އެޕިސޯޑް 12
ކުރީ ދުވަހުގެ ބަޔާ ގުޅޭ
"އަހަރެން ހިތަށް އަރަނީ ކާކުބާވައޭ އޭނަ ގާތުގައި ބުނީ؟" ރިޔާޝާ ބުންޏެވެ.
"ނޭނގެ ތިއެއް. ނަސީބެއް އޭނައަށް އެއީ ކާކުކަން ނޭނގޭކަން."
"އެނގިއްޖެއްޔާ ދެން ވާނެ ގޮތް ސާއިރާއަށް އެނގޭތަ؟" ވިސްނައިލަމުން ރިޔާޝާ ބުންޏެވެ.
"މަށަށް ވަރިހަމަ ކޮންމެ ކަމެއް ވިޔަސް،" ސާއިރާ ބުންޏެވެ.
ދަރިންތައް ދިޔުމުން ނަޝީދު، ރީޓާ ގެއަށް ގެނައިތާ މިހާރު ހަފުތާއެއްވީ އެވެ. ދެ މީހުން ވެސް ހިތްހަމަޖެހިގެން އުފަލުގައި އުޅެމުން ދިޔަ އެވެ. ވީ މަދު ދުވަސްކޮޅުގެ ތެރޭގައި ރީޓާއަށް ނަޝީދު ވަރަށް ރަނގަޅަށް ދަސްވި އެވެ. ނަޝީދަކީ ކޮން ކަހަލަ މިޒާޖެއްގެ މީހެއް ކަމާއި އެންމެ ކުރާ ހިތްވާ ކަންކަން ވެސް އެނގުނެވެ. އަދި ނަޝީދު ގޭގައި އުޅޭ ގަޑިތަކާއި ނޫޅޭ ގަޑިތައް ވެސް ދަސްވި އެވެ. ނަމަވެސް ކުއްލި ކުއްލިއަށް ނަޝީދު ގެއަށް އާދެ އެވެ. ރީޓާ އިންނަނީ ގިނައިން ފޯނުގަ އެވެ. އަހާލުމުން ބުނަނީ މައިންބަފައިންނަށް ގުޅަނީ ކަމުގަ އެވެ. ނަޝީދު ލޮލުން ބޮލުން ރުހިގެން އެކަން ގަބޫލު ކުރެ އެވެ. ނުކުރަންވީ ސަބަބެއް ނުވިސްނެ އެވެ. އެ ވަގުތުތަކުގައި ރީޓާގެ މޫނުމަތިން ފެންނަނީ ނުބައި ހިނިތުންވުމެކެވެ.
ފޯނުން ގަޑި ބަލައިލި އެވެ. ސާއިރާ ބުނި ގަޑިއަށް ވުރެ ބައި ގަޑި އިރު ކުރިން މަބުރޫކު އަ އެވެ. އެއީ ހަނދުވަރުދޭ ރެއެކެވެ. ގަޑިން 8:30 ވީ އެވެ. ހުޅުމާލޭ ގޮނޑުދޮށުގައި މީހުން މަދު ރެއެކެވެ. ދުރުދުރުން މީހުން ފެންނަން ތިއްބެވެ. މަބުރޫކު ހުރީ އެންމެ ސިކުންތެއް ވެސް ލަސް ވެފަ އެވެ. ސާއިރާ ދެކިލާހިތުން ކެތްމަދު ވެފަ އެވެ. ފުރަތަމަ ފަހަރަށް ބައްދަލު ކުރަން ސާއިރާ ބުނުމުން އޭނާ ހިތް އަވަސްވި އެވެ. ހިތުގައި ޖަހާ ކޮންމެ ވިންދަކުން އިވެނީ އެންމެ އަޑެކެވެ. ސާއިރާގެ ނަމެވެ. އަނެއްކާވެސް މަބުރޫކު ގަޑިއަށް ބަލައިލި އެވެ. އެ ވަގުތު ފޯނެއް އަ އެވެ. ގުޅަނީ ނުދަންނަ ނަންބަރަކުންނެވެ. ފޯނު ނެގި އެވެ.
"މިއީ ސާއިރާ. ކޮންތާކު ތި ހުރީ؟" ސާއިރާ ބުނި އަޑު އިވުނެވެ. ހުރި ދިމާ މަބުރޫކު ކިޔައިދިނެވެ. ސާއިރާ އަށް ހުރެވުނީ އެ ދިމާލާ ދާދި ގާތުގަ އެވެ.
"އެއީ ކޮން ނަންބަރެއް؟" މަބުރޫކު އަހައިލި އެވެ.
"އެއީ ވަރަށް ކުރިއްސުރެ ގެންގުޅޭ ނަންބަރެއް. މަދު މީހަކަށް އެ ނަންބަރު އެނގޭނީ،" ސާއިރާ ބުންޏެވެ.
"އެ މަދު މީހުންތައް ތެރޭގައި އަހަރެން ވެސް ހިމެނުނީތީ އުފާ ކުރަން،" ހިނިތުންވެލާފައި މަބުރޫކު ބުންޏެވެ. "ސާއިރާއަށް މި ތަން އޯކޭތަ؟"
"އާނ. މިއީ ކިހާ ހިތްގައިމު ތަނެއް. ކުރިން އަހަރެން ވަރަށް ގިނައިން މި ތަނަށް އަންނަން. އެކަމަކު ފަހުން... ދެން އެ ވާހަކަ ބާއްވާ،" ސާއިރާ ބުންޏެވެ. "ކީއްވެ އަހަރެން ގާތު ނުބުނީ؟"
"ކޯއްޗެއް؟" ނިތްކުރިއަށް ރޫ އަރުވާލަމުން މަބުރޫކު ބުންޏެވެ.
"އެނގޭނެ މި ދައްކަނީ ކޮން ވާހަކައެއްކަން،" ކައިރީގައި ހުރި ޖޯއްޔެއްގައި އިށީންނަމުން ސާއިރާ ބުންޏެވެ.
"ނޫން. ހަމަ އަސްލުވެސް ނޭނގެ. ބުނެބަލަ،" މަބުރޫކު ބުންޏެވެ.
"އަހަރެންގެ ދަރިންގެ ކަންކަން އެހާ ގާތުން ބަލަމުން ދިޔަކަން އަހަރެންނަށް އެނގުނީ ވަރަށް ފަހުން،" ސާއިރާ ބުންޏެވެ. "ތޭންކްސް."
"އެއީ އެ ވަރުގެ ކަމެއް ނޫން. ސާއިރާ އަހަރެންނަށް ޝުކުރު އަދާ ކުރަން ޖެހޭ ވަރުގެ ކަމެއް އަދި އަހަރެން ނުކުރަން،" މަބުރޫކު ވެސް އައިސް ޖޯލީގައި އިށީނެވެ. ސާއިރާ އިން ޖޯއްޔާ އެއް ޖޯލި ދޫކޮށްފަ އެވެ.
"އަހަރެންނަށް އެއީ ވަރަށް ބޮޑު ކަމެކޭ."
ދެ މީހުން ހަމަހިމޭންވެލި އެވެ. ވާހަކަ ފަށާނެ ކޮޅެއް ސާއިރާއަކަށް ނޭނގުނެ އެވެ. މަބުރޫކު އިނީ ދައްކާނެ ވާހަކަ ގިނަ ވެފަ އެވެ. ނަމަވެސް ސާއިރާ ހިތްހަމަނުޖެހިދާނެތީ އެއްވެސް އެއްޗެއް ބުނަން ނުކެރިފަ އެވެ. އެ ހިތުގައި ޖަހާ ވިންދުގެ އަޑު ސާއިރާއަށް އިވޭ ނަމައޭ ހިތަށް އެރި އެވެ. ސާއިރާ ފެނުމުން އޭނައަށް ބައެއް ފަހަރު އެހެން ވެ އެވެ. ދައްކަންވީ ވާހަކައެއް ނުދެއްކެ އެވެ. ނުދައްކަންވީ ވާހަކަ ދެއްކެ އެވެ. އަދި ކުރަންވާ ކަންތައް ނުކުރެވި ނުކުރަންވީ ކަންކަން ކުރެވެ އެވެ. ހަގީގަތުގައި އެއީ ލޯބީގެ އެންމެ ފާޅުކަން ބޮޑު އަލާމާތެވެ.
"މަބުރޫކު. އަހަރެން..." ސާއިރާ ބުނަން އުޅުނު އެއްޗެއް ނުބުނެވުނެވެ. ހިތް އަވަސް ވަނީ އެވެ.
"އަހަރެން މީނީ އަޑު އަހަން ކެތްމަދުވެފައި. ތި އަޑު އަހާލާ ހިތުން ހިތް އަވަސް ވެފައި. އެކަމަކު ސާއިރާ ބޭނުންވާ ދުވަހެއް ވަންދެން އަހަރެން ވަގުތު ދޭނަން،" މަބުރޫކު ބުންޏެވެ.
"މިކަހަލަ ތަންތަނަށް މަބުރޫކު އަންނަންތަ؟" ސާއިރާ މައުލޫއު ބަދަލުކޮށްލި އެވެ.
"ނޫން. އެއްގޮތަކަށްވެސް ނާންނަން. އެކަމަކު ސާއިރާ ބުނުމުން އަހަރެން ނުދާނެ ތަނެއް ނޯންނާނެ. ނުކުރާނެ ކަމެއް ވެސް ނުހުންނާނެ. ސާއިރާއަކަށް ނުބުނެވޭނެ އަހަރެން ސާއިރާއަށްޓަކައި ނުކުރާނެ ކަމެއް."
މަބުރޫކަކީ މުއްސަނދި މީހެކެވެ. އަމިއްލަ ގެދޮރު ހުރި، ވިޔަފާރި ހިންގާ މީހެކެވެ. އެފަދަ މީހަކު މިކަހަލަ ތަނެއްގައި އިންދައި މީހަކަށް ފެނިއްޖިއްޔާ ބުނާނެ އެއްޗެއް ވެސް ނޭނގެ އެވެ. މަބުރޫކު ދަންނަ މީހުން ބައިވަރެވެ. އެކަން ސާއިރާއަށް ވެސް އެނގެ އެވެ.
"އަހަރެންނަށް އެނގޭ ސާއިރާ ތި ހިތަށް އަރާ އެއްޗެހި. އެކަމަކު ބުނަން، ތަންތަން އަޅާކިޔުމަކީ އަހަރެން ކުރާ ކަމެއް ނޫން. އަހަރެން ވިސްނާ ކަމެއް ވެސް ނޫން. ރީތި ތަންތަން ފެނުނަސް އަހަރެން ހިތް އަވަހެއް ނުވާނެ. ނިކަމެތި ތަންތަން ފެނިގެން އަހަރެން އެކަމާ މަލާމާތެއް ވެސް ނުކުރާނެ. ވީރާނާވެފައިވާ ތަނެއްގައި އަހަރެން އުޅެން ޖެހުނަސް އެތާ ސާއިރާ ހުރިއްޔާ އެއީ އަހަރެންނަށް ގަނޑުވަރެއް. ބަގީޗާއެއްގައި ސާއިރާ ނެތިއްޔާ އަހަރެންނަށް އެއީ ފަޅު ސަހަރާއެއް. އަހަރެންނަށް މައްސަލައެއް ނެތް އަހަރެން ދެކެ ސާއިރާ ލޯބި ނުވިޔަސް. އެކަމަކު އެއްވެސް ކަމަކާ ހުރެ އަހަރެން ދެކެ ރުޅި ނާންނާތި. ހިތްހަމަނުޖެހިފައި ނުހުންނާތި. އަބަދުވެސް އުފަލުން، ހިނިތުންވެފައި ހުންނާތި. އެއީ އަހަރެންގެ ދުއާއަކީ. އަދި އެދޭ އެދުމަކީ ވެސް،" މަބުރޫކު ވާހަކަ ދެއްކީ އޭނައަށް ދެއްކޭ އެންމެ ލޯބިންނެވެ. މަޑުމައިތިރިކަމާއެކުގަ އެވެ. ސާއިރާގެ ހިތް އުފަލުން ފުރުނެވެ. އެފަދަ ރަނގަޅު ބައިވެރިއަކު ހަޔާތަށް އައުމަކީ ކިހާ ނަސީބު ރަނގަޅު ކަމެއް ހެއްޔެވެ؟
ސާއިރާގެ ހިތް މަބުރޫކު ކުރިމަތީ ހުޅުވައިލަން ނިކަން ބޭނުމެވެ. އެކަމަކު ނޭނގޭ ބިރުވެރިކަމެއް ބޮލު ތެރޭގައި އެނބުރެނީ އެވެ. އެންމެ ބޭނުންވާ ގޮތަށް ކަންކަން ނުވެދާނެތީ ސާއިރާ ބިރެއް ނުގަނެ އެވެ. އެއްވެސް އިންސާނަކީ ފުރިހަމަ މީހެއް ނޫނެވެ. ކޮންމެ މީހެއް ކިބައިގައި ވެސް ކޮންމެވެސް އުނިކަމެއް ހުންނާނެ އެވެ. ސާއިރާއަކީ ވެސް ފުރިހަމަ މީހެއް ނޫނެވެ. އޭނާ އެކަން ގަބޫލު ކުރެ އެވެ. މަބުރޫކު ގާތުގައި ބުނަން ބޭނުންވާ އެއްޗެހި އެބަ ހުއްޓެވެ. ފުރަތަމަ ވެސް ދަރިންގެ ވާހަކަ އެވެ. ކިތަންމެ ފަހަރަކު ވެސް އެ ވާހަކަ އޭނައަށް ތަކުރާރު ކުރެވިދާނެ އެވެ.
"ދަރިން ގަބޫލު ނޫނަސް އަހަރެން މި ހުރީ މަބުރޫކުއާ ކައިވެނި ކުރަން ތައްޔާރަށް،" ސާއިރާގެ ވިސްނުން ބަދަލުވި އެވެ. ލޮލުން ފާއްދާލީ އުފާވެރިކަމުގެ ކަރުނަ އެވެ. ދިރިއުޅުން އެފުށްމިފުށަށް ޖެހުނު ވަގުތުގައި އަތުގައި ހިފި މަދަދުގާރަށްޓަކައި ހިތުގައި އުތުރިއެރި ލޯތްބެވެ. "ކީއްވެ އެއްޗެއް ނުބުނީ؟"
"އަހަރެން މީނީ ބުނާނެ އެއްޗެއް ނޭނގިފައި. ފުރަތަމަ ވެސް ހެއްދެވި ފަރާތަށް ޝުކުރު. އިންތިޒާރުގެ ނިމުން މިހާ ފޮނިކޮށް ދެއްވީތީ. ދެން ސާއިރާއަށް. އެކަމަކު ދަރިން ނުގަބޫލުގައި މިފަދަ ގުޅުމެއް ފެށުން ބުއްދިވެރިކަމަކަށް އަހަރެންނަކަށް ނުފެނޭ،" މަބުރޫކު ބުންޏެވެ.
ސާއިރާ އިނީ ސިޓިން ރޫމުގަ އެވެ. ގާތުގައި ހަރީރާ އާއި ހަމްދޫން ތިއްބެވެ.
"މަންމަ ދެން ބުނެބަލަ ކޮން ވާހަކައެއްކަން،" ހަމްދޫން ބުންޏެވެ.
"މަޑުކޮށްބަލަ ހުދާ އަންނަންދެން،" ހުދާގެ ކޮޓަރި ދޮރާ ދިމާލަށް ބަލައިލަމުން ސާއިރާ ބުންޏެވެ. އެ ވަގުތު ހުދާ ވެސް ނުކުތެވެ. އަދި ސޯފާގައި އައިސް އިށީނެވެ. ސާއިރާ އިނީ ވާހަކަ ފަށާނެ ކޮޅެއް ނޭނގިފަ އެވެ.
"ދަރިފުޅާ ދެން ބުނެބަލަ. ކިހިނެއްތަ ވީ؟" ކެތްމަދުވެފައި އިން ހަރީރާ ބުންޏެވެ.
"އަހަރެން ބޭނުން އެންމެން ގާތުގައި ވާހަކައެއް ބުނެލަން. އަހަރެން ދައްކަން މި އުޅޭ ވާހަކައިން ރުޅި ވެސް އައިސްދާނެ. ހިތްހަމަ ވެސް ނުޖެހިދާނެ. އެކަމަކު އަހަރެން އެކަން ކުރަން ނިންމައިގެން މި ހުރީ،" ސާއިރާ ހިންދިރުވާލި އެވެ. ކޮންމެ މީހެއްގެ ހިތުގައި ވެސް ވަނީ ސުވާލު އުފެދިފަ އެވެ. ސާއިރާ ކޮން ކަމެއް ކުރަން އުޅެނީ ހެއްޔެވެ؟ އެކަމަކު އެ ސުވާލު އެކަކު ވެސް ނުކުރެ އެވެ. ބޭނުންވީ ސާއިރާ އަމިއްލައަށް ބުނަންދެން މަޑުކުރާށެވެ. ހުދާ ބަލައިލީ ހަމްދޫންއާ ދިމާލަށެވެ. ކޮން ކަމެއްހޭ އަހާ ކަހަލަ ގޮތަކަށެވެ. ހަމްދޫން ދެ ކޮނޑު އަރުވާލި އެވެ. އޭނައަށް ނޭނގޭ ކަމުގައި ބުންޏެވެ.
"އަހަރެން މި އުޅެނީ މީހަކާ އިންނަން،" ސާއިރާ ބުންޏެވެ.
-ނުނިމޭ-
ވާހަކަ: ލޯބީގެ ހާދިސާ - ބާރަވަނަ ބައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ