ރައީސް މުހައްމަދު މުއިއްޒުގެ އެންމެ ބޮޑު މަޝްރޫއު، ފުށިދިއްގަރު މަޝްރޫއަށް ބަޖެޓުގައި ހިމެނި 400 މިލިއަން ރުފިޔާ ކޮމިޓީއިން އުނިކޮށް ބަޖެޓް ފާސްކުރަން ތަޅުމަށް ފޮނުވީ އިހުލާސްތެރި ވިސްނުމެއްގައި ނޫން ކަމަށް އެމްޑީޕީއަށް ނިސްބަތްވާ ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލަތް ހަލީމް) މިއަދު ތުހުމަތުކުރައްވައިފި އެވެ.
ކަމުގެ ފެށުން - މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީގެ މެޖޯރިޓީ އޮންނަ ބަޖެޓް ކޮމިޓީން ބަޖެޓް ފާސްކުރިއިރު މި ސަރުކާރުން ހިންގަން ރާވާފައިވާ އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫއު ފުށިދިއްގަރު ފަޅު މަޝްރޫއު ބަޖެޓުން އުނިކުރީ އެ ފައިސާ އެހެން މަޝްރޫއުތަކަށް ކަނޑައެޅުމަށެވެ. އެގޮތުން:
200 މިލިއަން ރުފިޔާ ކަނޑައެޅީ އެމްޑީޕީ ސަރުކާރުން ގޯތިދީފައިވާ ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރު ފަޅުގެ ހިއްކާ ނިންމާ އަސާސީ ހިދުމަތްތައް ގާއިމްކުރަން
އަނެއް 200 މިލިއަން ކަނޑައެޅީ މެންބަރުންގެ ދާއިރާތަކަށް
ބުނީ ކީކޭ؟ - މިއަދު މަޖިލީހުގައި ފެށި ބަޖެޓް ބަހުސްގައި ވާހަކަ ދައްކަވަމުން މެންބަރު އަހުމަދު ހަލީމް ވިދާޅުވީ ފުށިދިއްގަރު މަޝްރޫއު ބަޖެޓުން އުނިކުރީ ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް ކަމަށް އެމްޑީޕީގެ ލީޑަޝިޕުން ބޭނުންވާ ބަޔަކު ގެނައުމަށް މެންބަރުންތަކެއްގެ ވޯޓް ހޯދުމުގެ ބޭނުމުގައި ކަމަށެވެ. އަދި ފުށިދިއްގަރު މަޝްރޫއު އުނިކޮށް އެ ފައިސާ ދާއިރާތަކުގެ ތަރައްގީއަށް ބަހާލާފައި ހުރީ ބޭއިންސާފުން ކަމަށް ވެސް އަހުމަދު ހަލީމް ތުހުމަތު ކުރެއްވި އެވެ.
"އަލަށް ފަށާ 23 ޕްރޮޖެކްޓަކަށް އެބަ އޮތް މަތިވެރި ދާއިރާއަށް 18 މިލިއަން ޖަހާފައި. މިއީ ކޮން އުސޫލަކުން ކިހިނެތްކޮށްފައި އޮތް ކަމެއްތޯ؟ މި އޮތީ ވޯޓާ ގުޅިފައި. ނައިބު ރައީސްގެ ވޯޓާ ގުޅިފައި،" އަހުމަދު ހަލީމް ވިދާޅުވި އެވެ.
ތަފްސީލް - އޭނާ ވިދާޅުވީ ކޮމިޓީން ބަޖެޓް އިސްލާހުކުރި އިރު ބައެއް ރަށްރަށުގައި ބޮޑެތި މަޝްރޫއުތައް ނިމުމަކާ ކައިރިވެފައި ވަނިކޮށް އެ މަޝްރޫއުތައް ނިންމަން ބަޖެޓުގައި ފައިސާ ނުހިމަނާ އެހެން ބައެއް ރަށްރަށަށް މުޅިން އާ މަޝްރޫއުތަކަށް ފައިސާ ހިމަނާފައިވާ ކަމަށެވެ. އޭނާ ފާހަގަ ކުރެއްވި ގޮތުގައި ފުށިދިއްގަރު އުނިކޮށް ބައެއް މެންބަރުންގެ ދާއިރާތަކަށް 7 މިލިއަން ރުފިޔާ ކަނޑައެޅި އެވެ.
"މަގޫދޫގައި އެއާޕޯޓެްގެ %70 އަޅާފައި އޮއްވާ އެކަން ނުނިންމާ އަނެއްކާ 5 މިނެޓުން ދެވޭ އަނެއް ރަށުގައި 40 މިލިއަން ރުފިޔާ އެއާޕޯޓަށް މި އޮތީ ހިމަނާފައި... އެހެންވީމަ މިހިރަ ކަންކަން ހުރީމާ ފުށި ދިއްގަރުގެ [އުނިކުރުމަކީ] ވެސް އިހްލާސްތެރިކަމާއި އެކީ ކުރިކަމެއްގެ ގޮތުގައި އަޅުގަނޑަކަށް ނުފެނޭ. މިއީ ގައުމީ ވިސްނުމެއްގައި ކުރި ކަމެއް ނޫން،" ބަޖެޓް އިސްލާހުކުރި ގޮތާ މެދު ސުވާލުކުރައްވަމުން އަހުމަދު ހަލީމް ވިދާޅުވި އެވެ.
ބަޖެޓް ކޮމިޓީގެ ބަސް - ފުށިދިއްގަރު މަޝްރޫއު ބަޖެޓުން އުނިކުރި ސަބަބާ ގުޅޭ ގޮތުން ބަޖެޓް ކޮމިޓީގެ މުގައްރިރު އެމްޑީޕީއަށް ނިސްބަތްވާ ކިބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު ވިދާޅުވެފައި ވަނީ މެންބަރުންގެ ރޫހު ހުރީ މިހާރު ފަށާފައި ހުރި ތަރައްގީގެ މަޝްރޫއުތައް ނިންމުމަށް ކަމަށެވެ. އަދި އެ މަޝްރޫއުތައް ނުނިންމާ އެހެން އާ ކަންކަން ފެށުމަކީ މިވަގުތަށް ގައުމަށް ފައިދާހުރި ގޮތް ނޫން ކަމަށް އެމްޑީޕީގެ މެންބަރުން ގަބޫލު ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
އިތުރަށް ކިޔާލަން - އުނިކުރި ފުށިދިއްގަރު މަޝްެރޫއުގެ ފައިސާ ހިމެނީ ހުޅުމާލެ، ގިރާވަރު، ގުޅީފަޅުގެ ތަރައްގީއަށް
ފާހަގަކޮށްލެވޭ - ފުށިދިއްގަރު މަޝްރޫއު އުނިކުރި މަގުސަދާއި ނިޔަތާ މެދު އަހުމަދު ހަލީމް ސުވާލު އުފެއްދެވި ނަމަވެސް އޭނާ ވިދާޅުވީ ފުށިދިއްގަރު ހިއްކުމަށް ވުރެ މާލޭ ސަރަހައްދުގެ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ކުރީ ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް ނިންމުމަށް ފައިސާ ހާއްސަ ކުރުން ރަނގަޅު ކަމަށް އޭނާ ވެސް ގަބޫލު ކުރައްވާ ކަމަށެވެ. އަދި ބަޖެޓް އިސްލާހުކުރި ގޮތް ގަބޫލުނުކުރި ނަމަވެސް ޕާޓީގެ ވިޕްލައިނަށް އިހުތިރާމްކޮށް ވަޖެޓަށް ވޯޓް ދެއްވާނޭ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުގެ ހިތާދެކޮޅަށް ނަމަވެސް މި ބަޖެޓަށް ވޯޓް ދޭނީ ވިޕްލައިނާ ހިލާފުނުވާން،" އަހުމަދު ހަލީމް ވިދާޅުވި އެވެ.
އެނގުން މުހިންމު - ބަޖެޓް ކޮމިޓީއިން ބަޖެޓް ފާސްކޮށްފައި ވަނީ 300 މިލިއަން ރުފިޔާ ބަޖެޓަށް އިތުރުކޮށް 49.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ޖުމްލަ ހަރަދު - 49.5 ބިލިއަން ރުފިޔާ
ޖުމްލަ ހިލޭ އެހީ އާއި އާމްދަނީ - 33.5 ބިލިއަން ރުފިޔާ
ބަޖެޓް ޑެފިސިޓް - 13.8 ބިލިއަން ރުފިޔާ
ދަރަންޏަށް ނަގަން ޖެހޭ - 17.2 ބިލިއަން ރުފިޔާ
ބޭރުގެ ފަރާތްތަކުން ބަޖެޓް ސަޕޯޓަށް - 6.9 ބިލިއަން ރުފިޔާ
ގްރީން ނުވަތަ ބްލޫ ބޮންޑެއް ބޭރަށް ވިއްކައިގެން - 771 މިލިއަން ރުފިޔާ
ފުށިދިއްގަރު މަޝްރޫއު ބަޖެޓުން އުނިކުރީ ގައުމީ ވިސްނުމެއްގައެއް ނޫން: އަހުމަދު ހަލީމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ