ކަސްޓަމްސްގެ ފީއެއް ދައްކަން ބުނެ ފޭކު ލިންކެއް ފޮނުވަމުންދާތީ އެކަމަށް ސަމާލުވާން މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އިލްތިމާސްކޮށްފި އެވެ.
ވީ ކިހިނެއް؟ - 'އެމްއެޗްސީއެލް' ކިޔާ ގޮތް ނޭނގޭ ފަރާތަކުން އަންނަނީ މޯލްޑިވްސް ޕޯސްޓުގެ ނަމުގައި މެސެޖުތަކެއް އާންމުންނަށް ޓެކްސްޓު މެސެޖުތަކެއް ފޮނުވަމުންނެވެ.
އެ މެސެޖުގައި އޮންނަނީ ކަސްޓަމްސް ފީ ނުދައްކާތީ އޯޑާ ޑެލިވާ ނުކުރެވޭނެ ކަމަށެވެ. އަދި ޕޭމަންޓް ކޮންފާމް ކުރަން ކަމަށް ބުނެ އެ މެސެޖުގައި ލިންކެއް ވެސް ހިމަނާފައިވެ އެވެ.
ރާއްޖެއަށް މުދާ އެތެރެނުކުރާ މީހުންގެ ފޯނަށް ވެސް މި އެސްއެމްއެސް ފޮނުވަ އެވެ.
ތަފްސީލު - އެއީ ބަޔަކު ހިންގާ ސްކޭމެއް ކަމަށާއި ސައްހަ މެސެޖެއް ނޫންކަން ބަޔާންކޮށް ކަސްޓަމްސްއިން ވަނީ އެފަދަ ލިންކުތަކަށް ސަމާލުވާން އިލްތިމާސްކޮށްފަ އެވެ.
"ކަސްޓަމްސްގެ އެއްވެސް ޕޭމަންޓެއް ދެއްކުމަށް އެދި ލިންކަކާ އެކު އެސްއެމްއެސްއެއް ނުފޮނުވާނެ،" ކަސްޓަމްސްއިން މިއަދު 'އެކްސް'ގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.
ގުޅުންހުރި ކަމެއް - އެސްއެމްއެސްގެ އިތުރުން އެކި އެޕްލިކޭޝަންތައް މެދުވެރިކޮށް ވެސް ސްކޭމަރުން މިފަދަ ލިންކުތައް ފޮނުވަ އެވެ.
މިދިޔަ މެއި މަހު އެކަނި ވެސް ހަފްތާއެއްގެ ތެރޭގައި ސްކޭމްގެ 45 މައްސަލައެއްގައި، ޖުމުލަ 480،000 އަށްވުރެ ގިނަ ރުފިޔާ ގެއްލިގެން ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފަ އެވެ.
އޭގެ ތެރެއިން އެންމެ ގިނައީ ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް ހިންގި ސްކޭމްތައް ކަމަށް ފުލުހުން އޭރު ވަނީ ބުނެފަ އެވެ.
ސަމާލުވޭ: ކަސްޓަމްސް ފީ ދައްކަން ބުނެ ލިންކެއް ނުފޮނުވާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ