ހުޅުމާލޭގައި ކާރެއް ވަގަށް ނެގީ ޕާކުކުރިތާ ގަޑިއިރެއް ތެރޭ، ކާރު ހޯދިއިރު ރިމޯޓެއް ނެތް

ހުޅުމާލޭގައި ޕާކުކޮށްފައި އޮއްވައި ވަގަށް ނެގި ކާރެއް ފުލުހުން ހޯދައި ވެރިފަރާތާ ހަވާލުކުރި ނަމަވެސް، ކާރުގެ ރިމޯޓު ނުފެނުނު މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ. ފުލުހުން ބުނީ، އިއްޔެ ރޭ 23:50 ހާއިރު ހުޅުމާލޭ ފިތުރޯނު މަގުގައި މީހަކު ކާރު ޕާކުކުރުމަށްފަހު 01:15 ހާއިރު ކާރަށް އަރަންދިޔަ ކަމަށެވެ. އެއިރު ޕާކު ކުރި ތަނުގައި ކާރު ނެތް ކަމަށާއި ކާރު ހުޅުވާ ރިމޯޓު ކާރުގެ އެތެރޭގައި ބޭއްވިފައި އޮތް ކަމަށް، ފުލުހަށް މައްސަލަ ހުށަހެޅިއިރު އޭނާ ބުނި ކަމަށެވެ. ފުލުހުން ބުނީ، ފިތުރޯނު މަގުގެ ސީސީޓީވީ ފުޓޭޖު ބެލިއިރު އަންހެނަކާއި ފިރިހެނަކު އެ ކާރަށް އަރައިގެންދާ މަންޒަރު ފެނުނު ކަމަށެވެ. އެ މައުލޫމާތުގެ އަލީގައި ކާރު އޮތް ސަރަހައްދު ދެނެގަނެ، ފުލުހުން އެ ސަރަހައްދަށް ގޮސް ބެލިބެލުމުން ކާރުގައި މީހަކު ނެތްކަން އެނގުނު ކަމަށް އެ ޚިދުމަތުން ވަނީ ބުނެފައެވެ. އެއާއެކު، ފުލުހުން ވަނީ ކާރުގެ ވެރިފަރާތް އެ ސަރަހައްދަށް ހާޒިރުކޮށް، ކާރު ޗެކުކޮށްފައެވެ. އެގޮތުން، ކާރަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމާއި ނަމަވެސް، ކާރުތެރޭގައި ބާއްވާފައި އޮތް ރިމޯޓު ނެތްކަން އެނގުނު ކަމަށް ފުލުހުން ބުނެފައިވެއެވެެ. މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިނުވާއިރު، މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ. ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މިހާތަނަށް ވައްކަމުގެ 767 މައްސަލަ ރިޕޯޓުކޮށްފައިވާއިރު، އޭގެ ތެރޭގައި މާލެ ސަރަހައްދުގައި ހުށަހަޅައިފައިވާ 497 މައްސަލަ ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ