ބީއެމްއެލްގެ އެކައުންޓުތަކުން ފައިސާ ގެއްލޭތީ މެންބަރުންގެ ކަންބޮޑުވުމާއި ނުރުހުން

ބޭންކް އޮފް މޯލްޑިވްސްގައި ބަހައްޓާ ފައިސާ ގެއްލޭ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ (މޮސްޓާ) ހުށަހެޅުއްވި ކުއްލި މައްސަލައާ ގުޅިގެން މަޖިލީހުގެ ގިނަ މެންބަރުންގެ ނުހުރުން ބީއެމްއެލްއަށް އަމާޒުވެއްޖެއެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ ކުއްލި މައްސަލައަށް ވާހަކަދެއްކެވި ގިނަ މެންބަރުން ވިދާޅުވެފައިވަނީ ބީއެމްއެލްގައި ހުންނަ ފައިސާ ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް ބޭންކުން އަޅާކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
މައްސަލަ ހުށަހެޅުއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި މެންބަރު މޮސްޓާ ވިދާޅުވީ ބީއެމްއެލްއިން އެކަމުގައި އެތެރޭގައި ކަމެއް ނުހިނގާކަމަށް އަބަދުވެސް ބުނާކަމަށާއި ނަމަވެސް އެހެން ބުނުމާ ވިދިގެން އެތަނުގެ އެތެރޭގައި އެކަމާ ގުޅިގެން ހިންގާ ތަހުގީގުތަކަށްފަހު މުވައްޒަފުން ސަސްޕެންޑުކުރާ ވާހަކަވެސް އިއުލާނުކުރާކަމަށާއި، ކަމެއް ނުހިނގާނަމަ މުވައްޒަފުން ސަސްޕެންޑުކުރަންޖެހޭނެތޯއެވެ.
އަދި ބީއެމްއެލުން ކަންތައްތަކެއް ސިއްރުކުރަން އުޅޭކަމަށް ތުހުމަތުކޮށް މޮސްޓާވަނީ ކަންކަމުގެ ހަގީގަތް ސިއްރުކުރުމުގެ ބަދަލުގައި އެކަންކަން ހާމަކުރުމަކީ ވަރަށް މުހިއްމު ކަމެއްކަމަށް ވިދާޅުވެ މިފަދައިން ފައިސާ ގެއްލޭ ގެއްލުމަށް ހުއްޓުމެއް ގެނައުމަށް މަޖިލީހުން މަސައްކަތްކުރުމަށް ގޮވައިލައްވާފައެވެ.
އެ މައްސަލައަށް ބަހުސްކުރައްވަމުން މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވީ އެ މައްސަލަ ހައްލުކުރުމަށް މަރުކަޒީ ބޭންކުން މަސައްކަތްކުރަންޖެހޭ ކަމަށެވެ. އަދި އެކަން ހައްލުކުރުމުގައި ފުލުހުންގެ ދައުރު ބޮޑުކަން ފާހަގަކުރައްވައި، ވަގުތުން ވަގުތަށް އެ މައްސަލަތައް ތަހުގީގުކޮށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް ފުލުހުން އަޅަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިލްޔާސް ވިދާޅުވީ ބީއެމްއެލްއިންވެސް ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށާއި، މައްސަލައަކީ އެކައުންޓް އޮޕަރޭޓުކުރާ މީހެއްގެ މައްސަލައެއްކަމަށް ބުނެ ދޫކޮށްލައިގެންނުވާނެ ކަމަށެވެ. އަދި އެއީ ކޮންމެ މީހެއްގެ މައްސަލައަކާހުރެ ކަމުގައިވީ ނަމަވެސް ހިނގަމުންދާ މައްސަލައަކަށްވީތީ އެ މައްސަލަ ހައްލުކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަންޖެހޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވިދާޅުވީ މި މައްސަލައަށް ހައްލު ލިބޭނެ ގޮތަށް ޓެލެކޮމިއުނިކޭޝަން އޮތީރިޓީން ޤަވާއިދުތަކެއް ހަދަން މަޖިލީހުން ޤަރާރުތަކެއް ފާސްކޮށް، ކޮމިޓީތަކަށް ހާޒިރުކޮށްފައި ކަމަށެވެ. ނަމަވެސް މިހާތަނަށް އަދިވެސް އެ މަސައްކަތްނުކުރެވޭކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގައި 8 ބޭންކެއް ހުރިއިރު މި މައްސަލަ މެދުވެރިވަނީ ހަމައެކަނި ބީއެމްއެލްއިންކަން ފާހަގަކުރައްވައި ބޮންޑެ ވިދާޅުވީ މި މައްސަލައަކީ އެހެންކަމުން ބީއެމްއެެލްގެ ތެރޭގައި ހިނގަމުން އަންނަ ކަމެއްކަމަށް ބުރަވެވޭ ކަމަށެވެ.
ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމުވެސް ވިދާޅުވެފައިވަނީ މި މައްސަލައަށް ހައްލެއް ހޯދުމަށް ބީއެމްއެލްއާއި އެމްއެމްއޭ އަދި ފުލުހުން މަސައްކަތްކުރަންޖެހޭ ކަމަށެވެ. އެ މައްސަލައާ ގުޅިގެން ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީއަށް ބީއެމްއެލް ހާޒިރުކޮށް ސުވާލުކުރުމުން ހޭލުންތެރިކަން ކުޑަވުމުގެ ސަބަބުން ކަސްޓަމަރުންގެ ފަރާތުން ދިމާވާ ކަންކަމާއި، އެތެރެއިން ކުރެވޭ ވައްކަންތައް ބެލުމުގެ ތަހުގީގީ އިދާރާތަކުގައި ނެތުމަކީވެސް މިފަދައިން ފައިސާ ގެއްލުމަށް މެދުވެރިވާ ސަބަބެއްކަން އެނގިފައިވާ ކަމަށެވެ.
ޓެކްނޮލޮޖީ ކުރިއާ ވަރަކަށް ވައްކަންކުރާ މިންވަރު އިތުރުވާކަން އެނގޭކަމަށާއި، އެހެންކަމުން ތަހުގީގީ އިދާރާތަކުގެ ޤާބިލުކަން އިތުރުކުރުމަށް ޝިޔާމުގެ ވާހަކަފުޅުގައި ގޮވައިލެއްވިއެވެ.
ވިލިފުށީ ދާއިރާގެ މެންބަރު ޙަސަން ޢަފީފުވެސް އެ މައްސަލާގައި ކަންބޮޑުވުން ފާޅުކުރައްވައި ވިދާޅުވީ، އެ މައްސަލައަކީ ގިނަ ދުވަސްވެފައިވާ މައްސަލައެއް ކަމަށެވެ. މައްސަލައަކީ ޓެކްނޮލޮޖީގެ މައްސަލައެއްކަމަށް ދެކެވަޑައިނުގަންނަވާ ކަމަށާއި މައްސަލައަކީ އެތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ މައްސަލައެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ބޭންކުގައި ބަހައްޓާ ފައިސާ ގެއްލިއްޖެނަމަ އެ ފައިސާއަށް ބޭންކުން ޒިންމާވާންޖެހޭ ގޮތަށް ޤާނޫނު އިސްލާހުކޮށް އެ ފައިސާގެ ރައްކާތެރިކަމުގެ ޔަގީންކަން ލިބޭނެ ގޮތަށް ކަންކަން އިންތިޒާމުކުރަންޖެހޭކަމަށް އަފީފު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ