މި ޤައުމު ހިންގާނީ ފައިސާ ޗާޕުނުކޮށް: ރައީސް

މި ސަރުކާރުން ޤައުމު ހިންގާނީ ޕަބްލިކް އެކައުންޓް އޯވަރޑްރޯ ނުވަތަ ފައިސާ ޗާޕުނުކޮށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރޭ ހިޔާ ސަރަހައްދުގައި ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. އެމަނިކުފާނު ވަނީ ކުރީ ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުތަކާއި މި ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މި ސަރުކާރުގެ އިޤްތިޞާދީ އެޖެންޑާއަކީ ރައްޔިތުންނަށް ފައިދާ ކުރާނެ އެޖެންޑާއެއް ކަމަށެވެ. އެހެންވެ، އިޤްތިޞާދުގެ ކަންކަން ކުރިއަށްގެންދިއުމުގައި އެންމެ ބޮޑަށް ވިސްނުންފުޅު ގެންގުޅުއްވާނީ ރައްޔިތުންގެ ހެވާއި ލާބަޔަށް ބައްލަވައިގެން ކަމަށް އެމަނިކުފާނުވިދާޅުވިއެވެ.
ރައީސް ވިދާޅުވީ 40 އަހަރު ތެރޭގައި ޖުމްލަ 6 ބިލިއަން ރުފިޔާގެ ފައިސާ ޗާޕުކުރިއިރު، ކުރީ ސަރުކާރުން އެކަނިވެސް ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި 8 ބިލިއަން ރުފިޔާ ޗާޕުކޮށްފައިވާ ކަމަށެވެ. މީގެ ސަބަބުން ދިވެހި ފައިސާގެ އަގު ދަށްވެ، ޑޮލަރުގެ އަގު އުފުލިގެންދިޔަ ކަމަށާއި އެހެންވެ، މި ސަރުކާރުގެ އެންމެ މުހިންމު އަސާސަކަށްވީ ފައިސާ ޗާޕުކުރުން ހުއްޓާލުން ކަމަށް ރައީސް ވިދާޅުވިއެވެ.
ފައިސާ ޗާޕުކުރުން މި ސަރުކާރުން ހުއްޓާލާފައިވާއިރު އެކަން ބައިނަލްއަޤުވާމީ މާލީ އިދާރާތަކުން ވެސް ބަލައިގަންނަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ފައިސާ ޗާޕުނުކޮށް، ދައުލަތަށް ލިބޭ އާމްދަނީން އިޤްތިސާދު މެނޭޖު ކުރެވޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ފައިސާ ޗާޕުނުކޮށް މި ޤައުމު އަޅުގަނޑުމެން ހިންގާނީ، ފައިސާ ޗާޕުނުކޮށް އަޅުގަނޑުމެންނަށް ލިބޭ އާމްދަނީގެ ތެރެއިން މެނޭޖުކޮށްގެން 500 އަށްވުރެ ގިނަ މަޝްރޫއުތައް ކުރިއަށް މިގެންދަނީ،" ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ އިޤްތިސާދީ ހާލަތު ހުރި ގޮތް ހާމަކުރައްވަމުން ރައީސް ވިދާޅުވީ މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ރާއްޖޭގެ ޕްރައިމަރީ ބެލެންސް 1.6 ބިލިއަން ރުފިޔާގެ ދަރަނީގައި އޮތްއިރު މިއަހަރުގެ މިހާތަނަށް އެ އަދަދު 134 މިލިއަން ރުފިޔާގެ އަރަންޏަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ބޭރުގެ ލޯނުތައް ދެއްކުމަށް އެމަނިކުފާނު ސަރުކާރާ ހަވާލުވެވަޑައިގެންނެވިއިރު ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި ދެ މިލިއަން ޑޮލަރު ހުރިއިރު މިހާރު އެ ފަންޑުގައި 35 މިލިއަން ޑޮލަރު އެބަހުރި ކަމަށާއި އެ އަދަދު މިއަހަރު ނިމޭއިރު 100 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މި ސަރުކާރުން މިހާތަނަށް 1.1 ބިލިއަން ރުފިޔާގެ މަޝްރޫއު ހިންގަމުންދާއިރު އެ ހުރިހާ މަޝްރޫއަކީ ވެސް ލޯނު ނުނަގައި، ފައިސާ ޗާޕުނުކޮށް ކުރިއަށްގެންދާ މަޝްރޫއުތަކެއްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ