ސަރުކާރުން ބޭނުންވަނީ މަޖިލީސް "ޑެޑްލޮކެއް"ގައި ބާއްވަން: މެމްބަރު އަލީ ހުސެއިން

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީން (އެމްޑީޕީ)އިން ރައްޔިތުންގެ މަޖިލީސް "ޑެޑްލޮކަށް" ދުއްވައިލައި، މަޖިލީހުގެ މަސައްކަތް ކުރިއަށް ނުދާގޮތަށް ބާއްވަން ބޭނުންވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ބައެއް ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މަޖިލީހުގެ ކޮމިޓީތައް މަސައްކަތް ނުކުރާގޮތަށް ހުއްޓުވާލާފައި ބޭއްވުމާއި ގުޅޭގޮތުން، މަޖިލީހުގެ ގަވަދިދުގައި ބަޔާންކުރާގޮތާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން، މެމްބަރު ވަނީ، ކޮމިޓީތަކުގައި މެމްބަރުން މަދުވި ނަމަވެސް، ކޮމިޓީތައް އޭގެ ޒާތުގައި މަސައްކަތްކުރާނެ ކަން ފާހަގަކުރައްވާފައެވެ.
އެހެންކަމުން، އެ ކޮމިޓީތަކުގެ މަސައްކަތް ހުއްޓުވަނީ އެމްޑީޕީން، އެ ޕާޓީގެ އަމިއްލަ ބޭފުޅުން ގެނައުމުގެ މަސައްކަތްކޮށް، އަމިއްލަ ފައިދާއަށް ކަމަށް މެމްބަރު ވަނީ ތުހުމަތުކުރައްވާފައެވެ.
މެމްބަރު ވިދާޅުވީ، އާންމު ކޮމިޓީއަކީވެސް އެންޑީޕީން އެ ބޭނުމުގައި ހުއްޓުވި ކޮމިޓީއެއް ކަމަށާއި، މިޖިލީހުގެ ކޮމިޓީތައް އެކުލަވާނުލެވިގެން، ޕާޓީތަކުންވެސް ދެތިން ފަހަރެއްގެ މަތިން އެކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށާއި، އެހެންނަމަވެސް، ޕާޓީތަކުން އެކަމާގުޅިގެން އެއްބަސްވުމަކަށް އާދެވިފައިނުވާ ކަމަށެވެ.
މެމްބަރު ވިދާޅުވީ، އާންމު ކޮމިޓީތަށް އެކުލަވާލާއިރު، އެމްޑީޕީ ނޫން ޕާޓީތަކުގެ ބަހެއް ވެސް އެކަމުގައި އޮންނަން ޖެހޭނެ ކަމަށާއި، އެނޫން ގޮތަކަށް އެކަން ކުރަންޏާ އެކަމަށް ޕާޓީތަކުން އިންކާރުކުރާނެ ކަމަށެވެ.
ޕާޓީތަކުން އެކަމަށް އިންކާރުކުރި ނަމަވެސް، އެމްޑީޕީން އެކަން ކުރަން ބޭނުންވާނަ، އެ އޮބްޖެކްޝަން ބޮލާލާޖަހާފައިވެސް އެ ޕާޓީއަށް އެކަން ކުރެވޭނެ ކަން މެމްބަރު ފާހަގަކުރެއްވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް ބަދަލު ގެންނަން ޖެހުނީ، އެމްޑީޕީ އަށް ނިސްބަތްވެވަޑައިގަންނަވާ 12 މެމްބަރުން އެ ޕާޓީން ވަކިވެ، މިވަގުތު މިނިވަން މެމްބަރުންގެ ގޮތުގައި ތިއްބެވުމާއެކުގައެވެ.
އެމްޑީޕީގެ މެމްބަރުންތަކެއް ޕާޓީން ވަކިވެފައިވުމުން ކޮމެޓީތަކުގައި ޕާޓީތައް ނިސްބަތްވާ އަދަދު މަޖިލީހުން ޖެހޭނީ އަލުން ފާސްކުރަން ކަމަށާއި އެ މަސައްކަތް ކުރަން ހުރަހެއްނެތްކަމަށް މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ ވަނީ ވިދާޅުވެފައެވެ.
މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާގޮތުގެމަތިން މަޖިލީހުގެ ދާއިމީ ކޮމެޓީތައް ހިންގެން އޮތީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 131ވަނަ މާއްދާގެ ދަށުން މަޖިލީހުގެ ދާއިމީ ކޮމެޓީތަކުގައި، ސިޔާސީ ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުންނާއި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިގެންނުވާ މެމްބަރުން ހިމެނިވަޑައިގަންނަވާ ނިސްބަތަށް އަންނަ ބަަދަލުތައް މަޖިލީހުން ފާސް ކުރައްވައިގެންކަމަށްވާތީ މިހާރުކުރިއަށްދަނީ އެ މަސައްކަތްކަމަށް އަމީންއާއްމު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ