ހައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ އަލް ފަތުހު ހައްޖު އެންޑް އުމްރާ ގްރޫޕުން ގިނަ ބައެއްގެ އަތުން ފައިސާ ނަގައި އެމީހުން ހައްޖަށް ގެންގޮސްނުދިން މައްސަލައިގައި، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުސްތަފާ މުހައްމަދުދީދީގެ މައްޗަށް ދައުލަތުން އުފުލި ހިޔާނާތުގެ ކުށުގެ ދައުވާ އަލުން ބަލަން ހައި ކޯޓުން ކުރި ހުކުމަށް ސުޕްރީމް ކޯޓުން އިއްޔެ ތާއީދުކޮށްފި އެވެ
ވީ ކިހިނެއް؟ - މުސްތަފާ މުހައްމަދު ދީދީގެ މައްޗަށް ދައުލަތުން ދައުވާ އުފުލީ، 2014 ގައި ހައްޖަށް މީހުން ގެންދިއުމަށް އިސްލާމިކް މިނިސްޓްރީން އަލްފަތުހު ގްރޫޕަށް ދޫކުރި 125 މީހުންގެ ކޯޓާއަށް ވުރެ އިތުރަށް، 72 މީހުން ހައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ އެމީހުން އަތުން ފައިސާ ނަގައި، ހައްޖަށް ދެވޭނެ ގޮތް ހަމަޖައްސައިނުދިނުމުންނެވެ.
އެ މައްސަލައިގައި ދައުލަތުން އޭނާގެ މައްޗަށް ދެ ދައުވާއެއް އުފުލި އެވެ. އެއީ:
މަކަރާއި ހިލާތް ހެދުމުގެ ކުށުގެ ދައުވާ
ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ
ކްރިމިނަލް ކޯޓުން ހުކުމްކުރީ ދެ ދައުވާ ވެސް އޭނާގެ މައްޗަށް ސާބިތު ނުވާ ކަމަށެވެ. ދައުލަތުން އެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ނިންމީ މަކަރާއި ހީލަތް ހެދުމުގެ ދައުވާ ސާބިތުނުވާ ކަމަށެވެ. ނަމަވެސް ހިޔާނާތުގެ ދައުވާ އަލުން ބަލަން ކްރިމިނަލް ކޯޓަށް އެންގި އެވެ.
ހައި ކޯޓުގެ އެ ނިންމުން، މުސްތަފާ މުހައްމަދު ދީދީގެ ފަރާތުން ދެން ހުށަހެޅީ ސުޕްރީމް ކޯޓަށެވެ.
ތަފްސީލް - ސުޕްރީމް ކޯޓުން އެ މައްސަލަ ބެލުމަށް ފަހު، ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްޔެ ހުކުމްކުރީ، ހައި ކޯޓުގެ ހުކުމް ރަނގަޅު ކަމަށެވެ.
ސުޕްރީމް ކޯޓުގެ ހުކުމްގައި ބުނީ މުސްތަފާގެ މައްޗަށް ކޮށްފައިވާ ތަހުގީގަކީ ބާތިލް ތަހުގީގެއް ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅީ ގާނޫނީ އުސޫލުތަކާ ހިލާފަށް ކަމަށް ހައި ކޯޓުން ނިންމާފައިވާ ކަމަށެވެ.
އެހެންކަމުން، ހިޔާނާތުގެ މައްސަލައިގައި އެ ތަހުގީގަށް ރިއާޔަތް ކުރުމުގައި ހުރަހެއް ނެތް ކަމަށާއި، ހައި ކޯޓުގެ ނިންމުން ގާނޫނުއަސާސީއާ ހިލާފުވާ އެއްވެސް ސަބަބެއް މުސްތަފާއަށް ދެއްކިފައިނުވާ ކަމަށެވެ.
އެހެންކަމުން، ފަނޑިޔާރު ޑރ. އަޒްމިރަލްޑާ ޒާހިރު އާއި، ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު އަދި ފަނޑިޔާރު ހުސްނުއްސުއޫދުގެ އަގުލަބިއްޔަތުން ނިންމެވީ ހައި ކޯޓުގެ ހުކުމް ބާތިލް ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
އެނގުން މުހިންމު - އެ އަހަރު ހައްޖަށް މީހުން ފުރަން ތިން ދުވަހަށް ވީ އިރު ވެސް ފަތުހު ގްރޫޕުން އިތުރަށް ފައިސާ ނެގި މީހުން ފުރުމުގެ އެއްވެސް އިންތިޒާމެއް ހަމަނުޖެހި އެންމެ ފަހުން އެދުނީ އިސްލާމިކް މިނިސްޓްރީގެ އެހީތެރިކަމަށެވެ. އެ ގްރޫޕަށް ފައިސާ ދެއްކި މީހުންގެ ތެރެއިން ބައެއް މީހުން ސަރުކާރުގެ ހަރަދުގައި ހައްޖަށް ފޮނުވި އެވެ.
އިތުރަށް ކިޔާލަން -
6.7 މިލިއަން ދައްކަންޖެހޭނީ ފަތުހު ގްރޫޕާއި އެމްޑީ: ސުޕްރީމް ކޯޓު
3 މީހަކަށް ބަދަލުދޭން ފަތުހު ގްރޫޕަށް އެންގީ ރަނގަޅަށް: ހައި ކޯޓު
ފަތުހު ގްރޫޕުގެ އެމްޑީގެ ހިޔާނާތުގެ މައްސަލަ އަލުން ބަލަން ސުޕްރީމް ކޯޓުން ތާއީދުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ