ ތެރެއިން ނެގޭ ސާމްޕަލް"ގެ ތެރޭގައި ޖިންސީ ގުނަވަނުގެ ފޮޓޯ ހިމެނޭ
"ހަށިގަނޑުގެ ތެރެއިން ނެގޭ ސާމްޕަލްގެ ތެރޭގައި ޖިންސީ ގުނަވަނުގެ ފޮޓޯ ނެގުމާއި ސާމްޕަލް ނެގުން ހިމެނޭތީ، ހަށިގަނޑުގެ ބޭރުގެ ފޮޓޯ އާއި އަޑުގެ ސާމްޕަލް ނެގުމަށް ކޯޓުން އަމުރު ނެރޭ ހާލަތުގައި، ޖިންސީ ގުނަވަން  ފިޔަވައި ހަށިގަނޑުގެ އެހެން ތަންތަނުގެ ފޮޓޯ ނެގޭނެ ކަމަށް އަމުރުގައި ބަޔާންކުރަނީ ޖިންސީ ގުނަވަނުގެ ފޮޓޯ ނުނެގޭނެކަން ސާފުކޮށްދިނުމަށެވެ،" ފުލުހުން ބުންޏެވެ.
"އާއްމުކޮށް ފޮޓޯ ނަގަނީ، ހެކީގެ ގޮތުގައި ފުޓޭޖަކުން ނުވަތަ ވީޑިއޯ ފުޓޭޖަކުން ފެންނަ މީހަކީ ވަކި މީހެއްތޯ ބަލަން ކޮމްޕެރިސަން ހަދަން ނުވަތަ އަޑަކީ ވަކި މީހެއްގެ އަޑެއްކަން ދެނެގަތުމަށެވެ."
ފުލުހުންގެ ބަޔާނަށް ފަހު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ހަށިގަނޑުގެ ބޭރުފުށުގެ ފޮޓޯ ނެގުމަށް ގާނޫނީ ގޮތުން ކޯޓުން އަމުރު ދިން ނަމަވެސް، މިފަދަ ކޮންމެ އަމުރަކާ ގުޅިގެން، ތުހުމަތުވާ މީހާގެ އަންނައުނު ބާލުވައިގެން ފޮޓޯ ނެގުމަކީ ކުރާ ކަމެއް ނޫން ކަމަށެވެ.
"ފުލުހުން ތަހުގީގުގެ ބޭނުމަށް ފޮޓޯ އާއި ސާމަޕް ނަގާނީ އެ މައްސަލައެއްގެ ތަހުގީގަށް ކޮންމެހެން ބޭނުންވާ މިންވަރަށެވެ،" ފުލުހުން ބުންޏެވެ.
އޭގެ އިތުރުން ފުލުހުން ބުނީ، މި މައްސަލައަކީ ޗިލްޑްރަންސް އޮމްބަޑްސްޕާސަން އޮފީހުން ހުށަހަޅައިގެން ތަހުގީގު ކުރަމުންދާ މައްސަލައެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ