ގަމު ކައުންސިލް ބައިބަލާ ޗެލެންޖް: ވަރުގަދަ މެޗުތަކަކާ އެކު ފުރަތަމަ ރޭގެ ބޮޑު މޮޅު ޓީމް ފިނޮޅަށް!
އަޟްހާ އީދާ ގުޅިގެން ލ. ގަމު ކައުންސިލާއި ބައިބަލާ އެސޯސިއޭޝަން ގުޅިގެން ކުރިއަށްގެންދާ "ގަމު ކައުންސިލް ބައިބަލާ ޗެލެންޖް 2025"ގެ ފުރަތަމަ ރޭގެ ކުޅުން ކުރިއަށް ގެންގޮސްފިއެވެ. ޖުމްލަ ނުވަ ޓީމު ވާދަކުރި މި މުބާރާތުގައު ރޭ ވަނީ ޖުމުލަ ފަސް މެޗު ކުޅެފައެވެ. އެގޮތުން، ރޭގެ ފުރަތަމަ މެޗުގައި ވާދަކުރީ ވާދަކުރީ ބެސްޓް ސްޕޯޓްސް ކްލަބާއި ފިނޮޅު ސްޕޯޓްސް ކްލަބެވެ. މެޗުގެ ޓޮސް ދިމާވެގެން ފިނޮޅުން ނިންމީ ފުރަތަމަ ގޭމު އެތެރޭން ކުޅުމަށެވެ. އެގޮތުން އެ ޓީމު ވަނީ މޮޅު ކުޅުމަކާ އެކު ފުރަތަމަ ގޭމު 13-2 އިން އަދި ދެވަނަ ގޭމު ބޭރުން ކުޅެ، 8-5 އިން ކާމިޔާބުކޮށް މުބާރާތުގެ ފުރަތަމަ މޮޅު ހޯދާފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ފިނޮޅުގެ ޖާޒީ ނަންބަރު 07، މެހެފޫޒެވެ. މި މެޗަަށް ފަހު އެ ޓީމަށް ވަނީ މިރޭ އިތުރު މެޗެއް ކުޅެންޖެހިފައެވެ. އެ ގޮތުން، މިރޭގެ ފަހު މެޗުގައި އެ ޓީމު ވާދަކޮށްފައިވަނީ ޒުވާން ކުޅުންތެރިންގެ މައްޗަށް އެކުލެވިގެންވާ ފޮއެމައްޗާއެވެ. މި މެޗު ވެސް ފިނޮޅު ސްޕޯޓްސް ކްލަބު ކާމިޔާބުކުރީ ފަސޭހަކަމާ އެކުއެވެ. އެގޮތުން، ފުރަތަމަ ގޭމު 12-3 އިން ކާމިޔާބުކޮށް ދެވަނަ ގޭމު ބޭރުން ކުޅެ އެ ޓީމު ވަނީ 7-7 އިން އެއްވަރުކޮށްފައެވެ. އެއާއެކު ފުރަތަމަ ގޭމު ބޭރުން ކުޅެ ފިނޮޅުން ކާމިޔާބުކުރުމުން، ދެވަނަ ގޭމުގެ ނަތީޖާ ހަމަހަމަ ވެފައިވާތީ މި މެޗު ލިބިފައިވަނީ ފިނޮޅަށެވެ. މި މެޗުގައި ރާއްޖޭގެ ކައިޓް ސާފް ޗެމްޕިއަން އަދި އުންމީދީ ބައިބަލާ ކުޅުންތެރިޔާ ހަސަން މާހިރު (ހަންޓޭ) ވަނީ މޮޅު ކުޅުމެއް ދައްކާ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ. މިރޭގެ ދެވަނަ މެޗުގައި މުކުރިމަގު ނިއު ޖެނެރޭޝަނާއި ޔުނައިޓެޑް ފިނޮޅު ސްޕޯޓްސް ކްލަބު ވާދަކުރިއިރު، މެޗު ނިމިފައިވަނީ ފުރިހަމަ ވަގުތުގައި ކޮޅަކަށް ގޭމެއް ލިބި ގަދަ ހިފުމުގެ ފަހު ހިފުމުން މުކުރިމަގު ނިއު ޖެނެރޭޝަން މެޗު ކާމިޔާބުކޮށްގެންނެވެ. އެގޮތުން، މެޗުގެ ފުރަތަމަ ގޭމުގައި މުކުރިމަގު ނިއު ޖެނެރޭޝަނުން ވަނީ 7-6 އަކުން ކާމިޔާބުކޮށްފައެވެ. ނަމަވެސް، ދެވަނަ ގޭމުގައި ޔުނައިޓެޑް ފިނޮޅުން ވަނީ 6-4 އިން ގޭމު ކާމިޔާބުކޮށް ގަދަ ހިފުމަށްގޮސްފައެވެ. ގަދަހިފުމުގައި ކޮންމެ ޓީމަކުން ވެސް ފުރަތަމަ ދެ ހިފުން ކާމިޔާބުކުރިއިރު، ފަހު ހިފުމުގެ ގުރު ދިމާވުމުން މުކުރިމަގު ޓީމުން ވަނީ ބޭރުން އަރާ އެ ހިފުންވެސް ކާމިޔާބުކޮށް މެޗުން މޮޅުވެފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ، މުކުރިމަގުގެ ޖާޒީ ނަންބަރު 14، ޝަމްހާދުއެވެ. މުބާރާތުގެ ތިންވަނަ މެޗުގައި ބައްދަލުކުރީ މުކުރިމަގު އަންޑަރ ގްރައުންޑާއި ތުނޑި ނިއު ޖެނެރޭޝަނެވެ. އެގޮތުން މުކުރިމަގު އަންޑާ ގްރައުންޑުން ވަނީ ފަސޭހަކަމާ އެކު މި މެޗު ސީދާ ދެ ގޭމުން ކާމިޔާބުކޮށްފައެވެ. އެ ޓީމުން މި މެޗު ކާމިޔާބުކުރީ 6-4 އަދި 20-1 އިންނެވެ. މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ، މުކުރިމަގުގެ ޖާޒީ ނަންބަރު 13، އަބްދުއްޝުކޫރު (ޝުކޫ)އެވެ. މިރޭގެ ހަތަރުވަނަ މެޗުގައި ވާދަކުރީ މުކުރިމަގު އަންބީޓަން އަދި ގޯޅި ސްޕޯޓްސް ކްލަބެވެ. ފުރަތަމަ ގޭމުގައި ބޭރުން މުކުރިމަގު ކުޅުނުއިރު އެތެރެއިން ކުޅުނީ ގޯޅި އެސްސީއެވެ. ފުރަތަމަ ގޭމުގެ 43 ވަނަ ސިކުންތުގައި ފަހަތުން އަރާ މުކުރިމަގުން ވަނީ ނަތީޖާ ހަމަހަމަކުރަން މަސައްކަތްކޮށްފައެވެ. ނަމަވެސް، ގޭމް ނިމުމުނީ 7-5 އިން ގޯޅި ސްޕޯޓްސް ކްލަބުން ކާމިޔާބުކޮށްގެންނެވެ. މެޗުގެ ދެވަނަ ގޭމުގައި ގޯޅި ސްޕޯޓްސް ކްލަބުން ވަނީ 6-4 އިން ކާމިޔާބުކޮށް މެޗުން މޮޅުވެފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ގޯޅި ސްޕޯޓްސް ކްލަބުގެ ޖާޒީ ނަންބަރު 12، އަބްދުالله ޝާފިއު (ބަސްއަހާ)އެވެ. މި މުބާރާތުގެ ފޯމެޓު ހަމަޖެހިފައިވަނީ ޑަބަލް އެލިމިނޭޝަން އުސޫލުން މެޗުތަށް ކުޅޭ ގޮތަށެވެ. އެގޮތުން، މެޗަކުން ބަލިވި ނަމަވެސް އިތުރު މެޗެއް ކުޅުމުގެ ފުރުސަތު ބަލިވާ ޓީމަކަށް ލިބެއެވެ. ނަމަވެސް، ދެ މެޗުން ބަލިވެއްޖެނަމަ އެޓީމެއް މުބާރާތުން ކަޓާނެއެވެ. މި މުބާރާތުގެ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމެއް ސީދާ ފައިނަލުން ޖާގަ ލިބޭއިރު، ފައިނަލްގެ ދެވަނަ ޖާގަ ލިބިގެންދާނީ ދެވަނަ އާއި ތިންވަނައަށް އެންމެ ގިނަ ޕޮއިންޓު ހޯދާ ދެޓީމު ކުޅޭ ސެމީ މެޗަަށް ފަހު މޮޅުވާ ޓީމެކެވެ. މި މުބާރާތުގެ ގޯލްޑް ސްޕޮންސަރުންނަކީ ޖީއެމްސީއީ، ބައިސަން މޯލްޑިވްސް އަދި މާޒިޔާ ސާވިސްއެވެ. އަދި ސިލްވާ ސްޕޮންސަރުންނަކީ އޫދު އަލް ސަބާޔާ، އޮޓެކްސް ޕްރައިވެޓް ލިމިޓެޑް، ހޯކްސް އަދި މަވެރިކް މޯލްޑިވްސްއެވެ. މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ އެސްއެސްޓީވީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ