އިޒްރާއީލްގައި ތިބި އިނގިރޭސި އަދި ޖަރުމަނު ރައްޔިތުން ގެންދިއުމުގެ މަސައްކަތް ފަށައިފި

އީރާން-އިޒުރޭލު ހަނގުރާމަ ހޫނުވުމުގެ ސަބަބުން އިޒުރޭލުގައި ދިރިއުޅެމުންދާ އިނގިރޭސިވިލާތާއި، ޖަރުމަނުވިލާތުގެ ރައްޔިތުން އެނބުރި އެ ޤައުމުތަކަށް ގެންދިއުމުގެ މަސައްކަތް ފަށައިފިއެވެ.
އިނގިރޭސި ފޮރިން މިނިސްޓްރީން ބުނެފައިވަނީ، އިޒްރާއީލުގައި ޤާއިމްކޮށްފައިވާ އެގައުމުގެ އެމްބަސިއާ އަދި ކޮންސިއުލޭޓްގައި މަސައްކަތްކުރާ މުއައްޒަފުންގެ އާއިލާތައް ގެނައުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. އާއިލާތައް ގެނައި ނަމަވެސް އެމްބަސީ އަދި ކޮންސިއުލޭޓުން ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް ދެމުންދާނޭކަމަށް އިނގިރޭސި ހާރިޖިއްޔާއިން ވަނީ ބުނެފައެވެ.
ޖަރުމަނުވިލާތުން ބުނެފައިވަނީ އިޒްރާއީލްގައި ދިރިއުޅެމުން އަންނަ އެޤައުމުގެ ރައްޔިތުން ގެނަުއުމަށް ފްލައިޓެއް ހަމަޖައްސާފައިވާކަމަށެވެ. އެގޮތުން 200 މީހުންގެ ޖާގައިގެ ބޯޓުގައި މީހުން ޖަރުމަނަށް ގެނައުމުގެ އިންތިޒާމުތައް މިހާރު ހަމަޖެހި ނިމިފައިވާކަމަށާއި، އިތުރު ފްލައިޓެއް މާދަމާވެސް ހަމަޖައްސާނޭކަމަށެވެ. ޖަރުމަނު ހާރިޖިއްޔާގެ އޮފިޝަލަކު މީޑިއާގައި ވިދާޅުވެފައިވަނީ އިޒްރާއީލްގައި ތިބި ޖަރުމަނުގެ ރައްޔިތުންނަށް މިހާރު އިޒްރާއީލް-ޖޯޑަން ބޯޑަރު ހުރަސްކޮށް ޖޯޑަންއަށް ދެވޭނެ ކަމަށެވެ.
އީރާނާ އިޒްރޭލުގެ ހަމަލާތައް ދުވަހެއް ދުވަހަކަށް ފުޅާވަމުންދާއިރު، ޤައުމުތަކުން މިހާރު ވަނީ އިޒްރާއީލަށް ދަތުރުކުރުމުގައި ސަމާލުވުމަށްއެދިފައެވެ. މި ހަމަލާތަކުގައި ކުރިން ހީކުރިގޮތާ ހިލާފަށް އިޒްރާއީލަށް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ. އީރާނުން ބުނެފައިވަނީ، އިޒްރާއީލުން ހަމަލާތައް ދޭނަމަ، އީރާނުންވެސް އެގޮތުގައި ދެމިއޮންނާނޭކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ