ރާއްޖޭގެ ކުލަގަދަ ސިޔާސީ ތާރީހުން ހާދިސާއެއް; އުތީމު ދަރިކޮޅުގެ ނިމުން (ތިންވަނަ ބައި) ރާއްޖޭގެ ކުލަގަދަ ސިޔާސީ ތާރީހުން ހާދިސާއެއް; އުތީމު ދަރިކޮޅުގެ ނިމުން (ތިންވަނަ ބައި)

ދެވަނަ ބައި
ކަނބާ މަރިޔަމް ރަނި ކިލެގެފާނުން ވެރިކަން ހިންގެވި ގޮތާއި ބެހޭ ގޮތުން އެނގެން އޮތީ ހަސަން ތާޖުއްދީނު އޭނާގެ ތާރީޚުދީބާ މަހަލްގައި ލިޔުއްވި އެއްޗެއްކަމުގައި ވާނީ މި ލިޔުމުގެ ކުރީ ބައިތަކުގައިވެސް ދެންނެވިފައެވެ. އެކަމަނާގެ ނަންފުޅަކީ...އާދެ "އެނދި މަރިޔަނބު"ގެ ނަންފުޅަކީ އާއްމު ދިވެހީންގެ ދޫތަކުގައި މިއަދުވެސް މަޝްހޫރު ނަންފުޅެކެވެ. މިހެންމިކަންވެފައި ވަނީ އެކަމަނާގެ ޝަޚުސިއްޔަތާއި މިޒާޖުފުޅާއި ގުޅޭ ގޮތުން ހަސަން ތާޖުއްދީނު ކުރައްސަވާފައިވާ ތަސްވީރުތަކެއްގެ ސަބަބުންނެވެ. އެކަމަނާއަކީ ޕޯޗުގީޒުންގެ އަތުން ރާއްޖެ ސަލާމަތް ކުރެއްވި ބަތަލް އުތީމު ބަންޑާރައިން އުފަންކުރެއްވި "އުތީމު ދަރިކޮޅު" ގެ އެންމެ ފަހު ދުވަސްތަކުގައި ފާހަގަކުރެވޭ ޝަޚުސިއްޔަތެކެވެ. އެދަރިކޮޅުގެ ރަސްކަމުގެ ތަހުތާއި ގާއިމު މަގާމެއްގެ ގޮތުން ހަވާލުވެ އިންނެވި ކަމަނާއެކެވެ.
އުތީމު ދަރިކޮޅުގެ ރަސްކަން ނިމިގެން ދިޔަ ގޮތާއި ބެހޭގޮތުން ތަހުލީލީ ނަޒަރަކުން ބަލާ މީހަކު އެނބުރި ބަލާން ޖެހެނީ އެކަމަނާ ރާއްޖޭގެ ރަސްކަން ހިންގެވި ދުވަސްވަރުގެ މައްޗަށެވެ. އެހެންނަމަވެސް ފެންނަން އޮތް ހަމައެކަނި މަސްދަރަކީ ހަސަން ތާޖުއްދީނުގެ މަސްދަރެވެ. އެއީ ބާރުގަދަ މަސްދަރެއްވެސްމެއެވެ. ސަބަބަކީ ހަސަން ތާޖުއްދީނަކީ އެދުވަސްވަރުގައި ދިރިއުޅުއްވި އެކަމަނާގެ ރަސްކަން ވަރަށް ގާތުން ދެކެލެއްވި ބޭކަލަކަށްވާކަމެވެ. އެހެންނަމަވެސް ތަހުލީލީ ނަޒަރަކުން ބަލާ މީހަކަށް އެ މަސްދަރުގައިވާ މައުލޫމާތުތައް އެހުރި ގޮތެއްގެ މައްޗަށް އަކުރުންއަކުރަށް ގަބޫލުކުރެވޭކަށްވެސް ނެތެވެ. އެންމެ ބޮޑު ސަބަބަކީ ހަސަން ތާޖުއްދީނަކީ ހަމައެކަނި ތާރީހު ލިޔުއްވި ބޭކަލަކަށް ނުވާކަމެވެ. އޭނާ ލިޔުއްވާފައިވަނީ ސިޔާސީ އިލްމުގެ ފޮތެއްކަމުގައިވެސް ވާތީއެވެ. ހަމައެހެންމެ އެއީ ސިޔާސީ ބޭކަލެއްކަމުގައިވެސް ވާތީއެވެ.
އާދޭހެވެ! ހަސަން ތާޖުއްދީނަކީ ސީދާ ގޮތުން ކަނބާ މަރިޔަމް ރަނިކިލެގެފާނާއި ދެކޮޅަށް ނިކުންނަވާ ހުންނެވި ސިޔާސީ ބޭކަލެކެވެ. އަދި އެކަމަނާގެ ފުށުން އެތައް ދުއްތުރާއަކާއި ނުކުސާނެއް ޖެހުނު ބޭކަލެކެވެ. މީގެ އިތުރުން އަދަބުވެސް ލިބިލެއްވި ފަރާތެކެވެ. ތާޖުއްދީނަކީވެސް އިންސާނެކެވެ. އިންސާނާއީ އޭނާގެ ހިތުގައި ތަފާތު ޝުއޫރުތައް ލައްވާފައިވާ މަހުލޫގެކެވެ. މިހެންކަމުން ހަސަން ތާޖުއްދީނު އެކަމަނާ އާއި ބެހޭގޮތުން ލިޔުއްވާފައިވާ އެއްޗެއް ލިޔުއްވުމުގައި ކުރިމަތިލައްވަން ޖެހުނު ނުކުސާންތަކާއި ދުއްތުރާތަކުގެ ސަބަބުން ހިތުގައި އޮތް ޝުއޫރެއްގެ އަސަރުކޮށްފައިވޭތޯ ކޮންމެ މުހައްލިލަކުވެސް ވިސްނާވަޑައިގަންނަވަން ވާނެއެވެ.
އެދުވަސްވަރުގެ ހާދިސާތައް ނިއުޅަމުން ދާއިރު ހަސަން ތާޖުއްދީނު ކުރެއްސެވި މަންޒަރު ނޫން އެހެން މަންޒަރެއް ވޭތޯ ބެލުމަކީ ނެތްކަމެއް ނޫނެވެ. އެހެނަސް އެނޫން މަންޒަރެއް ހޯދުމަށް އުޅޭ މީހާގެ ކުރިމަތީގައި ވަނީ އެމީހެއްގެ އަމިއްލަ ބުއްދިޔާއި ތާރީހާ ޒަމާންވީ ދިވެހި ސަގާފަތާއި އުސޫލުތަކެވެ. ރާއްޖޭގެ ރަސްކަން ބަދަލުވުން ހުރިނެތް ގޮތާއި، ރަސްކަމުގެ މައްޗަށް ރަނިކިލެގެއިންގެ ބާރާއި ނުފޫޒު އޮންނަ މިންވަރާއި، ކިލެގެ ބޭކަލުން ރަސްކަމުގެ މައްޗަށް ގަދަވެފައި ހުރިނެތް ގޮތާއި، ތުއްޕުޅު ރަސްކަލަކު ރަސްކަމުގައި ވަޑުފައިފިނަމަ ދެން ވެފައި ހުރި ގޮތްތަކުގެ މައްޗަށް ބަލަމުން އެ ދުވަސްވަރުގެ ހާދިސާތައް ނިއުޅުވުން މުހިންމެވެ.
ވެލާނާ ތަކުރުފާނު ވައްޓާލުމަށްފަހު ކަނބާ މަރިޔަމް ރަނިކިލެގެފާނުން ރަސްކަމުގެ ގާއިމު މަގާމަކަށްވެވަޑައިގެންނެވި ވާހަކަ ކުރީގެ ލިޔުންތަކުގައި ދެންނެވިއްޖެއެވެ. ހަމައެހެންމެ ރަނިކިލެގެއިންނަކީ ކޮބައިކަމާއި ކިލެގެ ބޭކަލުންގެ މަޖިލީހުގެ ވާޖިބާތުތަކާއި ދިވެހި ރަސްކަމުގެ ފާޑާއި ތަބީއަތުގެ މައްޗަށް ކޮންމެވެސް މިންވަރަކަށް ވާނީ އަލިއަޅުވާވެސް ލެވިފައެވެ. ރާއްޖޭގެ ކުލަގަދަ ސިޔާސީ ހަޔާތުގެ މައްޗަށް ތަހުލީލީކޮށް ބެލުމުގައި އެދުވަސްވަރު ރާއްޖޭގެ "ޕޮލިޓިކަލް އެޑްމިނިސްޓްރޭޓިވް" ނިޒާމު އެކުލެވިފައި އޮތްގޮތް ވަރަށް ރަނގަޅަށް އެނގުން މުހިންމުކަމުގައި ދެކެމެވެ. ދަންބެރަށްވުރެ ތަގުޑި ދިގުވެގެން މިއުޅެނީވެސް އެހެންވެގެންނެވެ.
އާދޭހެވެ! ކަނބާ މަރިޔަމް ދައުލަތް ހިންގަވަން ފެއްޓެވުމަށްފަހު އެންމެ ފުރަތަމަވެސް ކުރެއްވީ ވަރަށް ބޮޑު ތުހުމަތެކެވެ. އެއީ އެއިރު ރާއްޖޭގެ އިސްވަޒީރުގެ މަގާމުގައި ހުންނެވި މުހައްމަދު ފާށަނާ ކިލެގެފާނާ ދެކޮޅަށް ކުރެއްވި ތުހުމަތެކެވެ. އެކަމަނާ ވިދާޅުވަނީ އެކިލެގެފާނު އުޅުއްވަނީ ތުއްޕުޅު ރަދުންގެ ރަސްކަން ފޭރިގަންނަން ކަމުގައެވެ. މި ދެންނެވި އިސްވަޒީރަކީ ރަސްގެފާނުގެ ދެބޭންގެ ދެދަރި ބޭބޭފުޅެއްވެސްމެއެވެ. ރަނިކަމަނާގެ މި ތުހުމަތާއި އެކު ޝާހީ ލަޝްކަރު ނިކުންނަވާ ފާށަނާ ކިލެގެފާނު ވަޒީރުކަމުން ދުރުކުރައްވާފައި ފުވައްމުލަކަށް ފޮނުވާލެއްވިއެވެ. ތުއްޕުޅު ރަދުންގެ ރަސްކަން ހިމާޔަތް ކުރެއްވުމަށެވެ.
މި ތުހުމަތު އެކަމަނާ ކުރެއްވި ސަބަބާއި ގުޅޭ ގޮތުން ހަސަން ތާޖުއްދީނު ލިޔުއްވަނީ ރަނިކަމަނާ އެ ތުހުމަތެއް ކުރެއްވީ އެކަމަނާ ހާސިލުކުރައްވަން އުޅުއްވި ފާހިޝްގުޅުމެއް ހާސިލު ނުވީމާ އެކަމާ އިސްވި ކޯފާއަކުންކަމުގައެވެ. ތާޖުއްދީނު ލިޔުއްވާ ގޮތުންނަމަ ރަނިކަމަނާ އެންމެ ފުރަތަމަ އުޅުއްވީ ފާށަނާ ކިލެގެފާނާއި ހިތްޕުޅާވެގެންނެވެ. އެކަމަނާގެ މަގުސަދަކަށް އެންމެ ފުރަތަމަ ވެފައި އޮތީ އެ ކިލެގެފާނާއި އެކު ނަހަމަ ގުޅުމެއް ހިންގެވުމަށެވެ. އެހެންނަމަވެސް އެކަމަށް އެކިލެގެފާނު އިންކާރު ކުރައްވާ ބަރީއަވެވަޑައިގެންނެވުމުން ތުއްޕުޅު ރަދުންގެ ރަސްކަން އަތުލައްވަން އުޅުއްވާކަމުގެ ދޮގު ތުހުމަތު އެކަމަނާ ކުރެއްވީކަމަށް ތާޖުއްދީނު ދެކެލައްވައެވެ.
ފަހަރުގައި ތާޖުއްދީނު އެ ލިޔުއްވާ ފަދައިން އެކަމަނާ ފާށަނާ ކިލެގެފާނާއި ދެމެދު ނަހަމަ ގުޅުމެއް ހިންގަވާން އުޅުއްވީކަމުގައިވެސް ވެދާނެއެވެ. އެހެން ނަޒަރަކުން ވިސްނާނަމަ އެއީ އެކަމަނާގެ އިސްތަށިފުޅުގައި އަޅުވާފައިވާ ދޮގު ތުހުތަމެއްކަމުގައިވެސް ވެދާނެއެވެ. ތުއްޕުޅު ރަސްކަލެއް ތަހުތުގައި އިންނަވާ އިރު އެ އާއިލާގެ އެހެނިހެން ބޭބޭފުޅުން ތަހުތާ ދިމާ ކުރުމަކީ ހަމަ ވުން ގާތްވެސް ގޮތެކެވެ. މިކަން މިގޮތަށް ހިނގާފައި ވާތީ ތާރީހުން ފެނޭވެސްމެއެވެ. ރަސްކަން އަތުލައްވަން އުޅުއްވާކަމުގެ ތުހުތަމަތު ކުރެވުނު ފަރާތަކީ ރަދުންގެ ދެބޭންގެ ދެދަރި ބޭބޭފުޅެވެ. އެ ބޭބޭފުޅު ކައިވެނިވެގެން ހުންނެވި ފަރާތަކީ ރަނިކަމަނާ ސިޔާސީ ބާރު ހޯއްދެވުމަށްޓަކައި އެންމެ ފުރަތަމަ ވައްޓާލި ފެންފުށީ ވެލާނާ ތަކުރުފާނެވެ.
ވިސްނަވާށެވެ! ވެލާނާ ތަކުރުފާނު މަގާމުން ދުރުކުރައްވާ ރަސްކަމުގެ އެންމެހާ ބާރުތައް ރަނިކަމަނާ މިލްކު ކުރެއްވި ހިސާބުން ރާއްޖޭގެ ސިޔާސީ މައިދާނުގައި ކުޅިބައި ދުއްވަވާން ތިއްބެވި ބޮޑުން ދެފަޅިޔަށް ބައިވެގެން ދިޔައީއެވެ. އެއްފަޅިޔަކީ ރަނިކަމަނާގެ ފަޅިއެވެ. އަނެއް ފަޅިޔަކީ ވައްޓާލި ވެލާނާ ތަކުރުފާނުގެ ފަޅީގެ ބޭކަލުންނެވެ. ރަދުންގެ ދެބޭންގެ ދެދަރި ބޭބޭފުޅު އެ ވެލާނާ ތަކުރުފާނުގެ އަންހެން ދަރިޔާ ކައިވެނިވެ ހުރެގެން ރަސްގެފާނުގެ މަންމާފުޅުގެ ފަޅީގައި ހުންނަވާފާނެއެކޭ ހިޔެއް ނުވެއެވެ. ހަމައެހެންމެ ސިޔާސީ ބާރުތައް ގެއްލުނު ފަރާތްތައް..އާދެ އެއްކަލަ ވެލާނާ ތަކުރުފާނުގެ ފަޅީގެ ބޭފުޅުން އެ ފާށަނާ ކިލެގެފާނު ތަހުތައް އިސްކުރައްވަން މަސައްކަތް ކުރައްވަފާނޭކަމަށް ބެލުމުގެ ފުރުސަތުވެސް ތާރީހު ދެއެވެ.
ނުބަލާންވީ ކީއްވެގެންތޯއެވެ. ފާށަނާ ކިލެގެފާނުގެ ބަފާކަލޭގެ (އަންހެނުންގެ ބައްޕަ) މަގާމުން ދުރުކޮށްފިއެވެ. އެ ތަކުރުފާނުގެ ފަޅީގެ އެހެނިހެން ވަޒީރުންގެ ބާރުތައްވެސް ކަނޑުވާލައްވައިފިއެވެ. ދެން ގެއްލުނު ސިޔާސީ ބާރާ އާރު އެ ޖަމާއަތަށް ހޯއްދެވޭނީ ތުއްޕުޅު ރަދުން ރަސްކަމުން ވަކިކުރައްވައިގެންނެވެ. ރަސްކަމަކީ ވިރާސަތުގެ އެއްޗެކެވެ. ވީމާ ހަމަ ކޮންމެ ކޮންމެ މީހަކު ގޮސް ތަހުތުގައި އިށީނދެ އިސްތަށިފުޅުގައި ތާޖު އެޅުއްވިއެއްކަމަކު އެމީހެއްގެ މައްޗަށް މުޅި ގައުމު ލެނބިގެނެއް ނޯވެއެވެ. މިއީ ދުނިޔޭގެ އާދައެވެ. ވީމާ ރަސްކަމުގެ ނިޒާމުގައި ވެރިކަން ބަދަލުކުރާން ތެދުވާއިރު އެ ރަސްކަމެއް ހިނގަހިނގާ އޮތް ދަރިކޮޅަކާއި ގުޅުން އޮތް ފަރާތެއް ހޯދަން ޖެހިދެއެވެ. މިގޮތުން އެދުވަސްވަރު ކުޑަ މުހައްމަދު ރަސްގެފާނަށް ފަހު ދެން އުތީމު ދަރިކޮޅުގެ ވަލީ އަހުދަކަށް ވާނެ އެންމެ ލާއިގު ފަރާތަކީ އަވަހާރަވި ރަދުންނަށް ބޮޑުބޭބެ ވިދާޅުވާ އެ ފާށަނާ ކިލެގެފާނެވެ.
މި ދެންނެވި ފާށަނާ ކިލެގެފާނާ ހަސަން ތާޖުއްދީނާ އަދިވެސް އިތުރު ބައެއް ބޭބޭކަލުން ތިއްބެވީ ރާއްޖެއިން ބޭރުން ދުރުވި ބޭކަލެއްގެ އަތްޕުޅު މައްޗަށް ބައިއަތެއް ހިއްޕަވައިގެންނެވެ. އެބޭކަލަކީ މާބޮޑު ވަލީވެރިޔެއްކަމަށް ދައުވާ ކުރަމުން މި ސަރަހައްދުގެ އެކި ކަރަތަކަށް ދަތުރު ކުރައްވަމުން ގެންދެވި ފަރާތެކެވެ. އަވަހާރަވި އިސްކަންދަރު ރަސްގެފާނުގެ ޒަމާނުގައި އޭނާ ވަނީ ރާއްޖެއަށް ދުރުވެފައެވެ. އޭނާ ދުރުވުމުން އިސްކަންދަރު ރަސްގެފާނު އޭނާއަކީ ވަރަށް ބޮޑު ދަންނަ ބޭކަލެއްކަމަށް ދެކިވަޑައިގެން އިއްޒަތާއި ގަދަރުވެސް ދެއްވިއެވެ. އެހެންނަމަވެސް ފަހުން އޭނާގެ ނުފޫޒާ ބާރު ރަސްކަމުގެ މައްޗަށް ހިންގާން އުޅުމާ އޭނާގެ ފުށުން ދިވެހީންގެ އާއްމު ދިރިއުޅުމުގެ މައްޗަށް ތަފާތު އެކި ކަހަލަ ނުފޫޒުތައް ފޯރަމުން ދިޔަ ދިޔުމުގެ ސަބަބުން އިސްކަންދަރު ރަސްގެފާނާ އޭނާ އާއި ދެމެދު ރުޅިވެރިކަން އުފެދި އޭނާ ރާއްޖެ ދޫކުރެއްވީއެވެ.
ރާއްޖެއިން ބޭރުގައި އޭނާ ހުންނަވައިގެން ދިވެހި ސިޔާސަތުގެ މައްޗަށް ނުފޫޒު ފޯރުވުމަށްޓަކައި އޭނާ ތަފާތު އެތައް ކަމެއް ކުރައްވަމުން ގެންދަވާފައި އޮވެދާނެކަމަށް ބެލުމުގެ ފުރުސަތު ތާރީހުން ފެނެއެވެ. އެހެނީ ރަނިކަމަނާގެ އަތްޕުޅަށް ރަސްކަމުގެ ބާރުތައް ލިބި، ތާޖުއްދީނު ފަދަ އެތައް ބަޔަކު ގައުމު ދޫކޮށް ރާއްޖެއިން ބޭރަށް ދުރުވީތީއެވެ. އެތަންތަނުގައި ތިއްބަވައިގެން އެބޭކަލަކާ ތާޖުއްދީނުމެންނާ ދެމެދު ދައުލަތް އިސްލާހުވާން ދެން އޮތް ހަމައެކަނި މަގަކީ ރަސްކަން ބަދަލުވުން ކަމުގައި ވާހަކަ ދެއްކެވުން ގާތެވެ. މިއީ ޚިލާކެވެ. އެހެނަސް މިކަން މިމަގުން ހިނގުމަކީ ނުވުމަށްވުރެ ގާތް ގޮތެއްވެސްމެއެވެ.
އެހެނީ އުތީމު ދަރިކޮޅުގެ ރަސްކަން ނިމިގެން ދިޔައީ މި ދެންނެވި ފަރާތް ދޮގު ހަދީސެއް ކިޔުއްވައިގެން ރަސްކަން ހިއްޕެވުމާ ގުޅިގެންކަމަށް ފެންނާން އޮންނާތީވެސްމެއެވެ. އެވާހަކަ އަދި ފަހުން އަންނާނެއެވެ. އާދޭހެވެ! ކޮންމެ ގޮތެއްކަމުގައި ވިޔަސް ވައްޓާލި ވެލާނާ ތަކުރުފާނުގެ ފަޅީގެ ބޭކަލުން ރަސްކަމުގެ މައްޗަށް ބާރާ ނުފޫޒު ފޯރުވަން މަސައްކަތެއް ނުކޮށް ތިއްބަވާފާނެކަމަށް ބެލުމަކީ މުޅިން ރަނގަޅު ގޮތެއްކަމުގައި ނުދެކެމެވެ. އެއީ ސިޔާސީ ބޭކަލުންގެ އަބީއަތެއްވެސް ނޫނެވެ.
ވެލާނާ ތަކުރުފާނާ ފާށަނާ ކިލެގެފާނާ އަދިވެސް އެފަޅީގެ އެހެނިހެން ބޮޑުން މަގާމުތަކުން ދުރުކުރެއްވުމަށްފަހު އެ މަގާމުތަކަށް އެކަމަނާ އިސްކުރެއްވީ އެކަމަނާގެ ގާތްތިމާގެ ބޭބޭކަލުންނެވެ. އެއްބަނޑު ތިމާގެ ބޭކަލުންނެވެ. މިގޮތުން އެކަމަނާގެ އަޚު އަލީއަށް އިސްވަޒީރުކަން ދެއްވިއެވެ. ހަމައެހެންމެ އެކަމަނާގެ އަނެއް ދެ އަޚުން ކަމުގައިވާ އިބްރާހިމު އާއި އީސާއަށް ވެސް ވަޒީރުކަމަށް ކޮލިލެއްވިއެވެ. މި ލިޔުމުގެ ދެވަނަ ބައިގައި އަޅުގަނޑު ވާނީ އެކަމަނާގެ އެއްބަނޑު ތިމާގެ މީހުންނަށް މަގާމު ދެއްވި ދެއްވުން އެއީ އެކަމަނާގެ ގޯސް ސިފައެއްކަމުގައި ދަންނަވާފައެވެ. އެއީވެސް ބެލެވިދާނެ ނަޒަރިއްޔާއެކެވެ.
އެހެންނަމަވެސް އެނޫން ނަޒަރަކުންވެސް އެކަމާއި މެދު ވިސްނައިލުން ކިއެއްތޯއެވެ. ވަށަވަށައިގެން އަދާވާތްތެރިން ތިތި ތަނެއްގައި ކޮންމެ މީހަކުވެސް އެންމެ ގާތްކުރާނީ އެމީހަކަށް އެންމެ އިތުބާރު ހިފޭނޭ ފަރާތްތަކެވެ. އެގޮތުން އެކަމަނާވެސް ރަސްކަމުގެ ކޮއިލުތެރޭގައި ތިއްބެވި އެކަމަނާގެ އަދާވާތްތެރިން ބޭރު ކުރެއްވުމަށްފަހު އެ މަގާމުތަކަށް އެއްބަނޑު ތިމާގެ މީހުން ގެންނެވީ ކަމުގައި ބެލުމުގެ ފުރުސަތު އެބަ އޮތެވެ. އެއީ ގައިމު ޔަގީނުން އެކަމަނާއަށް ގަދަރުވެރިވެ ވަޑައިނުގަންނަވާނޭ ބޭކަލުން މަގާމުތަކުގައި ބޭތިއްބެވުމަށް ކަމުގައި ކުރެއްވިކަމެއްކަމަށް ބެލެވެއެވެ. ރަނގަޅަށް ޕަވަރު ކޮންސޮލިޑޭޓް ކުރެއްވުމަށެވެ. މިކަން އެންމެ ބޮޑަށް ޔަގީންކޮށްދެނީ ޝާހީ ލަޝްކަރުގެ ތެރެއިން މީހަކާއި އެކަމަނާ ކައިވެނި ކުރައްވާ ލަޝްކަރުގެ ވެރިކަން..... އާދެ ދޮށިމޭނާ ކިލެގެފާނުކަން އޭނާއަށް ދެއްވީމައެވެ.
ކުޑަ މުހައްމަދު ރަސްގެފާނުގެ ރަސްކަމަށް ވާދަކުރުމުގެ ފުރުސަތު އޮތް ފަރާތަކީ އިސްވެ ދެންނެވުނު ފާށަނާ ކިލެގެފާނެވެ. އެ ކިލެގެފާނު އުޅުއްވަނީ ރަސްގެފާނުގެ ރަސްކަން އަތުލައްވަން ކަމަށް އެކަމަނާ އެކުރެއްވި ތުހުމަތެއްގެ ސީދާ ދޮގުތެދު ހޯދުމަކީ ތާރީހުން ވާން އޮތްކަމެއް ނޫނެވެ. އެހެންނަމަވެސް އެކަމަނާ ކުރައްވަމުން ގެންދެވި ހުރިހާ އަމަލަކަށް ބެލުމުން އެ ތުހުމަތާއި މެދު ސިޔާސީ ނަޒަރަކުން ވިސްނާއިރު ލިބޭ ފުރިހަމަ ޖަވާބެއް އެބައޮތެވެ. އެއީ އެކަމަނާގެ ރަސްކަމުގެ ބާރު ކޮންސޮލިޑޭޓު ކުރެއްވުމެވެ. ހަމައެހެންމެ ތުއްޕުޅު ރަދުންނަށް ނުރައްކަލެއް އަތުވެދާނެކަމަށް ހީވާ ކަހަލަ އެފަދަ "ޕްޓެންޝަލެއް" ހުރި ފަރާތްތައް ވެރިކަމުގެ ކޮއިލުން ބޭރު ކުރައްވާ އެފަދަ އެއްވެސް ނުރައްކަލަކަށް ޖާގައެއް ނޯންނާނެހެން ކަން ކުރެއްވުމެވެ.
ވެލާނާ ތަކުރުފާނާ ފާށަނާ ކިލެގެފާނު ވައްޓާލުމާ، ފަނޑިޔާރު ތަކުރުފާނާ މުޅި ލަޝްކަރު އެކަމަނާގެ ކޮޅަށް އޮތުމާ ހަމައެހެންމެ ސިފައިންގެ ތެރެއިން ބޭކަލަކާއި ކައިވެނިވެ އެ ފިރިކަލުންނަށް ސިފައިންގެ ވެރިކަން ދެއްވުމުގެ އިތުރުން އެއްބަނޑު ތިމާގެ މީހުން ކިލެގެއިންނަށާއި ވަޒީރުން ގޮތުގައި ލެއްވި ލެއްވުމަކީ ހައްތަހާވެސް އެކަމަނާ ވެރިކަން އެއްކޮށް މުށުތެރެއަށް ލައްވަވާ އެކަމަނާއާއި ތުއްޕުޅު ދަރިކަލުންނަށް ސިޔާސީ ގޮތުން އަތުވެދާނެ އެންމެހައި ނުރައްކައުތަކުން ސަލާމަތްވެ ހުރުމަށް ކުރެއްވިހާ ކަންކަން ކަމުގައި ފެނެއެވެ. މި އެންމެހައި އަމަލުތަކުން ކަނބާ މަރިޔަމް ރަނިކިލެގެފާނަކީ ކޮންކަހަލަ ޝަޚުސެއްގެ ވެރި ރަނިކަމަނާއެއްކަން ބުނެދެއެވެ. އެއީ ކިތަންމެހައި ވެސް ސިޔާސަތަށް މޮޅު ސިޔާސީ މުހައްލިލެއްކަމެވެ. ދިވެހި ސިޔާސީ މައިދާނަށް ފަރިތަ ކަމަނާއެއްކަމެވެ. އަދި އެޒަމާނުގެ މީހުން ބޯލަނބާ ފަދަ ކޮންމެވެސް މިޒާޖެއް ހުރި ޝަޚުސެއްކަމެވެ.
ތާޖުއްދީނު ލިޔުއްވަނީ ކަނބާ މަރިޔަމް ފާސިގު ޒުވާން ކުދީންތަކެއް ހޯއްދަވާ މި މީހުންނަކީ ކުދި ވަޒީރުން ކަމުގައި ލެއްވިކަމަށެވެ. ބޭނުމަކީ އެކަމަނާ އާއި އެކު ޒިނޭކޮށް ފާހިޝް އަމަލުތައް ހިންގެވުންކަމުގައެވެ. މި ހުރިހާ ކަމެއް އެކަމަނާ ކުރައްވާ އިރު ހަމަ ގަނޑުވަރުގައި ފިރިކަލުންވެސް އުޅުއްވާކަމަށާއި އެ ފިރިކަލުންނަކީ އަނބިދަށުވެ އަނބިމީހާ ވަގުފިރީން ގެންގުޅުން މަނާ ނުކުރައްވާ ޒާތުގެ ފިރިއެއްކަމުގައިވެސް ލިޔުއްވާފައިވެއެވެ. އަދި އޭނާއަށް އެކަމަނާ ވަރިއެއްވެސް ނުކުރެވުނު ކަމަށާއި އެކުރައްވާ ހުތުރު އަމަލުތައް ހުއްޓުވެންވެސް ނެތްކަމުގައި ލިޔުއްވައެވެ. މީގެ އިތުރަށް ތާޖުއްދީނު ލިޔުއްވަނީ ދައުލަތުގެ ބޮޑުންގެ އަނބީންނާއި ރީތި ދަރިދަރި ކަނބަލުން އެކަމަނާގެ އަރިހަށް ކޮންމެ ދުވަހެއްގެ ހެނދުނާއި ހަވީރު ދާން ޖެހޭ ކަމަށާއި އެ އެންމެހައި ބޭކަލުންނާއި ބޭކަނބަލުން ގެންނަވައިގެން އެކަމަނާ ކުރައްވާހާވެސް ކަމަކީ ކުޅިވަރު ކުޅުއްވުމާއި މަޖާ ކުރުމާއި އަދި ބެރެކި ރައިވަރު ކިޔުންކަމުގައެވެ.
ހަމައެހެންމެ މި އެންމެހައި އަންހެނުންނާއި ފިރިހެނުންނާއި އެކު ޝާހީ ގުރާބުކޮޅުގައި ކޮންމެ އަހަރަކު އެއްފަހަރު ނުވަތަ ދެފަހަރު އަރުމާޒު ދަތުރުފުޅު ވަޑައިގަންނަވާކަމަށާއި މި ދަތުރުފުޅުތަކުގައި ރާއްޖޭގފެ ހުރިހާ ރަށަކަށް ވަޑައިގެން މުދާތައް ފޭރި އުޅުއްވާކަމަށާއި މި ދަތުރުފުޅުތަކުގައި އަންހެނުންނާއި ފިރިހެނުން ގައިގޯޅިވެ މަޖާކުރުމުގައި އުޅުއްވާކަމަށްވެސް ތާޖުއްދީނު ލިޔުއްވައެވެ. މިބާވަތުގެ ދަތުރުފުޅުތަކުގައި ރަނިކަމަނާގެ އާދައަކީ އަންހެނުންނާއި ފިރިހެނުންގެ ކުރިމަތީގައި ފިރިހެނުންނަށް ތައުރީފުކޮށްފައި ހުންނަ ރައިވަރު ވިދާޅުވުމާއި ކުޅިވަރު ކުޅުއްވުން ކަމުގައެވެ. އަދި ރަނިކިލެގެފާނުގެ ބޭބެއިންނާއި ކޮއްކޮއިންގެ އާދައަކީ މީހުންގެ އަނބިންގެ ގާތަށް ވަނުމާއި އެމީސްމީހުންގެ އަތުން އަނބިން ފޭރި އުޅުންކަމުގައެވެ.
ތާޖުއްދީނު ލިޔުއްވާފައި މި ލިޔުއްވުންތަކަކީ ސީދާ ގޮތުން ދޮގެކޭ ދަންނަވާކަށް ނެތީމެވެ. ހަމައެހެންމެ މިއީ އެކަމަނާ އުޅުއްވާފައި ހުރި ގޮތްތަކޭ ދަންނަވާކަށްވެސް ނެތީމެވެ. އެހެންނަމަވެސް ތާޖުއްދީނުގެ މި ލިޔުމާއި ގުޅޭ ގޮތުން އުފެދޭ ބައިވަރު ސުވާލުތަކެއްވެއެވެ. އެއީ މާޒީގައި ހިނގާފައިވާ މިފަދަ އެތައް ހާދިސާތަކުންނާއި މި އެންމެހައި ކަންކަން މިމަގުން ކުރެއްވި އިރުވެސް ލަޝްކަރާއި ތިމާގެ ފުޅު ނޫން ބޮޑުންނާއި އުއްތަމަ ފަނޑިޔާރު އައްޝާއިޚުލް ފަޤީހު ދެއްވަދޫ މުހައްމަދު ބިން ޙާޖީ އަލީ ތުއްކަލާ ފަދަ ބޭބޭކަލުން އެކަމަނާގެ ފަހަތްޕުޅުގައި އެހުންނެވީ ކީއްވެގެންތޯ އުފެދޭ ސުވާލެވެ (ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ