އަންހެން ކުއްޖާ ވެއްޓުނީ އަމިއްލައަށް: ފުލުހުން
މާލޭ ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނިގެން ހޮސްޕިޓަލަށް ގެންގޮސް، މިހާރު ފަރުވާ ދެމުން އަންނަ ޒުވާން އަންހެން މީހާ ވެއްޓުނީ މާލޭ ގެއެއްގެ ނުވަ ވަނަ ބުރިން ކަމަށާއި އޭނާ ވެއްޓުނީ މީހަކު ކޮށްޕާލައިގެން ނޫންކަން ތަހުގީގަށް މިހާރު ޔަގީންވެފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.ފުރާޅެއް މައްޗަށް ވެއްޓިފައި އޮތް އަންހެން ކުއްޖެއްގެ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ ހުކުރު ދުވަހު ހެނދުނެވެ. އެއީ، 21 އަހަރުގެ ހައްވާ ޔުމްނާއެވެ.އެ މައްސަލައިގެ މާ ބޮޑު ތަފުސީލެއް ފުލުހުން ހާމަނުކުރަނީސް ބައެއް އާންމުން ގެންދިޔައީ އެ ހާދިސާއާ ގުޅުވައި ތަފާތު އެކި ތުހުމަތުތައް ކުރަމުންނެވެ. އެ ގޮތުން، އަންހެން ކުއްޖާ ވެއްޓުނީ ނޫން ކަމަށާއި އެ ކުއްޖާއަށް އަނިޔާކޮށް ވައްޓާލީ ކަމަށް ބުނެ ބައެއް މީހުން ތުހުމަތުކުރިއެވެ.އެ ކަމާ ގުޅިގެން ގިނަ ބަޔަކު ސުވާލު އުފައްދަމުން އަންނަނިކޮށް ފުލުހުން މިރޭ ވަނީ ނޫސްވެރިންނާ ބައްދަލުކޮށް، އެ ހާދިސާއާ ގުޅޭ ގިނަ މައުލޫމާތުތަކެއް ހިއްސާކޮށްފައެވެ. އެ މީހުން ތިބި ގެއާއި އެ އަންހެން ކުއްޖާ ވެއްޓޭ ވަގުތުގެ ސީސީޓީވީ ފުޓޭޖް ވެސް ފުލުހުން ވަނީ ނޫސްވެރިންނަށް ދައްކައިފަ އެވެ.ފުލުހުން ކިޔައިދިން ގޮތުގައި އެރޭ ޔުމްނާއާ އެކު އިތުރު ހަތް މީހަކު އުޅުނެވެ.އެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނި ގޮތުގައި، އެ އަންހެން މީހާ ވެއްޓުނީ، އޭނާއާ އެކު ހުރި ފިރިހެން މީހާ އެޕާޓްމަންޓުން ނުކުމެ، އެ ގޭގެ ތިރިއަށް ފޭބުމަށް ސިޑިމަތީގައި ހުއްޓާކަން ތަހުގީގަށް ޔަގީންކުރެވިފައިވެ އެވެ.އައިޖީއެމްއެޗް ހޮސްޕިޓަލުން ބުނީ އުމުރުން 21 އަހަރުގެ އެ ޒުވާނާގެ ހާލު އަދިވެސް ސީރިއަސް ކަމަށެވެ. ނަމަވެސް މިހާރު ވެންޓިލޭޓަރުން ނަގާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.ފުރާޅުމައްޗަށް އެ ޒުވާނާ ވެއްޓިފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ ހެނދުނު 7:23 ހާއިރެެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައީ އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއުގެ އެހީތެރިކަމާއެކުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ