ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހައިކޯޓުގެ އިސްފަނޑިޔާރަކަށް އެ ކޯޓުގެ ފަނޑިޔާރު ހުސެއިން ޝަހީދު އަދި ސިވިލް ކޯޓުގެ އިސްގާޒީގެ މަގާމަށް އެ ކޯޓުގެ ގާޒީ މަރްޔަމް ވަހީދު މިއަދު ހަމަޖައްސައިފި އެވެ.
ހައިކޯޓުގެ އިސްފަނޑިޔާރުކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ހާތިފު ހިލްމީ އެ މަގާމުން ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ.
އެ މަގާމަށް މިއަދު އައްޔަން ކުރެއްވި ޝަހީދަކީ ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާއިން މާސްޓާސް އޮފް ޖުޑީޝަލް ސައިންސް އެންޑް ޝަރީއާ ޕޮލިސީ އަދި ބެޗްލާސް ޑިގްރީން ޝަރިއާ އެންޑް ލޯ ހައްދަވާފައިވާ ބޭފުޅެކެވެ. ޝަހީދު ފަނޑިޔާރުކަމުގެ ހުވާ ކުރެއްވީ 26 ނޮވެމްބަރު 2014 ގައެވެ.
ޖުލައި 24، 2018ގައި ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރެއްވި ޝަހީދަކީ ހާތިފް ހިލްމީ ހައިކޯޓުގެ ފަނޑިޔާރުކަމުން ރިޓަޔާ ކުރެއްވުމުން އެ މަގާމު ވަގުތީ ގޮތުން މިއަދާ ހަމައަށް ހަވާލުކުރައްވާފައި ހުންނެވި ބޭފުޅާ އެވެ.
ސިވިލް ކޯޓުގެ އިސްގާޒީގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި އަހުމަދު ނިމާލް ޖުނެއިދު ކުއްލި މިދިޔަ މަހު އަވަހާރަވުމާ ގުޅިގެންނެވެ. އެ ކޯޓުގެ ހިންގުން ވަގުތީ ގޮތުން ހަވާލު ކުރައްވާފައި ހުންނެވީ އެ ކޯޓުގެ ގާޒީ ފަރުހާދު ރަޝީދާ އެވެ.
ސިވިލް ކޯޓުގެ އިސްގާޒީގެ މަގާމަށް މިއަދު އައްޔަން ކުރެއްވި މަރްޔަމަކީ ވިލާ ކޮލެޖުން މާސްޓާސް އޮފް ޝަރީއާ އަދި މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަނުން ބެޗްލާސް އޮފް ލޯސް ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ.
މީގެ ކުރިން ކ. ގާފަރު މެޖިސްޓްރޭޓް ކޯޓާއި ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަން ކުރެއްވި މަރިޔަމް ސިވިލް ކޯޓުގެ ގާޒީއެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ފެއްޓެވީ 13 އޭޕްރިލް 2016ގަ އެވެ.
ހައިކޯޓުގެ އިސް ފަނޑިޔާރަކަށް ޝަހީދު، ސިވިލް ކޯޓުގެ އިސް ގާޒީއަކަށް މަރްޔަމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ