ހަނގުރާމަ ހުއްޓައިލަން ގޮވާލި ގަރާރު އެމެރިކާއިން އަނެއްކާވެސް ވީޓޯކޮށްފި

ޣައްޒާގައި އިސްރާއީލުން ކުރަމުންދާ ހަނގުރާމަ ޝަރުތުތަކާނުލައި ދާއިމީކޮށް ހުއްޓާލުމަށް ގޮވާލާ އދގެ ސަލާމަތީ މަޖިލީހުން ނެރުނު ޑްރާފްޓް ގަރާރު އެމެރިކާއިން އަނެއްކާ ވެސް ވީޓޯކޮށްފިއެވެ. ޖުމުލަ 15 މެންބަރުން ހިމެނޭ އެ ކައުންސިލްގެ އަނެއް 14 މެންބަރުން ވަނީ އެ ގަރާރަށް ތާއީދުކޮށްފައެވެ. މިއަދު ވޯޓަށް އެހި ގަރާރަކީ ޣައްޒާގެ މައްސަލައިގައި މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ފަހުން ސަލާމަތީ މަޖިލީހުން އެ މައްސަލައިގައި ވޯޓަށް އެހި ފުރަތަމަ ގަރާރެވެ. މިއީ ޣައްޒާގައި ދާއިމީކޮށް ހަމަލާތައް ހުއްޓާލުމަށް ގޮވާލި ފުރަތަމަ ގަރާރެވެ. އދ.ގައި ހުންނަވާ އެމެރިކާގެ ސަފީރު ޑޮރޮތީ ޝިއާ ވިދާޅުވީ، މި ގަރާރުގެ ސަބަބުން ހަނގުރާމަ ހުއްޓާލުމަށް ކުރާ "ޑިޕްލޮމެޓިކް މަސައްކަތްތަކަށް ބުރޫއަރާނެ" ކަމަށާއި ހަމާސްއަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި އދއިން ލޭބަލް ކޮށްފައިނުވާ ކަމަށެވެ. ނަމަވެސް، އެމެރިކާ، އިނގިރޭސިވިލާތް އަދި އީޔޫއިން ވެސް ސިފަކުރަނީ އެއީ ޓެރަރިސްޓް ޖަމާއަތެއް ކަމަށެވެ. "ހަމާސް ކުށްވެރިނުކުރާ އަދި ހަމާސް ހަތިޔާރު ނައްތާލައި ޣައްޒާ ދޫކޮށް ދިއުމަށް ގޮވާނުލާ އެއްވެސް ފިޔަވަޅަކަށް އަޅުގަނޑުމެން ތާއީދެއް ނުކުރާނަން،" ޝިއާ ވިދާޅުވިއެވެ. ގަރާރުގައި ވަނީ އެއްވެސް ޝަރުތެއް ނެތި އިސްރާއީލާއި ހަމާސްއިން ހަމަލާތައް ހުއްޓާލުމަށެވެ. މީގެ އިތުރުން ހަމާސްއާއި އެހެން ޖަމާއަތްތަކުން ރަހީނުކޮށްފައިވާ މީހުން ވެސް އިންސާނީ ކަރާމާތަށް އުނިކަން ނާންނަ ގޮތަށް ވަގުތުން މިނިވަންކުރުމަށް އެ ގަރާރުގައި ގޮވާލާފައިވެއެވެ. އިނގިރޭސިވިލާތުގެ ސަފީރު ބާބަރާ ވުޑްވާޑް ވިދާޅުވީ، ގަރާރަށް ތާއީދުކޮށް ވޯޓު ދެއްވީ ޣައްޒާގެ ހާލަތު ނިމުމަކަށް ގެނައުމަށް އިނގިރޭސިވިލާތުން ބޭނުންވާތީ ކަމަށާއި ހަނގުރާމަ ހުއްޓާލުމަކީ ދިގު މުއްދަތުގެ ސިޔާސީ ހައްލެއް ހޯދުމަށް އެންމެ ރަނގަޅު ގޮތް ކަމަށް އެ ގައުމުން ދެކޭތީ ކަމަށެވެ. އެކަމަނާ އިތުރަށް ވިދާޅުވީ، ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް އިސްރާއީލުން އަޅާފައިވާ ހުރަސްތައް ނައްތާލަންޖެހޭ ކަމަށާއި، ޢައްޒާގެ އާންމުންގެ ފުރާނަ ސަލާމަތްކުރުމަށް އދ އާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުން ކުރާ މަސައްކަތްތައް ކުރަން ދޫކޮށްލަންޖެހޭ ކަމަށެވެ. އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި މިހާތަނަށް 54،000 މީހުން ޝަހީދުކޮށްލާފައިވާއިރު، އޭގެ ތެރޭގައި ނޮވެންބަރު މަހު ހަމަލާތައް ހުއްޓާލުމަށްފަހު މާޗް މަހު އަލުން ހަމަލާތައް ދޭން ފެށި ފަހުން ޝަހީދުކޮށްލި 4201 މީހުންވެސް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ