އެންމެ މުހިންމު ރަސްމިއްޔާތަށް ތިބާ ގެންދަވަން އެތައް މިލިއަން މަލާއިކަތުން ސުވަރުގޭގެ ފޭރާމާ ހުވަނދު ހިއްޕަވައިގެން ފައިބާ ވަޑައިގެން ތިއްބަވާތަން ތިބާއަށް ފެންނާނެ!

ކިތަންމެ ބޮޑު ފަޤީރަކު ނަމަވެސް އެމީހާއަކީ ތަޤްވާވެރިއެއްނަމަ އޭނާގެ ފުރާނަ ހިއްޕަވާ ވަޤުތު އޭނާއަށްޓަކާ އެތައް މިލިއަން މަލާއިކަތުން ފައިބާ ވަޑައިގަންނަވާކަން އެނގޭހެއްޔެވެ؟ މީސްތަކުންނަށް މިފެންނަނީ ދުނިޔޭގައި ބޭއްވޭ ބޮޑެތި ރަސްމިއްޔާތުތަކެވެ. އެފަދަ ރަސްމިއްޔާތުތަކަށް ކޮންމެ މީހަކުވެސް ވީހައި ފުރިހަމއަށް ތައްޔާރުވާނެއެވެ. އެކަމަކު ދުނިޔޭގައި ބާއްވާ ހުރިހާ ރަސްމިއްޔާތުތަކެއް އެއްކޮށްލައިގެން ބާއްވާ ރަސްމިއްޔާތަކަށްވުރެ މާބޮޑު ރަސްމިއްޔާތެއް ތިބާއާއި ބައްދަލުކުރާނެއިރު އެރަސްމިއްޔާތަށް އެބަ ތައްޔާރުވެވޭ ހެއްޔެވެ؟
މިދައްކަނީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ދުނިޔޭގައި އުޅެ، ޢުމުރު ހަމަވުމުން އެކަލާނގެ ހަޟްރަތަށް ތިބާގެ ފުރާނަ ގެންދެވޭ މުހިންމު ރަސްމިއްޔާތތުގެ ވާހަކައެވެ. ދުނިޔޭގައި ކިތަންމެ ނިކަމެތި ޙާލުގައި އުޅެންޖެހުނު މީހަކަށްވީނަމަވެސް އެމީހާއަކީ ތަޤްވާވެރިއެއްނަމަ އޭނާގެ ފުރާނަ ހިއްޕަވާ ވަޤުތު އޭނާއަށްޓަކާ ކިތައް މިލިއަން މަލާއިކަތުން ފައިބާ ވަޑައިގަންނަވާކަން އެނގޭހެއްޔެވެ؟
މަރުވުމުގެ ވަގުތުގައި ކޮންމެ މީހެއްގެ ގާތަށްވެސް މަލަކުލްމައުތު ވަޑައިގަންނަވާނެއެވެ. ކީރިތި ޤުރްއާނުގައި އޮތީ އެމީހަކަށް ކަނޑައެޅުއްވިގެންވާ މަލަކުލްމައުތު ވަޑައިގަންނަވާނެ ކަމަށެވެ. މިހެން ބުނުމުން ހުރިހާ އެންމެންގެ ފުރާނަ ހިއްޕަވާނީ އެންމެ މަލާއިކަތަކު ކަމާއިމެދު ސުވާލު އުފައްދައެވެ. ޖަވާބަކީ ޤުރްއާނުގައި އޮތްގޮތުން އެއީ އެއް މަލާއިކަތަކުކަމަށް ބުނެވޭކަށް ނެތެވެ. އެކަން މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ.
އެއީ މުސްލިމަކު ކަމުގައިވާނަމަ ދެން އެހިސާބުން ސުވަރުގޭގެ ފޭރާމާއި ހުވަނދު ހިއްޕަވައިގެން ރަޙްމަތުގެ މަލާއިކަތުން ފައިބައިވަޑައިގަންނަވާނެއެވެ. އެމީހާގެ ލޮލު ކޮޅަށް ފެންނަ ސަރަހައްދު ފުރިގެންދާވަރަށް މަލާއިކަތުން ތިއްބަވާނެތެވެ. އެއީ ކިތައް މިލިއަން މަލާއިކަތުން ކަމެއް ނުވަތަ މަލާއިކަތުންގެ ޢަދަދެއް ނުއެނގޭނެއެވެ.
މިހިސާބުން ދެން ބުނެލަން އޮތީ ކޮންމެ މުސްލިމަކު މަރުވާ ވަގުތު މަލާއިކަތުން ފައިބައިވަޑައިގަންނަވާނީ އެއް ޢަދަދަކަށް ނޫނެވެ. އެމީހެއްގެ ކިބައިގައި ތަޤްވާވެރިކަންހުރިވަރަކުންނެވެ. ހެޔޮ ޢަމަލުތައް ކޮށްއުޅުނު ވަރަކުންނެވެ!
މީސްތަކުންނޭވެ! ވިސްނަންވީ މިކަމަށެވެ! މަސައްކަތްކުރަންވީ ތިމާއަށްޓަކައި ވީހައި ގިނަ މަލާއިކަތުން ފޮނުއްވަވާނެ މީހަކު ކަމުގައިވުމަށެވެ! އެކަން އޮތީ އެމީހެއްގެ އަތްމަތީގައެވެ. ކާމިޔާބުކުރެވެން އޮތީ އެމީހަކު އެކަމަށް އެދިގެން މަސައްކަތްކުރިވަރަކުންނެވެ!
ތިބާއަކީ އެންމެ މަތީ ދަރަޖައިގެ ތަޤްވާވެރިއަކަށް ވެވިއްޖެނަމަ ކުރިން މިބުނިފަދައިން ލޮލުކޮޅަށް ފެންނަ ސަރަހައްދު ފުރިގެންދާވަރަށް މަލާއިކަތުން ފައިބާވަޑައިގަންނަވާނެތެވެ! އެކަމަށް އެދޭމީހާއަށް އޮތީ ވީހައި ބޮޑު ތަޤްވާވެރިއަކަށްވުމެވެ. ވީހައި ބޮޑަށް ކިޔަމަންތެރިވުމެވެ. ވީހައި ގިނައިން އަޅުކަންކުރުމެވެ!
--ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ