ވަޒީފާއެއް ނެތި ސައުދީ އަރަބިޔާގައި ތިބި އިންޑިއާ ރައްޔިތުން ހާލުގައި ޖެހިފައި
ރިޔާދް (އޮގަސްޓް 1): ސައުދީ އަރަބިއާގެ ވެރިރަށް ރިޔާދުގެ ބޮޑު ކޮންސްޓްރަކްޝަން ކުންފުންޏަކުން ގިނަ އަދަދެއްގެ އިންޑިއާ ރައްޔިތުން ވަޒީފާއިން ވަކި ކުރުމުން އެމީހުން ހާލުގައި ޖެހި، ކާނާ ނުލިބިފައިވާ ކަމަށް އިންޑިއާގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ. ފޮރިން މިނިސްޓަރު ސުޝްމާ ސުވަރާޖް ވިދާޅުވީ ވަޒީފާއިން ވަކި ކުރުމުން ކާން ބޭނުންވާ ފައިސާ ނެތް ގިނަ އަދަދެއްގެ އިންޑިއާ ރައްޔިތުން ސައުދީގައި އެބަތިބި ކަމަށެވެ. އަދި އޭނާ ވަނީ ސައުދީގައި ތިބި ތިން މިލިއަން ވަރަކަށް އިންޑިއާ ރައްޔިތުންނަށް އެކަކު އަނެކަކަށް އެހީވުމަށް ގޮވާލައްވާފަ އެވެ. "ސައުދީ އަރަބިއާގައި ވަޒީފާއެއް ނެތް އެއްވެސް އިންޑިއާ ރައްޔިތަކު ބަނޑަށް ނުޖެހޭނެ ކަމުގެ ޔަގީންކަން އަޅުގަނޑުދެން،" ސުޝްމާ ވިދާޅުވި އެވެ. އަދި އިންޑިއާއަށް އަނބުރާ ދާނެ މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށް އިންޑިއާއަށް ދެވޭނެ ގޮތެއް ހަމަޖެއްސުމުގެ ގޮތުން އިންޑިއާ ސަރުކާރުގެ މިނިސްޓަރެއް ސައުދީ އަރަބިއާއަށް ވަޑައިގަންނަވާނެ ކަމަށް ވެސް ސުޝްމާ ވިދާޅުވި އެވެ. ޖިއްދާގައި ހުންނަ އިންޑިއަން ކޮންސިއުލޭޓުން ބުނި ގޮތުގައި ހާލުގައި ޖެހިފައިވާ އިންޑިއާ ރައްޔިތުންގެ އަދަދު 2،450 އަށް އަރަ އެވެ. އަދި ކޮންސިއުލޭޓުން ވަނީ ހޮނިހިރު ދުވަހު އެކަނި ވެސް 15،000 ކިލޯގެ ކާނާ ބަހާފަ އެވެ. ސައުދީ އަރަބިއާގެ ނޫސް އޭޖެންސީއަކުން ބުނި ގޮތުގައި އިންޑިއާ ރައްޔިތުން ވަޒީފައިން ވަކި ކުރި ރިޔާދުގެ ކުންފުނިން އެ ކުންފުނީގެ މުވައްޒަފުންނަށް މުސާރަ ނުދޭތާ ހަތް މަސްވެއްޖެ އެވެ. އަދި ސަރުކާރުގެ އިރުޝާދުތަކާ ހިލާފަށް ކުންފުނީގެ ވެރިން ވަނީ އެ މުވައްޒަފުންގެ ޕާސްޕޯޓުތައް ހިފަހައްޓާފައި ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ. (ސައުދީ ގެޒެޓް)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ