ޙައްޖުން އެނބުރި އަންނަ މީހުންނަށް ޚާއްސަ ފްލޫ ކްލިނިކްތަކެއް ޤާއިމްކޮށްފި

ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު ރާއްޖެ އަންނަ ފަރާތްތަކަށް ޚާއްސަކޮށް ފްލޫ ކްލިނިކްތަކެއް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އާއި ހުޅުމާލޭ ހޮސްޕިޓަލްގައި ޤާއިމްކޮށްފިއެވެ.
އައިޖީއެމްއެޗުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ޙައްޖުގެ އަޅުކަމުން އެނބުރި އައުމަށްފަހު، ބަލީގެ އެއްވެސް އަލާމާތެއް ފާހަގަކުރެވިއްޖެނަމަ، އަދި ސިއްޙީ ގޮތުން އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ، މި ކްލިނިކްތަކަށް ދިއުމަށް އެ ހޮސްޕިޓަލުން ވަނީ އެދިފައެވެ.
"ފްލޫ ކްލިނިކަށް ވަޑައިގަންނަވާ ހުރިހާ ބޭފުޅުންވެސް ފުރަތަމަ އީއާރް ޓްރިއޭޖް ކައުންޓަރަށް ވަޑައިގަތުމަށް އަޅުގަނޑުމެން އެދެން. އެތަނުން ކިއުބީން ފްލޫ ކްލިނިކުގެ ނަންބަރެއް ނަންގަވައިގެން ކްލިނިކަށް ނުވަތަ އިމަރޖެންސީ ރޫމަށް ވަޑައިގަތުމަށް އިރުޝާދު ދެއްވާނެ،" އައިޖީއެމްއެޗްގެ ނޫސްބަޔާނުގައި ބުނެފަވެއެވެ.
އައިޖީއެމްއެޗްގައި ޤާއިމްކޮށްފައިވާ ފްލޫ ކްލިނިކުން ކޮންމެ ދުވަހެއްގެވެސް ހެނދުނު 10:00 އިން ރޭގަނޑު 22:00 އަށް ޑޮކްޓަރަށް ދެއްކުމާއި ލޭގެ ސާމްޕަލް ނެގުން ކުރިއަށްދާނެއެވެ. މި ކްލިނިކްގެ ޚިދުމަތް ދެނީ ބަލިމީހުން ބަލާ ކޮޓަރި ނަންބަރު 10 އިންނެވެ.
ހުޅުމާލޭ ހޮސްޕިޓަލުގައި ޤާއިމްކޮށްފައިވާ ކްލިނިކުން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެވެސް މެންދުރުފަހު 14:00 އިން ރޭގަނޑު 20:00 އަށް ޚިދުމަތްދެމުންދާނެއެވެ.
"މި ކްލިނިކަށް ޑޮކްޓަރަށް ދެއްކުމަށް ވަޑައިގަންނަވާ ހުރިހާ ފަރާތްތަކުންވެސް މާސްކު އަޅުއްވައިގެން ވަޑައިގަތުމަށް އަޅުގަނޑުމެން އިލްތިމާސްކުރަން،" އައިޖީއެމްއެޗްގެ ބަޔާނުގައި ބުނެފަވެއެވެ.
1446 ވަނަ އަހަރު ރާއްޖެއިން ޙައްޖުގެ އަޅުކަމަށް ސަޢުދީ ޢަރަބިއްޔާއަށް ދަތުރުކުރި ޙައްޖުވެރިންގެ ތެރެއިން ފުރަތަމަ ގްރޫޕް މިއަދު ވަނީ ރާއްޖެ އައިސްފައެވެ. މި ގްރޫޕްގައި 230 އަށްވުރެ ގިނަ ޙައްޖާޖީން ވަނީ އައިސްފައެވެ.
ޙައްޖު މޫސުން ނިމި ހައްޖާޖީން އައުމާއެކު ރޯގާ ފެތުރޭގޮތް މެދުވެރިވާތީ، އެކަމަށް ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އަޅަންޖެހޭ ފިޔަވަޅުތަކުގެ އިރުޝާދު ވެސް ދީފަވެއެވެ.
* އަރިދަފުސް ރޯގާޖެހިއްޖެނަމަ ކެއްސާ ކިނބިހި އަޅާއިރު އަނގަމައްޗާއި ނޭފަތް ނިވާކުރުން
* ޓިޝޫފަދަ ތަކެތި ބޭނުން ކުރުމަށްފަހު ރައްކާތެރި ގޮތުގައި ނައްތާލުން
* ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުން
* ދަތުރުމަތީގައާއި ޙައްޖު/ޢުމްރާ އަދާ ކުރުމުގައި އުޅޭ އިރު މާސްކް އަޅައިގެން އުޅުން އެދެވިގެންވޭ
* ގިނަގިނައިން ދިޔާތަކެތި ބޭނުންކުރުން
* އަރާމު ކުރުން
* ހުންގަދަނަމަ ގައިގައި ފެން ހޭކުން
* ޕެރެސެޓަމޯލް ފިޔަވައި އެހެން ބޭހެއް ޑޮކްޓަރެއްގެ މަޝްވަރާއާ ނުލާ ބޭނުން ނުކުރުން
ޙައްޖުން ނުވަތަ ޢުމްރާއިން އެނބުރި އަންނައިރު 14 ދުވަހުގެ ތެރޭގައި ހުމާއި، ކެއްސުން، ނޭވާ ދަތިވުން ފަދަ އަލާމާތްތައް ފެނިއްޖެނަމަ ވަގުތުން ޞިއްޙީ ފަރުވާ ހޯދުމަށް އެޗްޕީއޭއިން ވަނީ ނަސޭހަތްތެރިވެފައެވެ. އަދި ޑޮކްޓަރަށް ދައްކާއިރު ޙައްޖު ނުވަތަ ޢުމްރާއިން އެނބުރި އައި މީހެއްކަމުގެ މައުލޫމާތު ދޭންވާނެކަމަށް ވެސް އެޗްޕީއޭއިން ހަނދާންކޮށްދީފަވެއެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ