ހަތަރުވަނަ ބަޔާ ގުޅޭ
"ކީކޭ؟ ހަތް ހާސް ރުފިޔާ ދޭށޭ؟ ނުދެވޭނެ ހަތް ހާސް ރުފިޔާއެއް" އަށެއްގެ ހަބަރު ގަޑި ބެލުމަށް ސޯފާގައި އިށީނދެލައިގެން އިން މުރުޝިދު ވާހަކަ ދެއްކީ އޭނާ ގާތު ހުއްޓިލައިގެން ހުރި މައިޝާންއާ އެވެ.
"އެ ކީއްވެތަ؟ އަހަރެން ބުނީމަ ކީއްވެތަ އެވަރު ނުދެވޭންވީ؟ މިހާރުވެސް ނެޑް އެ އުޅެނީ ރިސޯޓުތަކަށާ އެތަން މިތަނަށްގޮސް އަޗާތަޅަން. އަހަރެންނަށްވެސް އެ ހައްގު އޮންނާނެ ނޫންތަ؟" މައިޝާން ޝަކުވާކުރި އެވެ.
"ބަލަ ނަދާލަކީ ކުންފުނީގަ މަސައްކަތްކުރާ މުވައްޒަފެކޭ. ކަމެއްނުކޮށް ދެއަތް އުރާލައިގެން ހުއްޓައެއް ނޫނޭ އޭނައަށް ހުރިހާ ކަމެއް ފަހިވަނީކީ. މައިޝާންގާތުވެސް އަހަރެން ވަރަށް ރަނގަޅަށް ބުނިން ކުންފުނީގެ މަސައްކަތުގަ ނަދާލްއެކޭ އެއްފަދައިން އޮޕަރޭޝަނަލް ލެވެލްގަ ނޫނީ މިޑިލް މެނޭޖްމެންޓް ލެވެލްގަ ބައިވެރިވާން. އެކަމަކު މައިޝާން ބޭނުންވަނީ އަރާ ބޮންތީގަ ހިފަން. ނޫންތަ؟" މުރުޝިދު ހާމަކުރީ ހަގީގަތެވެ.
"އައްޗި؟ އެއީ މަގޭ ކާފައާއި މަގޭ ބައްޕައާއި މަގޭ ބޮޑުބޭބެގެ ކުންފުންޏެކޭ. ނަދާލްހެން މި އާއިލާ ތެރެއަށް ބޭރުން ގެނެސް ލައިފަ ހުރި މީހެއް ނޫނޭ މަށަކީ. މަ ނުޖެހޭނެ އޭނަ އެތާ ދަށްފެންވަރުގަ އުޅުނޭ ކިޔާފަ ގޮސް އެވަރު ވަޒީފާއެއް އަދާކުރާކަށް" މައިޝާން ބުންޏެވެ.
"އަހަރެން ބުނެފީމެއްނު ފުރަތަމަ އަރާ ބޮންތިއަކު ނުހިފޭނޭ. މައިޝާންގެ ނެތެއްނު އެ ތައުލީމެއް އެ ތަޖުރިބާއެއް އެ ފެންވަރެއް؟ އެކަން ގަބޫލުކޮށްބަލަ!" މުރުޝިދު ބުންޏެވެ.
"އާން ހެވޭ ދެން! އަހަރެން އެންމެ ހަތްހާސް ރުފިޔާގަނޑު ދޭށޭ ބުނީމައެއްނު ތި ހުރިހާ އެއްޗެކޭ ތި ކިޔަނީ." މައިޝާންގެ ރުޅިގަނޑު ފަޅައިގެން ނުގޮސްހުރީ ކިރިޔާ އެވެ.
"ދެން މުރުޝިދުވެސް މާ މުށްބާރީއޭ. ތިހާ ކަންތައްގަނޑު ބޮޑުނުކޮށް އޭނައަށް އެންމެ ހަތްހާސް ރުފިޔާ ދީބަލަ. އެއީ އެހާވަރު ކަމެއްތަ؟" ޒީނިޔާ ބޭނުންވީ ދަރިފުޅު ބޭނުންވާގޮތް ހަދައިދޭށެވެ. މުރުޝިދު ގޮތް ދޫނުކުރުމުން އެންމެފަހުން ކޮޓަރިއަށްގޮސް ހަތްހާސް ރުފިޔާ ގެނެސް މައިޝާނަށް ދިއްކޮށްލިއެވެ. މައިޝާން އެ ހިފައިގެންދިޔައީ މުރުޝިދަށް ރުޅިވެރި ނަޒަރަކުން ލޯ އަޅައިލައިފަ އެވެ. މުރުޝިދަށް ރުޅިއައިސްފައި ބަލައިލެވުނީ ޒީނިޔާއަށެވެ.
"ހިތުން ވަރަށް މޮޅުކަމެއް ދޯ ޒީނިޔާ ތި ކުރަނީ؟ ކަމެއްނުކޮށް ދެއަތް އުރާލައިގެން ހުއްޓާ އޭނަގެ އެކައުންޓަށް އަހަރެން އެބަ ފޮނުވަމޭ މަހަކު ތިރީސްހާސް ރުފިޔާ. ދަރިއަކަށްވާތީ. ގެއެއްގެ ކަމެއް ކުރާކަށް ނޫނީ ކުއްޔެއް ދައްކާކަށް ޖެހޭ މީހެއްނޫން މަސް ހުސްނުވަނީސް އަޗާތަޅާ އެ ހުސްކޮށްފަ އައިސް ލާރިއަށް އެ ކިޔަނީ. ޒީނިޔާ ތިހެން ދޭހާ ހިނދަކު އޭނަ ނުވާނެ އިސްލާހެއް"
------
ހަވީރުގެ ހިތްފަސޭހަ ވަގުތެވެ. ރަށުގެ ފުއްޓަރު ފަރާތު އަތިރިމަތީގައި ހުރި ހިޔާ އެޅޭ ގަހެއްގެ ދޮށުގައި މައިރާ އާއި އައިލީން ތިބީ ވާހަކައަށް ގެއްލިފަ އެވެ. އުޑުމަތި ބަނަކޮށް އޮތް ނަމަވެސް އެހެން ދުވަސްދުވަހާ ބަލާއިރު މޫސުން ރީތި ދުވަހެއްކަމުން އެ ދެކުދިން އައީ މަޖާ ހަދައިގެން ބީޗަށް ކާށެވެ. އެހެންތިބިއިރު އައިލީން ކިޔައިދެމުންދޮޔަ މައިރާ މަސްއޫލުވެފައިވަނީ އެދިމާލުގެ ބޭރުން ދަތުރުކުރަމުންދިޔަ އެކި އޮޑިދޯނިފަހަރުގެ ފޮޓޯތައް ނެގުމުގަ އެވެ.
"މައި.." ވާހަކައިގެ ތެރެއިން އައިލީން މައިރާއަށް ގޮވައިލީ ސަމާލުކަންދޭށޭ ބުނާ ފަދައަކުންނެވެ. "މައި އަދިވެސް ތިހިރީ އިވާންދެކެ ހިތްހަމަނުޖެހިފަތަ؟ ކުރީ ދުވަހުގެ ކަންތަކާ؟" އައިލީން އަހައިލިއެވެ.
"ނޫން ކިހިނެއްވީ؟' މައިރާގެ އަތުގައި އޮތް ކެމެރާ ބިންމަތީގައި ބާއްވައިލިއެވެ.
"އަހަރެންނަށް ހަމަ ހީވީ" އައިލީން ނޭނގެއޭ ބުނާ ފަދައަކުން ދެކޮނޑު އަރުވައިލިއެވެ. "އަސްލު އަހަރެންނަށް އިވުނު އެދުވަހު މައިއާ އިވާންއާ ޒުވާބުކުރިއަޑު. މިބުނީ އަހަރެން މީޓިންގްއިން އައިސް ވަތްތަނާހެން ވީކަމެއް ވީ. އެނގޭ އިވާން އެގޮތަށް ކޮމެންޓް ކޮށްގެން ނުވާނެކަން މައި ހެދުން އަޅާގޮތަށް" އައިލީން އިތުރުކޮށްލިއެވެ.
"އޯހ" މައިރާއަކަށް ބުނާނެ އެއްޗެއް ނޭނގުނެވެ.
"މައި" އައިލީން މައިރާގެ އަތުގައި ހިފައިލިއެވެ. "ބުނަން މިއުޅޭ ވާހަކައަކީ. މިއީ އިވާން ބުންޏެއްނު މައިގާތު އެކަނި ރަށުތެރެއަށް ނުނިކުންނާށޭ. އަސްލުވެސް ނުނިކުންނައްޗޭ އެނގޭ. އަހަރެން ރޭގަ އިވާންއާ އެ ވާހަކަ ދެއްކިން. އިވާންވެސް ދެރަވެފަ ހުރީ ރުޅި އާދެވުނީމަ. ބުނި މައިއަކީ ބަސް ގަބޫލުކުރާ ވަރަށްވުރެން ބޯހަރު ކުއްޖެއްހެން ހީވާތީ ރުޅި އައިސްފަ އެހެން ބުނީ އޯ. އަސްލު މައިއާ އެކްސިޑެންޓް އެވީ މިރަށުގެ އެންމެ ބޮޑު ކްރިމިނަލް. ޑްރަގްސް. މާރާމާރީ.. ކިޑްނެޕިންގް.. ނުވިތާކަށް ރޭޕްގެ ތުހުމަތުތައްވެސް އޭނައަށް ކުރެވިފަވަނީ. މިރަށު އެންމެނަށްވެސް އެނގޭ އެއީ އަސްލު ތުހުމަތުތަކެއްކަން އެކަމަކު ކޮންމެސް މަތީކޮޅަކުން އޭނަ ބެކަޕް ކުރާތީ ކަންނޭނގެ އެއްވެސް ފަހަރަކު ކުށް ސާބިތުނުވަނީ. އިވާންބުނީ މައި އަތުގަ ލާރި ހުރިކަން އެނގުނު ހިސާބުން އޭނަ މައިއަށް ބަލަންފެށިގޮތުންވެސް އިވާންއަށް ޔަގީންވެއްޖެއޯ މައި އޭނަގެ ރާޑަރަށް އަރައިފިކަން. ސޯ ޕްލީޒް. އިވާންއަކީ މައި ކީއްކުރަން އެއްވެސް މީހަކަށް ދެރަގޮތެއް އެދޭނެ މީހެއްނޫން. ކުޑަކޮށް އޯވަރޕްރޮޓެކްޓިވް ވާނެ. މައިއަށް އެކަންޏެއްނޫން.. ވަށައިގެން އުޅޭ އެންމެނާ މެދުވެސް.. އެނގޭ މައި ކަހަލަ މިނިވަން ހިޔާލެއްގެ ކުއްޖަކަށް އެ ގޮތްގަނޑު އުނދަގޫވާނެކަންވެސް އެކަމަކު.. ޖަސްޓް ލިސަން ޓު ހިމް އޯކޭ؟"
އައިލީންގެ ވާހަކަ އަޑުއަހަން މައިރާއަށް އިނދެވުނީ ހައިރާންވެފައެވެ. އެހާ ކުޑަ ވަގުތުކޮޅަކަށް ދިމާވުމަށްފަހުގައިވެސް އިވާން އޭނާގެ ސަލާމަތާ ދޭތެރޭ އެވަރަށް ވިސްނީހެއްޔެވެ؟ އޭނާގެ މިޒާޖާއި ބޯހަރުކަން އެހާ އަވަހަށް ދެނެގަތީ ހެއްޔެވެ. އެކަމުން އެކަނިވެސް އިވާންއަކީ ކިހާ ތޫނުފިލި ތަހުޤީޤީ އޮފިސަރެއްކަން މައިރާއަށް ޔަގީންކުރެވުނެވެ. އައިލީންގެ ވާހަކައިން އަދި އިތުރު ކަންތައްތަކެއްވެސް މައިރާގެ ސިކުނޑިއަށް ނަގައިގަތެވެ. އެބުނާ ކުށްވެރިޔާއަކީ އޭނާ މި ހޯދާ މީހާއޭ މައިރާގެ ހިތް ބުނަންފެށިއެވެ.
"ލީން.. ތިބުނާ ކުށްވެރިއަކަށް ކިޔަނީ ކޮން ނަމެއްތަ؟ އޭނަ މިފަހުން މާލެ ދިޔަތަ؟ މިބުނީ މީގެ ހައެއްކަ މަސްކުރިން.. އޭނަ އުޅުނީ މާލޭގަތަ؟" އިރުކޮޅެއްގެ ހިމޭންކަމަކަށްފަހު މައިރާ އަހައިލިއެވެ.
"އާސިމް އޭނައަށް ކިޔަނީ. މާލެއިން ރަށުން މާލެއިން ކަހަލަ ގޮތަކަށް އޭނަ އަބަދުވެސް އުޅެނީ.. އެހެންވީމަ ސީދާ ބުނާކަށް ނޭނގޭ އޭނާ އުޅުނީ ކޮންތާކު ކަމެއް. ކިހިނެއްވީ؟ މައިއާ އޭނަ މާލެއިން ދިމާވީތަ؟" އައިލީންގެ ސުވާލަށް ނޫނެކޭ ބުނުމިގެ ގޮތުން މައިރާ ބޯ ހޫރައިލިއެވެ.
"ނޫން. މިއީ.. ލީންއަށް އެނގޭތަ މީގެ ހައެއްކަ މަސް.. ނޫނީ އަހަރެއްހާ ދުވަސްކުރިން މާލެއަށް ކިޔަވަންދިޔަ މިރަށު އެއްވެސް މީހެއް. ސަފަޔަރއަށް؟" މިފަހަރު މައިރާގެ ސުވާލު އިތުރަށް ތަފްސީލުކޮށްލިއެވެ.
"ތިހެން ދާނެ ދޯ ކިތަންމެ ބަޔަކު. އަސްލު ތިބުނި މުއްދަތުގަ އަހަރެންވެސް ހުރީ މާލޭގަ. އެހެންވެ ރަށުގެ މާ ގިނަ ހަބަރެއް ނޭނގޭ. އިވާންގާތުވެސް އެހިދާނެ އެކަމަކު އިވާންވެސް އޭރު އުޅުނީ ފާޑެއްގެ ފޮރެންސިކް ކޯހަކަށް މާލެގޮސް. ސަފަޔަރގެ ޓްރެއިނިންގް އެކެޑެމީއަކަށް އޭނަވެސް ދިޔައީ. މައި އަނެއްކާ ވަކި މީހަކު ހޯދަނީތަ؟" އައިލީން ބުންޏެވެ.
"ހަމަ އަހާލީ. ދެން ތި މަޖާތަށި ނަގާބަލަ. ތި ކާހިތްވެފަ ހުރިވަރުން ނުވެސް ކައެއްނު މި އައީ" މައިރާ އަވަސްއަވަހަށް ވާހަކައިގެ މިސްރާބު ބަދަލުކޮށްލިއެވެ.
"ހްމްމް މިހިރީ. އާނ މައި. އަދި ވާހަކައެއް ދައްކަންވެފައޭ އޮތީ. އަހަރެން މިއުޅެނީ މާދަމާ ފުރަން ކައިރި ރިސޯޓަކަށް" އައިލީންގެ ޖުމްލަވީ އެތަނަށް ވައްޓައިލެވުނު ބޮމެއްފަދަ އެއްޗަކަށެވެ.
"ވަޓް؟ މާދަން؟ ޖޮބަކަށްތަ؟ އަޅެ އަހަރެން މިކޮޅުގަ ހުއްޓާތަ ދަނީ؟ އަހަރެންވެސް ވަރަށް އަވަހަށް ފުރަމެއްނު! ދެން އަހަރެން ދިޔައިމަ ދާން މަޑުކޮށްބާ" މައިރާއަށް ބުނެވުނެވެ. މައިރާ އަދި އައިލީންއާ ދައްކަންހުރި ވާހަކަތައް ވަރަށްގިނައެވެ. ދައްކަންއުޅޭ ވާހަކައިގެ ގޮތުން އައިލީންގެ އިތުބާރާއި ރަހްމަތްތެރިކަން ހޯދުމަކީ މުހިއްމު ކަމަކަށްވާތީ އެ ވާހަކަތައް މިހާތަނަށްވެސް މަޑުޖައްސައިލައިގެން ހުރީއެވެ. މިއަދު އައިލީންގެ ވާހަކަތައްހުރި މިސްރާބުން މައިރާއަށް އެ މައުޝޫއު ފަށާނެ ފުރުސަތެއް ލިބުނު ނަމަވެސް އަދިވެސް އޭނާއަށް އައިލީންގެ އެހީ ވަރަށް ބޮޑަށް ބޭނުންވެ އެވެ.
"އަޅޭ އައި ވިޝް. އެކަމަކު ހަމަ ކުއްލިއަކަށް ސްކޫލްގެ ޓްރެވަލް އެންޑް ޓޫރިޒަމް ކިޔަވާ ކުދިންނަށް ކައިރީގަ އޮތް ރިސޯޓުން ދެދުވަހުގެ ފީލްޑް ޓްރިޕެއް ހަމަޖެހުނީ. އެވެސް ރިސޯޓުގެ ހަރަދުގަ. ވަރަށް ދުވަސްވެއްޖެ މި ޓްރިޕަށް ރިކުއެސްޓް ކުރާތާ ދެން މިދުވަސްކޮޅު މޫސުން ގޯސްވެފަ އޮފް ސީޒަންވީމަ އެ ހަމަޖައްސާ ދިނީވެސް. އެހެންވެ ޕޭރެންޓުންވެސް ބޭނުންވަނީ ޗުއްޓީ ދުވަސްކޮޅު ކަމަށްވިޔަސް ކުދިން ފޮނުވަން. ދެން ވާގޮތަކީ ސްކޫލް ޗުއްޓީ ވީމަ ގިނަ ބޭރު ޓީޗަރުންނާއި ދަރިން ތިބޭ ޓީޗަރުންވެސް ވީ ރަށުން ބޭރަށް އެކި ތަންތަނަށްގޮސް. އަހަރެންނާ އަދިވެސް ވަރަށް ފަހުން ވަތް ޓީޗަރުންކޮޅަކާ ދާގޮތަށް ހަމަޖެހުނީ" އައިލީން ކިޔައިދިނެވެ.
"ދެން އެކަމަކު—"
"އެނގެޔޭ މައި. އަހަރެންވެސް ބޭނުމެއްނުވޭ މައި އެކަނި ބަހައްޓާފަ ދާކަށް. އެހެންވެ އެދުވަހު މީޓިންގްގަ އެވާހަކަ ދެއްކީއްސުރެން މައިގާތު ބުނާނެ ގޮތެއް ނޭނގިގެން މި އުޅުނީވެސް" އައިލީން މައިރާގެ ވާހަކަ މެދުކަނޑައިލި އެވެ.
"ދެން ކީއްކުރާނީ ދޯ. އެންމެ ދެދުވަހެއްނު. ރަނގަޅުވާނެ" މައިރާ ފުން ނޭވާއެއް ދޫކޮށްލި އެވެ.
------
މަހަލްދީބް އައިލަންޑް ރިސޯޓުގެ ހުޅަނގުފަރާތު އަތިރިމަތީގައި ހަދާފައިވާ އޯވަރ ވޯޓަރ ރެސްޓޯރެންޓަށް ނަދާލް ވަނުމާއެކު އެތަނުގައިހުރި މުވައްޒަފަކު އޭނާއަށް މަރުހަބާކިއެވެ. އެއީ ނަދާލްއާ ބީރައްޓެހި މުވައްޒަފެއް ނޫންކަމުން ނަދާލްވެސް ބޯ ޖަހައިލަމުން އޭނާގެ ސަލާމް ރައްދުކޮށްލިއެވެ. އެ ރެސްޓޯރަންޓަކީ ނަދާލްމެންގެ ކުންފުންޏަށް އައުޓްސޯސް ކޮށްގެން އެ ރިސޯޓުގައި ހިންގާ އިޓަލީވިލާތުގެ ކެއުންތަކަށް ހާއްސަ ރެސްޓޯރެންޓެކެވެ. ކުންފުނީގެ މައި ރެސްޓޯރެންޓް ހުންނަނީ ހުޅުމާލޭގައި ކަމަށްވިޔަސް ރާއްޖޭގެ އެކި ރިސޯޓުތަކުގައި އެ ކުންފުނިން ހިންގާ ރެސްޓޯރެންޓްތައް މަދެއްނޫނެވެ.
ނަދާލް ލަސް ހިނގުމެއްގައި ހިނގާފައި ގޮސް އެ ރެސްޓޯރެންޓްގެ މެދުގައި ވައްބުރެއްގެ ބައްޓަމަށް ހަދާފައިހުރި ކައުންޓަރެއްގެ ގާތަށް މަޑުކޮށްލިއެވެ. ގާތްގަނޑަކަށް ދެތިން ބާޓެންޑަރުން އެ ބުރުގެ ތެރޭގައި ހަރަކާތްތެރިވަމުން ދިޔައީ އެތަނުގައިއުޅޭ ފަތުރުވެރިން ބުނާ ބުއިންތައް ވަގުތުން ތައްޔާރުކޮށްދިނުމުގައެވެ.
"ގުޑް އަފްޓަރނޫން ސަރ. ދަ ޔޫޝުއަލް؟" ނަދާލް ފެނުމުން އެތަނުގައިހުރި ބާރޓެންޑަރެއް އަދަބުވެރިކަމާއެކު އަހައިލިއެވެ. އެހެނަސް އެވަގުތު ނަދާލްއަށް މާޖިދުގެ ކޯލެއް އަންނަން ފެށުމުން އޭނާ ވަކިއެއްޗެކޭ ނުބުނެ ކޯލަށް ޖަވާބުދިނުމަށް އަވަސްވެގަތެވެ. ފޯނު ކަންފަތުގައި ޖަހައިގެންހުރެ އެތަނުން ދުރަށް ހިނގައިގަތްއިރު އެވަގުތު އޭނާގެ ކައިރިންލާފައިގޮސް ކައުންޓަރު ކައިރިއަށް ހުއްޓުނު ޒުވާން އަންހެންކުއްޖާ އޭނާގެ ލޮލުގައި އަޅައިގަތްހެނެއް ހިއެއް ނުވެ އެވެ.
"ވަޓްސް ގުޑް މިތާގަ. ނަން-އަލްކޮހޮލިކް އެނގޭ.." ނަދާލްއާއި މީގެ އިރުކޮޅެއްކުރިން ވާހަކަދެއްކި ދިވެހި ބާޓެންޑަރާއި ސުވާލުކޮށްލިއެވެ. އެމީހާ އައިލީންއަށް މަތިމަތިން އެތަނުގެ ބުއިންތައް ހިމެނޭ މެނޫ ކިޔައިދިނެވެ.
"އަމްމް. ދިސް ބްޜެމްބްލް މޮކްޓެއިލް ރަނގަޅުވާނެ. ތެންކްޔޫ" އައިލީން އޭނާގެ އޯޑަރު ދިނުމަށްފަހު އެތަނުގައިހުރި އުސްގޮނޑިއެއްގައި އިށީނދެލިއެވެ. ވަށައިގެންވާ މާހައުލުގެ ހިތްގައިމުކަމާމެދު އާޝޯހުވެފައި އިނދެ އެތަންމިތަން ބަލަމުންދަނިކޮށް އޭނާގެ ބުއިން ތައްޔާރުކޮށްލައިގެން ގެނެސް ކައުންޓަރު މަތީގައި ބަހައްޓައިލައިފިއެވެ. އައިލީން ބާރޓެންޑަރަށް ޝުކުރުގެ ހިނިތުންވުމެއް ހަދިޔާކޮށްލުމަށްފަހު އެ ހިތްގައިމު ބުއިމުގެ ރީތި ފޮޓޮއެއް ފޯނުގައި ރައްކާކޮށްލުމަށް ތައްޔާރުވެލިއެވެ. އެ ބުއިން އޭނާއާ ތަންކޮޅެއް ދުރަށް ޖައްސައިލުމަށްފަހު ރީތި ދިމާލަކުން ފޯނުގެ ކެމެރާ އަމާޒުކޮށްލިވަގުތު ލެންސަށް އެރި މަންޒަރުފެނި އޭނާގެ މޫނުމަތީގައިވި ހިނިތުންވުން އޮއްސުނެވެ. އާނއެކެވެ. އައި ނައިތަނެއް ނޭނގި ކޮންމެވެސް މީހަކު އައިސް އޭނާގެ މޮކްޓެއިލްތަށި ނަގައި އެއިން ކޯވަރެއް ދަމައިލީއެވެ. އެއީ ރިސޯޓަށް އައިސްގެން އުޅޭ ފަތުރުވެރިއެއްކަމަށް ޔަގީންވާތީ އައިލީންއަށް އެއްޗެކޭ ބުނާކަށް ނުކެރުނެވެ. ގޮތްހުސްވެފައި އެތަނުގައިހުރި ބާރޓެންޑަރަށް ބަލައިލުމުން އިތުރު ބުއިމެއް ތައްޔާރުކޮށްދެނީކަމަށް އެމީހާ އިޝާރާތްކުރިއެވެ. އެ އިޝާރާތަށް ބޯ ޖަހައިލުމަށްފަހު އައިލީން ރިންގުވަމުންދިޔަ ފޯނަށް ޖަވާބުދިނެވެ.
"ހެލޯ ލީން. ނުނިމޭތަ އަދިވެސް. ކާން އަންނާށޭ ބުނީމަ ނުކާނަމޭ ކިޔާފަ ޑްރިންކެއް ބަލާދިޔަ މީހާ ތިއީ. އަހަރުމެން މިދަނީ މިހާރު ކައިނިމިގެން ޓުއަރއަށް ދާން. މިރޭ ވާއިރަށް މި ކުދިންވެސް ރެސްޓްކޮށްލަން ބޭނުންވާނެއެއްނު" އައިލީންއާއެކު އެ ދަތުރުގައި އައި އިތުރު ޓީޗަރެއް ކަމަށްވާ ހަމްނާ ގުޅާފައި ބުންޏެވެ. އެމީހުންނަށް ރިސޯޓަށް އާދެވުނުތާ އަދި މާގިނައިރެއްނުވެއެވެ. ދަތުރުގައި ބައިވެރިވި ހުރިހާ ޓީޗަރުންނަށް އެތަނުގެ އިޓާލިއަން ރެސްޓޯރަންޓުން ކެއުމަކަށް ދައުވަތު ދިފައިވުމުން ކުދިން މައި ރެސްޓޯރެންޓަށް ކާން ފޮނުވާފައި ހުރިހާ ޓީޗަރުން އައިސް ތިބީ އިޓާލިއަން ރެސްޓޯރަންޓްގައެވެ.
"ދެން ވަރަށް ފާޑެއްގެ ކަމެއްވެގެން މި އުޅެނީ. އަހަރެން މިތަނަށް އައިސް އޯޑަރުދީގެން ޑްރިންކް ތައްޔާރުކުރިތަނާ ފާޑެއްގެ ފަރަންޖީއެއް އައިސް އޭތި ކަޓުވާލައިފި. އެއްޗެކޭވެސް ބުނަން ކެރޭނީ ކިހިނެއް. މިމީހުން މިތަނަށް އައިސް އުޅޭތީވިއްޔާ އިކޮނޮމީ ދިރި މި އޮންނަނީ. ދެން އެހެންވެ ދެވަނަ ޑްރިންކެއް ރެޑީވަންދެން މީނީ." ހިތްހަމަނުޖެހިފައިހުރި ވަރުން އައިލީންގެ ހިތުގައިވި އުދާސްތައް ފޯނުގައިހުރެ ބަންޑުންކޮށްލިއެވެ. ނަމަވެސް އޭނާގެ މޮކްޓެއިލް "ކަޓުވައިލި" މީހާ ހުރީ އޭނާގެ ވާހަކަ އިވޭ ހިސާބު ދެތިން ފޫޓު ދުރުގައި ކަމުން އައިލީން ވާހަކަދެއްކީ އެމީހާއަށް ފަހުމު ނުވާނޭހެން ދިވެހިބަހުންނެވެ.
"ކަޓުވާލީއޭ؟ ހާދަ ގޮތެއްނެތް މީހެކޭ ދޯ؟ ގައިމު މީހުން ކިޔާ ރާއްޖެ އަންނަ ފަތުރުވެރިން ވަރަށް ޕޮލައިޓްވާނެއޭ" ހަމްނާ ބުންޏެވެ.
"އާނ މިއީ ޗައިނާ-ޖަޕާނު ހިސާބު މީހެއްނޫނޭ. ހީވަނީ އިޓަލީ ނޫނީ މިޑްލް އީސްޓް ހިސާބު މީހެއްހެން. އޭ ދެން ބާއްވަނީ އެނގޭ. މިހާރުވެސް ފާޑަކަށް ބަލާ އެބަ އޭނަ. ހުވާ ހިތަށް އަރާ ދެލޯ ކޮނެލަފާނަމޭވެސް" އައިލީން ފޯނު ކަނޑައިލުމުގެ ކުރިން ހަމްނާގެ ހިނިގަނޑުގެ އަޑު އިވުނެވެ.
"ވޯޒް ދިސް ޔުއަރޒް" އައިލީން ސިއްސައިގެންދިޔައީ ކުއްލިއަކަށް އޭނާގެ ގާތުން ފިރިހެންވަންތަ ބަރު އަޑެއް އިވުމުންނެވެ. "އައި ރިއަލީ ޑިޑިންޓް މީން ޓު ސްޓީލް ޔޯރ ޑްރިންކް. އެޕޮލޮޖީޒް" ނަދާލްގެ ވާހަކަ ކުރިއަށް ގެންދިޔައެވެ.
"ދި.. ދިވެއްސެއްތަ؟" އައިލީންއަށް ވާހަކަދެއްކުން އުނދަގޫވިއެވެ. އެއީ ދިވެއްސެއްނަމަ އޭގެ މާނައަކީ އޭނާ ފޯނުން ދެއްކި ހުރިހާ ވާހަކައެއް އެމީހަކަށް ފަހުމްވާނެއޭތާއެވެ. "އޯހް ޝިޓް" އައިލީންއަށް އަމިއްލަ ނިއްކުރީގައި ޖަހައިލެވުނުއިރު އޭނާގެ ހިތުގައިވި ބަސްތައް ދުލަށް ގެނެވުނުކަންވެސް އެނގުނީ އެ ބަސްތައް ބުނެވިދިޔަ ފަހުންނެވެ. ގަނެފައިހުރި ލަދުން ބިންފަޅާފައި އަޑިއަށް ދެވޭނޭ ނަމައޭވެސް އޭނަގެ ހިތަށްއެރިއެވެ. އޭނާއަށް ހުރެވުނީ އިސް އުފުލައިލަންވެސް ނުކެރިފައެވެ.
"މީގެ އިރުކޮޅެއް ކުރިން އަހަރެންވެސް އައިސް ހަމަ މި ޑްރިންކަށް އޯޑަރުދީފަ ދިޔައީ. އޭރު ތި ކުއްޖާއެއްނެތް. ކޮބާތަ.. މިއީ.. މީނައަށް އެނގޭނެ" އައިލީންއަށް އާ މޮކްޓެއިލެއް ގެނެސްދިން ބާރޓެންޑަރަށް އިޝާރާތްކޮށްލަމުން ނަދާލް ބުންޏެވެ.
"ސަރ އެވަގުތު ވަކިއެއްޗެކޭ ނުބުނެ ދިޔައިމަ އަޅުގަނޑު—"
"ދެން އޯކޭ. އަޅާނުލާ. އެހާވަރު ކަމެއްނޫން.. ސޮ.. ސޮރީ ކިޔުނު އެއްޗެއްސަށް" އައިލީން ގަދަކަމުން ހިނިތުންވެލިއެވެ. އެކަންތައްގަނޑުގެ ސަބަބުން އެތަނުގައިހުރި ބާޓެންޑަރ ހޫނުފެނަށް ވެއްޓޭކަށް އޭނާ ބޭނުމެއްނުވިއެވެ. އަވަހަށް އެތަނުން ދާން އުޅެނިކޮށް ހުއްޓެން މަޖުބޫރުވީ އޭނާއާ ވާހަކަދެއްކި ޒުވާނާ ކުއްލިއަކަށް އޭނާގެ އަތުގައި ހިފެހެއްޓުމުންނެވެ.
"އަމްމް. ސޮރީ އަގައިން.." ނަދާލް އަވަސްއަވަހަށް އައިލީންގެ އަތުން ދޫކޮށްލުމަށްފަހު ވަށައިގެން ހޯދައިލިއެވެ. އެ އަޑު އިވުނީ އައިލީންއާ ނުހަނު ގާތުންކަމުން އައިލީންއަށް އިސްއުފުލާލައި ނަދާލްގެ މޫނަށް ބަލައިލެވުނެވެ. ރީތި މޫނެކެވެ. އޮޅަލިކުލައިގެ ހަންގަނޑެކެވެ. ފުސްކަމެއްހުރި މާމުއިކުލައިގެ ކަޅީގެ ވަށައިގެން މަޑު ފެހިކުލައެއް ހުއްޓެވެ. ތަނަވަސް ނިތްކުރިއަކާއި ވަރުގަދަ ބުމައަކާއި ދިގު އެސްފިޔަތަކެކެވެ. ކަޅުކަންގަދަ ރާޅުބާނީ އިސްތަށިގަނޑަކާއި ތުނބުޅިއެކެވެ. ހުތުރޭ ބުނާނޭ ހަމަ އެންމެ ސިފައެއްވެސް ހަމަނެތެވެ. މާތް ރަސްކަލާނގެ ކުޅަދުންވަންތަކަމޭ އައިލީންގެ ހިތަށް އެރިއެވެ. ބަލާބެލުމަށް ދިވެއްސެއްފާޑެއް ނުޖަހައެވެ. އެތޫނު ބެލުމާއި ރީތި ހިނިތުންވުމުގެ ޖާދޫގައި ނުޖެހޭނެ ކުއްޖެއް މަދުވާނެއޭ އައިލީންގެ ހިތް ބުނަމުންދިޔައެވެ. ހުދު އޭނާއަށްވެސް ނަދާލްގެ އެ އާދަޔާހިލާފު ދެލޮލާ ނަޒަރު ވަކިކޮށްލުންވީ އުނދަގޫކަމަކަށެވެ. އެއީ އޭނާއަށް މީގެކުރިން ދުވަހަކުވެސް ފެނިފައި ނުވާފަދަ ދެލޮލެވެ. މުޅި މީހާ ފިނިވެ އަތެއް ފައެއް ހަރަކާތްކޮށްލަންވެސް ނޭނގިފައި ހުރެވުނީއެވެ.
"ދެލޯ ކޮނެލަންވެގެންތަ ތި ބަލަނީ" އައިލީން ފޯނުގައިހުރެ ދެއްކި ވާހަކަ ނަދާލް ހަނދާންކޮށްލައިދިނެވެ. އެއާއެކު އައިލީންގެ މޫނު ލަދުން ރަތްވިއެވެ. އެވަގުތު ފޯނު ރިންގުވީތީ އައިލީން ހިތާހިތުން ހަމްނާއަށް ޝުކުރުވެރިވިއެވެ. ފޯނު ކަންފަތުގައި ނުޖެހެނީސް ހަމްނާ ކުރަންފެށި ޝަކުވާގެ އަޑު ނަދާލްއަށްވެސް އިވުނީ ކަހަލައެވެ. އޭނާ ކަރުކެހިލުމަށްފަހު އައިލީންއާ ދުރަށް ޖެހިލިއެވެ. ގެނައި މޮކްޓެއިލްވެސް ނުބޮއެ ދޫކޮށްލުމަށްފަހު އައިލީން ގޮނޑިން ފައިބައިގެން ހަމްނާމެން ތިބި ދިމާލަށް ދުއްވައިގަތީ އެންމެ ފަހަރަކުވެސް ފަސްއެނބުރި ބަލައިލުމަކާނުލައެވެ.
"މަޖާ ކުއްޖެއްދޯ" އައިލީން ދިޔަތަންބަލަން ހެވިފައިހުރި ނަދާލް ބާރޓެންޑަރަށް ދޯދިނެވެ. އައިލީންއާއެކު ހިނގި ފުރަތަމަ ބައްދަލުވުމަށްފަހުވެސް ނަދާލްއަށް އެކުއްޖާއާމެދު ޝައުގުވެރި ވެވިއްޖެއެވެ. ބޭއިޙްތިޔާރުގައިވިޔަސް އިންތިޒާރު ކުރެވެންފެށީ ދެން އަނެއްކާވެސް އައިލީން ފެންނާނެ އިރަކަށެވެ. އެ އިންތިޒާރުގެ ވަގުތުތައް މާ ދިގުލައިގެނެއް ނުދިޔަ އެވެ.
ފީލްޑް ދަތުރުގައި އައި ދިހަ ކުދިންނާއެކު މުޅި ރިސޯޓުގެ ޓުއަރ ނިންމައިލިއިރު ބާކީތިބި ޓީޗަރުންނެކޭ އެއްފަދައިން އައިލީންވެސް ހުރީ އަރާމުކޮށްލަން ދާން ބޭނުންވެފައެވެ. މިހާރު އިރުއޮއްސެންވެސް ގާތްވަނީއެވެ. އެމީހުންގެ އެންމެފަހު މަންޒިލަކަށްވީ ރިސޯޓަށް އަންނަ ކުރެހުންތެރިންނާއި ރާއްޖޭގެ އެކި ފަންނުވެރިންގެ ހުނަރު ދައްކާލަން އެތަނުގައި ހަދައިފައިވާ ގެލެރީއެވެ. އެ ގެލެރީގައިވާ ގިނަ ކުރެހުންތައް ގަންނަންވެސް ލިބެންހުއްޓެވެ. އެކި މީހުންނަށް އެތަނުގައިވާ އެކި ކުރެހުންތައް ކަމުދިޔައިރު އައިލީންގެ ލޮލުގައިވެސް ވަކި ހާއްސަ ކުރެހުމެއް އަޅައިގަތެވެ. މެދުއިރުމަތީގެ ރީތި މަންޒަރެއް ދައްކައިދޭ ކުރެހުމަށް ގެއްލިފައި ހުރެވުނުއިރު އޭނާގެ ކޮންމެ ހަރަކާތަކަށް ފާރަވެރިވަމުންދިޔަ މީހެއް އެތަނުގައި ހުރިކަން އައިލީންއަކަށް ނޭނގެއެވެ. އެކަން އައިލީންއަށް ރޭކައިލީ ހަމްނާ ކުއްލިއަކަށް އޭނާގެ ފަހަތުން އައި މީހަކަށް ލޮލުން އިޝާރާތްކޮށްލުމަށްފަހު އޭނާއާ ދުރަށް ޖެހިލުމުންނެވެ. އެއީ ކާކުތޯ ބެލުމަށް އައިލީން ފަސްއެނބުރުނެވެ. އޭނާގެ ދެލޮލާ ބައްދަލުކުރީ މުޅިދުވަހު އޭނާއަށް އެ ލޮލެއްގެ މަތިން ހަނދާންނައްތައިނުލެވިފައިވާ މާމުއިކުލައިގެ ދެލޮލެވެ.
"އަހަރެންނަށް ފާރަލަނީތަ؟ ސޮރީއޭ ކިޔުނު އެއްޗެއްސަށް" އައިލީން ވަށައިގެން ހޯދައިލިއެވެ. ނަސީބަކުން ހަމްނާ ފިޔަވައި އެވަގުތު އެތަނުގައިހުރި އެއްވެސް މީހެއްގެ ސަމާލުކަން އެދިމާލަށް ހުއްޓިފައެއްނެތެވެ. ހުރިހާ ކުދިންވެސް ތިބީ ގެލެރީގެ މުވައްޒަފަކު އެތަނުގައިހުރި ކުރެހުމަކާ ގުޅިގެން ކިޔައިދެމުންދިޔަ ވާހަކަތަކަށް ގޮސް ހުސްވެފައެވެ. އައިލީންއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.
"ފާރަލަނީކީ ނޫން. އަހަރެންވެސް މިތަނަށް އައިސް އުޅެނިކޮށް ތިކުއްޖާ ފެނުނީމަ މި އައީ. އަދި ނަންވެސް ނުބުނަމެއްނު" ނަދާލް ހާމަކުރީ ހަގީގަތެވެ. އެދުވަހުގެ އިރުއޮއްސުމާ ގާތްވެފައި ވަނިކޮށް ނަދާލް އެ ގެލެރީއަށް އައީ އެއްވެސް ވަރަކަށް އައިލީންއާ ބައްދަލުވާނެކަމުގެ އުއްމީދުގައެއް ނޫނެވެ. އޭނާއަކީ އެއްވެސް އިރެއްގައި ކުރެހުންފަދަ ފަންނުތަކަށް މާބޮޑު ޝައުގެއް ހުންނަ މީހެއްވެސް ނޫނެވެ. ނަމަވެސް ރިސޯޓުގައި ހޭދަވި ދެތިން ދުވަހެއްގެ ތެރޭގައި އޭނާވަނީ އެތަނުން ކުރެވެންހުރި ހުރިހާ ކަމެއްގެ އަޖުމަ ބަލައި ނިންމައިފައެވެ. އިތުރަށް ކުރާނެ ކަމެއް ނުވަތަ ދެވޭނެ ތަނެއް އަދި ވާހަކަދައްކައިލާނެ ރައްޓެއްސަކުވެސް ނެތުމުން އޭނާހުރީ ނުހަނު ފޫހިވެފައެވެ. އެހެންކަމުން ދެން އެ ރިސޯޓުގައި އޭނާ ނުދާ ހަމައެކަނި ތަނަކީ އެ އާރޓް ގެލެރީއެވެ. ފޫހިވެފައި ހުރުމުން އެތަންވެސް ބަލައިލަން ނިންމީއެވެ. އެތަނުން އައިލީން ފެނުމަކީ އޭނާއަށް ތަގުދީރު ދިން ހަދިޔާއެކެވެ.
"ނަން ހޯދަންތަ ތިއައީ؟ އަހަރެންވެސް ނޫޅެމެއްނު ތީނަގެ ނަން ހޯދާކަށް." އައިލީންގެ މޫނުން ފޫހިކަން ދެއްކިނަމަވެސް ކުއްލިއަކަށް އެ ޒުވާނާގެ ނަމާމެދު ޝައުގުވެރިވެވުނެވެ.
"އަހަރެންގެ ނަން ބުނެފާނަމޭ. އަހަރެންނަށް ކިޔަނީ ނަދާލް.." މިފަހަރު އައިލީން ނަދާލްއާ ދިމާލަށް ބަލަހައްޓައިގެންހުރީ ނަދާލްއަކީ މޮޔައަކު ފަދައިންނެވެ. އެތެރޭގައި ކެކެމުންދިޔަ ހިނިގަނޑު ނުހިފެހެއްޓޭނެހެން ހީވުމުން އަނގަމަތީގައި އަތް އަޅައިލިއެވެ. އެވަރުންވެސް އޭނާއަށް ކުޑަކޮށް ހެވުނެވެ.
"މާ ހިނިއަންނަ ކަހަލަ އެއްޗެކޭތަ މި ބުނެވުނީ؟" ނަދާލް އެއްސެވެ.
"ނަދާލްއޭ.. ހަހަހަ. ހިނި އަންނާނެއެއްނު. ނަދާލް އޯ. ތިއީ ނަދާލްވިއްޔާ އަހަރެން މިއީ ސެރީނާ ވިލަޔަމްސް" އައިލީން ހީކުރީ ނަދާލްކުރީ ސަމާސާއެއްކަމަށެވެ. ނަދާލްގެ ނަމާއި ވިއްދާފައި ޓެނިހުގެ ދުނިޔޭގައި އެނަމާ އެންމެ ވާދަވެރި އަންހެން ކުޅުންތެރިޔާގެ ނަމުން ތަޢާރަފުވެލިއެވެ. އެކަމަކު ނަދާލްގެ މޫނުމަތިން ފެންނަމުންދިޔަ ސީރިއަސްކަމުން އައިލީންއަށް އެއީ ސަމާސާއެއްނޫންކަން ޔަގީންވިއެވެ. އައިލީން ހުނުން ހުއްޓައިލުމުން ދެން ހޭންފެށީ ނަދާލްއެވެ. އައިލީންގެ ސަމާސާ އޭނާއަށް ކަމުދިޔައީއެވެ.
"ލީން… ކޮންމެހެން ބުނަން ޖެހެންޏާ މި ބުނީ.. އައިލީން އަހަރެންނަށް ކިޔަނީ. ދެން ދަނީ. ކުދިންނަށް ލަސްވާނެ" އެވަގުތު ގެލެރީއިން ނުކުންނަންދިޔަ ކުދިން ފެނުމާއެކު އައިލީން އެދިމާލަށް ދިޔުމަށް އަވަސްވެގަތެވެ. އައިލީންއަށް ހަނާ އަޅައިލުމަށް ނަދާލް އެއް އަތް ހިއްލައިލިއެވެ. މިފަހަރުވެސް އައިލީން އެންމެ ފަހަރަކުވެސް ފަސްއެނބުރި ބަލައިނުލުމުން ނަދާލްއަށް ޖެހުނީ ބޮލުގައި އަތްފުނާ އަޅައިލުމަށްފަހު އެ އަތް ތިރިކޮށްލާށެވެ. އަމިއްލަ މޮޔަކަމާމެދު ވިސްނަމުން ފާރުގައި ހަރުކޮށްފައިހުރި އައިލީންއަށް މާ ކަމުގޮސްގެން އުޅުނު ކުރެހުމަށް އޭނާ ބަލައިލިއެވެ. އޭރު އޭނާގެ ހިތަށް އަރަމުންދިޔައީ ކީކޭކަމެއް ނޭނގެ އެވެ.
-----
"އޯ! އެމް! ޖީ! އެއީތަ ލީންގެ ޑްރިންކް ޖަހައިގަތް މީހާއަކީ. ހާދަ ސަޅިއޭ ދޯ. ލީން ބުނިހެން ހަމަ ހިއެއްނުވޭ ރާއްޖެ މީހެއްހެންވެސް. ރާއްޖެ ކީއްކުރަން. ހީނުވޭ ދުނިޔެމަތީގެ ކަމެއްހެންވެސް" ކޮޓަރީގެ ދޮރުލައްޕައިލުމަށްފަހު ވަތް ހަމްނާގެ އަނގަ އެންމެ ހިނދުކޮޅަކަށްވެސް މަޑެއް ނުވިއެވެ. އެމީހުން ތިބީ ޓީޗަރުންނަށް ހަމަޖެހިފައިވާ ދެކޮޓަރީގެ ތެރެއިން އެ ދެމީހުން ހިއްސާކުރާ ކޮޓަރީގަ އެވެ.
"ހަމް ދެން.. ހުއްޓަބަލަ. މިހާރު ހަމްގާތު ބުނެވުނު މޮޔަ ހިތަށްއަރާ އެބަ. ދެން ވަޓެވަރ. މަޑުކުރައްޗޭ" އައިލީން ހަމްނާއަށް ވިސްނައިދިނުމުގެ ހިޔާލު ދޫކޮށްލުމަށްފަހު އަލުން ކޮޓަރީގެ ދޮރާ ދިމާލަށް ހިނގައިގަތީ ކޮންމެވެސް މީހަކު ބެލްއަޅަން ފެށުމުންނެވެ. ބޭރުގައި ހުރީ އެ ރިސޯޓުގެ މުވައްޒަފެއްކަން ޔަގީންކުރެވޭހާވެއެވެ. އެމީހާގެ އަތުގައި މުށިކުލައިގެ ކަރުދާހަކުން ބަންދުކޮށްފައިވާ ފިލާގަނޑެއްކަހަލަ އެއްޗެއްއޮތެވެ.
"ގުޑް އީވްނިންގް މޭމް. އިޒް ދިސް މިސް އައިލީން؟" އެމީހާގެ ސުވާލަށް އައިލީން ބޯ ޖަހައިލުމާއެކު އޭނާގެ އަތުގައި އޮތް “ފިލާގަނޑު” އައިލީންއަށް ދިއްކޮށްލިއެވެ.
"މި ކޯއްޗެއް؟" އައިލީން ސުވާލުކުރިއެވެ. އެމީހާ ވަކިއެއްޗެކޭ ނުބުނެ ހިނިތުންވެލުމަށްފަހު އެތަނުން ދުރަށް ހިނގައިގަތުމުން އައިލީން ދޮރުލައްޕާލައިފައި އެތެރެއަށްވަނެވެ.
"ކޯއްޗެއް ތިއީ؟" ހަމްނާ ސުވާލުކުރި އެވެ.
"މިއީ.. ނޭނގެ ދެންމެ މިތަނަށް އައި މީހަކު ދިން އެއްޗެއް." އައިލީން ދެކޮނޑު އަރުވައިލަމުން ބުންޏެވެ.
"ދައްކަބަލަ ތި ބަލާލަން. ވަރަށް ކިއުރިއަސްވެއްޖެ" އައިލީންއަށް ބަހެއް ބުނުމުގެ ފުރުސަތު ނުލިބެނީސް ހަމްނާ އޭތި ގެންގޮސް މޭޒުމަތީގައި ބާއްވައި ޕެކިންގް ކަނޑައިލިއެވެ. ދެވަނަ ސިކުންތުގައި އޭނާ ދެލޯ ބޮޑުކޮށްލުމަށްފަހު އައިލީންއަށް ބަލައިލިގޮތުން އައިލީން ކިހިނެއްވީހޭ އަހާލާ ފަދައިން ބުމަ އަރުވައިލިއެވެ.
"ބަލާބަލަ މީ އެއްކަލަފަހަރު ލީންއަށް ރީތިވެގެން ބަލަންހުރި ޕެއިންޓިންގް ދޯ." ހަމްނާގެ ވާހަކަ ގަބޫލު ނުކުރެވިފައިހުރި އައިލީން އަވަސްއަވަހަށް އައިސް އެ ކުރެހުމަށް ބަލައިލިއެވެ. އާނއެކެވެ. އެއީ ހަމަ އެ ކުރެހުމެވެ. އައިލީންއަށް ހުރެވުނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ.
"އޭރު އަގު ބެލީމެއްނު މީގެ. ކިހާ ވަރަކަށްތަ އި—"
"2800 ޑޮލަރު" ހަމްނާގެ ވާހަކަ މެދުކަނޑައިލަމުން އައިލީން ލަސްލަހުން ބުންޏެވެ. އޭރު އޭނާގެ ސަމާލުކަން ހުއްޓިފައިވަނީ ކުރެހުމުގެ ކަނެއްގައި ލުއިގޮތަކަށް ހަރުކޮށްފައިވާ ކުޑަ ކުޑަ ނޯޓަށެވެ. އޭގައި މާގިނަ ވާހަކަތަކެއް ނެތެވެ. ހަމައެކަނި ފޯނު ނަންބަރެއް ލިޔެފައި އޭގެ ތިރީގައި އިނގިރޭސި "އެން" އަކުރެއް ލިޔެފައި އޮތެވެ. އައިލީންއަށް އެއީ ކާކުގެ ކަމެއްކަން ނަގައިގަންނާކަށް އުނދަގުލެއް ނުވިއެވެ. ނޯޓުގައި އޮތް ނަންބަރަށް ފޯނު ނަގައި ގުޅައިލިއެވެ. ފޯނު ކަންފަތުގައި ޖަހަމުން އެތަނާ ދުރަށްޖެހިލި ވަގުތު ހަމްނާ އައިސް ފޯނު ހުރިފަރާތުން އައިލީންގެ ކޮނޑުގައި ދަތްދޮޅި އަޅުވައިލުމުން އައިލީން ފުންނޭވާއެއް ދޫކޮށްލުމަށްފަހު ފޯނު ސްޕީކަރަށްލީ ހަމްނާއަށްވެސް އިވޭނެހެނެވެ.
"ހަލޯ؟ ކޮންކަމެއް ބޭނުންވެގެން ތިއުޅެނީ. ކީކޭ ހިތަށް އަރައިގެން އަހަރެންނަށް އެ ކުރެހުން ތި ފޮނުވީ" ފޯނު ނެގި ނަދާލްއަށް ރަނގަޅަށް ވާހަކަ ނުދެއްކިގެން އުޅެނިކޮށް އައިލީން އެއްފައްޗަކަށް އަމުނައިލިއެވެ. ބަދަލުގައި ފޯނުގެ އަނެއްފަރާތުން އިވުނީ ލުއި ހުނުމެއްގެ އަޑެވެ.
"ވަޓެވަރ ހެޕެންޑް ޓު ހާއި.. ހެލޯ.. ހައު އާރ ޔޫ؟" ނަދާލް އަހައިލިއެވެ.
"ހާލު ބަލާކަށް ނޫނޭ މިގުޅީ. އަހަރެން ބުނެފީމެއްނު ސޮރީއޭ އެއްޗެހި ކިޔުނީމަ. އެއީ އެހާވަރު ކަމެއް ނޫނޭ." އައިލީންގެ އަޑަށް ރުންކުރުކަން ގެނެވޭތޯ މަސައްކަތްކުރަމުން ބުންޏެވެ.
"އެކަމަކު އެގަޑީގަ ފޯނުން ވާހަކަދެއްކިގޮތުން ހިއެއް ނުވޭ ދޯ އެއީ އެހާ ބޮޑުކަމެއް ނޫންހެނެއް. އަދި އެއީ ކިތަންމެ ކުޑަކަމެއްވިޔަސް އަހަރެންނަށް އެނގޭ ލީން ހުރީ އެކަމާ ވަރަށް ހިތްހަމަނުޖެހިފަކަން. ލީން މަޢާފަށް އެދުނަސް އަދި އަހަރެންގެ ފަރާތުން ވި ކަންތަކާމެދު މަޢާފަށް އެދޭނެ ފުރުސަތެއް ނުދެމެއްނު" ނަދާލްގެ އަޑުގައިވަނީ ހަރުދަނާކަމެވެ. ފުރަތަމަ ފޯނު ކުރިއިރު އައިލީން ކިތަންމެ ރުޅި އައިސްފައި ހުރިނަމަވެސް ނަދާލްގެ އަޑު ޖެހުމުން އެ ރުޅިގަނޑު ދިޔަ ހިސާބެއްވެސް މިހާރު އައިލީންއަކަށް ނޭނގެ އެވެ.
"މަޢާފަށް އެދެންވެގެންތަ ކުރެހުން ފޮނުވީ.. މަޢާފުކޮށްފިން. ކުރެހުން ގެންދިޔަސް އެންމެ ރަނގަޅު" އައިލީން ބުންޏެވެ.
"ނޫނޭ. ކުރެހުން ބާއްވާ. ތިއީ ކޮންމެހެން މަޢާފަށް އެދޭކަށް ފޮނުވި އެއްޗެއްނޫން. ތިއީ އަހަރެން މަޢާފަށް އެދޭ ސްޓައިލްއެއްނޫން." ނަދާލް ބުންޏެވެ.
"އަޅެ ދެން އިތުރު ކޮންކަމެއް ބޭނުންވެގެންތަ އަހަރެންނަށް ބައިލައްކަ ރުފިޔާގެ ކުރެހުމެއް ފޮނުވީ" ކައިރީގައިހުރި ހަމްނާއަށް އަވަސް ނަޒަރެއް ދިނުމަށްފަހު އައިލީން ދެވަނަ ފަހަރަށްވެސް ނަދާލްއާ އެ ސުވާލުކޮށްލިއެވެ.
"ބޭނުންވަނީ ލީންގެ ދުވަހުން ބައި ގަޑިއިރު" ނަދާލްގެ ވާހަކަ ހުރިގޮތުން އައިލީން ހިތްހަމަނުޖެހުނެވެ.
"ބުނަން.. ތިއީ ނަދާލަކަސް މެސީއަކަސް އަހަރެންނަށް ވަރިހަމަ. ކިހިނެއް ކޮންމެ ކޮންމެ މީހަކު ބުނާއިރަށް ބައި ގަޑިއިރު ދޭނީ.. ނަދާލްއަށް ހީވަނީ ކަންނޭނގެ އަހަރެންނާ މިކަހަލަ ތަނަކުން ދިމާވީމަ އަހަރެންނަކީ ގޯސް ކަމަކު މިތަނަށް އައިސްއުޅޭ ކަސްބީ އަންހެންކުއްޖެކޭ. ނޫން. ތިބުނާ ބައި ގަޑިއިރެއް ނުދެވޭނެ. އެހެންވީމަ ގެންދޭ މި ޕެއިންޓިންގް" އައިލީން ބުންޏެވެ. އެވާހަކައަށް ތަރުހީބުދޭ ފަދައަކުން ހަމްނާވެސް އަތުގެ ބޮޑުވައި އިނގިލި ހިއްލައިލައި އައިލީންގެ ވާހަކަ ރަނގަޅުކަމަށް އިޝާރާތްކުރިއެވެ.
"ލީންއަށް ތި ހީވީ މުޅިން ގޯސްކޮށް. ތިކަހަލަ ނިޔަތެއްގައެއް ނޫން އަހަރެން ބައްދަލުކޮށްލަން ބުނީ. ބޭނުންވިހާވެސް ކަމަކީ ޓު ޓްރީޓް ޔޫ ޓު އަ ޑިނަރ.. ބޭނުންވީ ކުޑަކޮށް ބައްދަލުވެ ވާހަކަދައްކާލާ ރަނގަޅަށް މަޢާފަށް އެދެން. ދެން އެކަމަކު އަޅާނުލާ. ވަރަށް ދެރަވެއްޖެ ތިގޮތަށް އަހަރެންނާ ދޭތެރޭ ދެކުނީމަ" ނަދާލްގެ އަޑުގައިވި މާޔޫސްކަން އައިލީންއަށާއި ހަމްނާއަށް ސިއްރެއްނުވިއެވެ. ދެކުދިން އެކަކު އަނެކަކަށް ބަލައިލުމަށްފަހު ލޮލުން އެތަކެއް ވާހަކަތަކެއް ދައްކައިލިއެވެ.
"ދެން އަޅެ އޭނަ ވަރަށް ދެރަވެފަ ކަންނޭނގެ އެހުރީ. ދެން ދޭބަލަ" އައިލީންގެ ކަންފަތާ ފޯނު ދުރުކޮށްލި ވަގުތު ހަމްނާ ވައި އަޑުން ބުންޏެވެ.
"އެކަމަކު ހަމް—"
"ދެން ދޭބަލަ އޯކޭ ވާނޭ. އެންމެ ބައި ގަޑިއިރެއްނު. ދެން ހަމަ ކީއްތަ ވާނީ؟" އައިލީންގެ ވާހަކަ އަޑުއެހުމެއްނެތި ހަމްނާ އަނެއްކާވެސް ބުންޏެވެ. އައިލީން ފުންނޭވާއެއް ދޫކޮށްލުމަށްފަހު ފޯނު ކަންފަތުގައި ޖަހައިލިއެވެ. އޭރުވެސް ނަދާލް ވާހަކަ ދައްކާއަޑު އިވެއެވެ.
"ވަރަށް ބޮޑަށް ސޮރީ އުނދަގޫ ކުރެވުނީމަ. ދެން އަހަރެން މި ނަންބަރަކަށް ނުގު—"
"އޭ މަޑުކޮށްބަ. ސޮރީ ސޮރީ.. މައްސަލައެއްނެތް.. ބައި ގަޑިއިރު. އަހަރެން ކޮންތާކަށް ދާންވީ" ނަދާލްގެ ވާހަކަ މެދުކަނޑައިލަމުން އައިލީން އެއްސެވެ.
"ސީރިއަސްކޮށް؟" އައިލީން ކުއްލިއަކަށް އެއްބަސްވުމުން ނަދާލްއަކަށް ގަބޫލެއްނުކުރެވުނެވެ.
"ހްމްމް. ދެން އަވަހަށް ބުނޭ. ލަސްކުރަންޏާ އަހަރެންގެ ހިޔާލު ބަދަލުވެދާނެ" އައިލީން ބުންޏެވެ
"އަހަހަ. އޯކޭ އޯކޭ. އެހެންވީމަ ހަމަ މިއަދު ދިމާވި ރެސްޓޯރެންޓަށް. މިރޭ އަށެއް ޖަހާއިރަށް. އަހަރެން އިންތިޒާރު ކުރާނަން" ނަދާލް ފޯނު ކަނޑައިލުމުގެ ކުރިން ބުންޏެވެ.
"އޯކޭ! ވަޓް! ޑިޑް! ޖަސްޓް! ހެޕެން!" ފޯނު ކަނޑައިލިގޮތަށް ގަނޑުވެފައިހުރި އައިލީން ފަހަރަކު ލަފްޒަކަށް ބާރުލަމުން ކިޔައިލި އެވެ.
"ޔޫ ގޮޓް ޔޯރސެލްފް އަ ޑޭޓް ގަރލް!!! އިން ޓޫ އަވަރޒް!!" ހަމްނާ ތޫލި އަޑަކުން ހަޅޭއްލަވައިގަތުމަށްފަހު އައިލީންގެ ކޮނޑުގައި އެލިގަތެވެ.
ނުނިމޭ
ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ