ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ ރައްޔިތުން އައްޔަންކުރާ ބަޔަކަށްވާއިރު، ސިޔާސީ ޕާޓީން ބޭނުންވާއިރަށް އެއްވެސް އުސޫލެއް ނެތި މެމްބަރުކަމުގެ ގޮނޑިގެއްލުވާލެވޭ ގޮތަށް އޮތުމަށް ތާއީދު ނުކުރައްވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ޕާޓީން ކަނޑާލުމުން ނުވަތަ އަމިއްލައަށް ކެނޑިއްޖެނަމަ ވެސް މެމްބަރުކަމުގެ ގޮނޑި ގެއްލޭގޮތަށް ސަރުކާރުގެ މެޖޯރިޓީ އޮތް ޕީއެންސީން ގާނޫނުއަސާސީއަށް އިސްލާހު ގެނައީ މިދިޔަ ނޮވެމްބަރު މަހު އެވެ. މި އިސްލާހު ވަނީ މަޖިލިހަށް ބިލް ވެއްދި ދުވަހު ފާސްކޮށް، ތަސްދީގު ވެސް ކުރެއްވާފަ އެވެ. އެ އިސްލާހުތަކަކީ:
ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށް އިންތިހާބުވުމަށް ފަހު، އެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީން އަމިއްލައަށް ވަކިވުން
މެންބަރަކު ތަމްސީލު ކުރާ ސިޔާސީ ޕާޓީ ނޫން އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވުން
މެންބަރަކު ނިސްބަތްވާ ސިޔާސީ ޕާޓީން ގާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން އެ މެންބަރަކު ޕާޓީން ވަކިކުރުން
އަމިއްލަ ގޮތުން ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށް ފަހު، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި މަޖިލީހުގެ އުމުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވުން
ބުނީ ކީކޭ؟ - ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި 'ދައުރު'ން ވަނީ، ރައްޔިތުން އިންތިހާބުކުރާ ބަޔަކު، ސިޔާސީ ޕާޓީއަކުން ހިތްހަމަ ނުޖެހޭއިރަށް އެ ޕާޓީން އަމިއްލައަށް އެ މީހަކާ މެދު ފިޔަވަޅު އަޅައި މެމްބަރުކަމުން ވަކިކުރުމުގެ ބާރު އޮންނަންޖެހޭނެ ކަމަށް ރައީސް ގަބޫލުކުރައްވަންތޯ ސުވާލުކޮށްފަ އެވެ.
ޖަވާބުގައި ރައީސް ވިދާޅުވީ އެއީ އެހާ ފަސޭހައިން އާދައިގެ ގޮތަކަށް ކުރެވެން އޮންނަންޖެހޭނެ ކަމެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
ރައީސް ވިދާޅުވީ:
ގާނޫނުއަސާސީއަށް އެ އިސްލާހު ފާސްކުރިއިރު އެކަމަށްޓަކައި ހަދަން ލާޒިމުކޮށްފައިވާ ގާނޫނު އަދި ނުއެއް ހަދާ؛ އެކަން ކުރެވެންޖެހޭނީ އެ ގާނޫނުގެ ތެރެއިން
ޕާޓީތަކުގެ ނިޒާމުގެ ތެރޭގައި ވެސް އޮންނަންވާނެ މެމްބަރުކަމުން ވަކިކުރުމަށް އެއަށް ވުރެ ހަރުދަނާ ގޮތެއް
ލީޑާޝިޕް ތެރެއިން ވަކި ބަޔަކު އެއްވެލައިގެން ވަކިނުކުރެވާނެ
"ތި ވިދާޅުވާހެން [ޕާޓީގެ] ލީޑާޝިޕް ތެރެއިން ނޫނީ ހަމަ ވަކި ބަޔަކު އެއްވެލައިގެން މީހަކު ކަނޑާލަން ބޭނުންވެއްޖެއްޔާ އެހެން އެކަން ވެގެން ނުވާނެ. އެއީ ހަމަ ވަރަށް، ނިޒާމެއްގެ ތެރެއިން ވޯޓުލައިގެން ހޮވިގެން އަންނަ މެމްބަރުން މި އަންނަނީ. އެހެންވީމާ އެހެން ހަމަ ވަރަށް އާދައިގެ ގޮތަަކަށް ކުރެވެން އޮންނަ ކަމަކަށް [މެމްބަރުކަމުން ވަކިކުރުން] ވެގެން ނުވާނެ،" ރައީސް ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ ކަމެއް - ރައްޔިތުން އައްޔަންކުރާ މެމްބަރުން ވަކިކުރުމުގެ ބާރު، އެއްވެސް ހަމައެއް ލަމައެއް ނެތި ސިޔާސީ ޕާޓީއަކަށް ލިބިދީފައި އޮންނަންޖެހޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ރައީސް މިއަދު ވިދާޅުވިއިރު، އެ އިސްލާހު ރައީސް ދަސްދީގުކުރެއްވީ ވެސް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފައި އޮއްވަ އެވެ.
އޭގެ ފަހުން ގާނޫނުއަސާސީއަށް ގެނައި އެ ބަދަލު ބާތިލުކުރަން ސުޕްރީމް ކޯޓަށް ހުށަހެޅުމުން ވެސް ދައުލަތުގެ ފަރާތުން ވަކާލާތު ކުރެއްވީ އެ އިސްލާހު އެއީ ރަނގަޅު އިސްލާހެއްގެ ގޮތުގައި ކަމަށެވެ. އޭގެ އިތުރުން ސުޕްރީމް ކޯޓަށް ހުށަހެޅިފައި އޮތް މައްސަލާގައި ދައުލަތުގެ ފަރާތުން ބަންޑާރަ ނައިބު އަހުމަދު އުޝާމް ވަނީ އެ އިސްލާހު މިހާރު މެމްބަރުކަމުގައި ތިބި މެމްބަރުންގެ މައްޗަށް ހިނގާނެ ކަމަށް ކަނޑައަޅައިދިނުމަށް ވެސް އެދިފަ އެވެ.
ސުޕްރީމް ކޯޓުން މި މައްސަލަ ބެލޭނެކަމަށް ނިންމާފައިވަނިކޮށް އެ މައްސަލައިގެ ބެންޗުގައި ހިމެނޭ ފަނޑިޔާރުންތަކެއް މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކުރިއިރު، އޭގެ ތެރޭގައި ހިމެނޭ ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާ ދެއްވީ ވެސް އެ މައްސަލައަށް ސަރުކާރުން ނުފޫޒު ފޯރުވަން މަސައްކަތްކުރާ ކަމަށް ތުހުމަތުކުރައްވަމުންނެވެ.
ާޕާޓީން ބޭނުންވާއިރަށް މެމްބަރުގެ ގޮނޑި ގެއްލުވާލެވޭ ގޮތަށް އޮވެގެންނުވާނެ: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ