މެދު ހެންވޭރު ދާއިރާގެ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، ރައީސް އޮޅުން ފިލުވައިދެއްވައިފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ ކެމްޕެއިންގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އުޅުއްވަނިކޮށް ކަންބޮޑުވުން ފާޅުކުރި ރައްޔިތުންގެ ކަންބޮޑުވުންތައް އެމަނިކުފާނު އަޑު އައްސަވައިފިއެވެ.
މިއަދު ޕީއެންސީއިން ކުރިއަށް ގެންދިޔަ ދޮރުން ދޮރަށް ކެމްޕެއިންގެ ތެރެއިން ކަންބޮޑުވުން ފާޅުކޮށްފައި ވަނީ ސާބިތު ދަރަންޏެއް އޮތުމުގެ ސަބަބުން ކެންޑިޑެންސީ ބާތިލްވި، އަމިއްލަ ގޮތުން މެދު ހެންވޭރު ދާއިރާއަށް ވާދަ ކުރި ހަސަން ޝިޔާމްގެ ސަޕޯޓަރުންނެވެ.
ހަސަން ޝިޔާމްގެ ސަޕޯޓަރުން ވަނީ އޭނާ ޕީއެންސީގެ ޕްރައިމަރީއިން ވަކި ކުރުމަށް ރައީސް ސިޓީފުޅެއް ފޮނުއްވި ކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި ރައީސް މުއިއްޒު ބޭ އިންސާފުން ކަންކަން ކުރައްވާ ކަމަށް ބުނެފައެވެ.
ހަސަންގެ ސަޕޯޓަރުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށްފަހު ރައީސް ވިދާޅުވީ ހަސަން ޝިޔާމް ޕީއެންސީގެ ޕްރައިމަރީއިން ވަކި ކުރުމަށް ސިޓީފުޅެއް ފޮނުވާފައި ނުވާނެ ކަމަށެވެ. އަދި އެމަނިކުފާނާ ގުޅޭ ގޮތުން ދެއްކި ވާހަތަތަކީ ދޮގު ވާހަކަތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން ޕީއެންސީގެ ކެންޑިޑޭޓުގައި މެދު ހެންވޭރު ދާއިރާއަށް ވާދަ ކުރައްވާ ހުސައިން ނާސިހުއަށް އިތުބާރެއް ނެތް ކަމަށާއި އޭނާއަކީ އިއްޔެ މެންދުރު އެމްޑީޕީގައި ހުރި ފަރާތެއް ކަމަށް ހަސަންގެ ސަޕޯޓަރުން ވަނީ ބުނެފައެވެ. އަދި ރިޔާސީ ކެމްޕެއިންގައި ރައީސްއަށް ގިނަ އަދަދެއްގެ ވޯޓު ހަސަން ހޯދަދިން ކަމަށް ވެސް އޭނާގެ ސަޕޯޓަރުން ބުނެއެވެ.
ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި މެދުހެންވޭރު ދާއިރާއަށް އަމިއްލަގޮތުން ވާދަކުރައްވާ ހަސަން ޝިޔާމް (ވީބީ ހަސަން) އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ކަމަށް ސުޕްރީމްކޯޓުން ހުކުމް ކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ޝިޔާމް ދައްކަން ޖެހޭ ސާބިތު ދަރަންޏެއް އޮތް ކަމަށް ބުނެ އޭނާގެ ކެންޑިޑެންސީ ބާތިލް ކުރަން ހުށަހަޅާފައިވަނީ މެދު ހެންވޭރު ދާއިރާއަށް ވާދަކުރައްވާ އެ ދާއިރާގެ މިހާރުގެ ވެސް މެންބަރު، ހ. ކްއީން، އިލްޔާސް އަހުމަދުއެވެ.
އަމިއްލަ ގޮތުން ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލެއްވި ހަސަންގެ ކެންޑިޑެންސީ ސްޕްރީމް ކޯޓުން ބާތިލް ކުރުމާއެކު އޭނާ ވަނީ އެމްޑީޕީގެ ޓިކެޓުގައި އެ ދާއިރާއަށް ވާދަ ކުރާ ކެންޑިޑޭޓްއަށް ތާއީދު ކުރަން ނިންމައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ