ރައްޔިތުންގެ ބަސް މަޖިލީހުގައި ގުގުމާލުމަށް، އަހުމަދު ޚަލީލް ކިނބިދޫ ދާއިރާއަށް ވާދަކުރައްވަނީ

ކޮޅުމަޑުލު ކަނޑޫދޫ ކަރިޝްމާގޭ (އައުގޭ) މުހައްމަދު ޒާހިރު ހުސެން އާއި ހަމަ އެރަށު ކިޔާވާގޭ، ރަޒިއްޔާ ޔޫސުފްއަށް ލިބުނު 9 ކުދިންގެ ތެރެެއިން އަހުމަދު ޚަލީލަކީ އެންމެ ދޮށީ ކުއްޖާއެވެ. އަހުމަދު ޚަލީލްގެ ހަގަށް ދެ ފިރިހެން ކުދިން ތިބި އިރު އޭނާގެ ހަގަށް ހަ އަންހެން ކުދިން އެބަ ތިއްބެވެ. މުޅި އަތޮޅަށްވެސް މަޝްހޫރު އައުގޭ އާއިލާއަށް ނިސްބަތްވާ އަހުމަދު ޚަލީލަކީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންގެ ހައްޤުގައި، ރައްޔިތުންގެ އަޑު އުުފުލުމަށް އޭނާގެ އުފަން ރަށް، ކޮޅުމަޑުލު ކަނޑޫދޫ ހިމެނޭ ކިނބިދޫ ދާއިރާއަށް ވާދަ ކުރައްވާ ކެންޑިޑޭޓެކެވެ.
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޓިކެޓުގައި އަހުމަދު ޚަލީލް ކިނބިދޫ ދާއިރާއަށް ވާދަކުރައްވާއިރު، އޭނާ އަކީ އެދާއިރާގެ ރައްޔިތުންނާއި ގާތް އަދި ގިނަ ބަޔަކަށް ދެކި ފަރިތަ މޫނެކެވެ. މެރިން އިންޖިނިއަރިންގއިން ކިޔަވައިގެން ހުރި އަހުމަދު ޚަލީލަކީ މަސައްކަތުގެ މާހައުލުގައިވެސް ފާހަކޮށްލެވޭ ފަރާތެކެވެ.
އަހުމަދު ޚަލީލް ފުރަތަމަ ވަޒީފާ އަދާކުރެއްވީ، މޯލްޑިވްސް އިލެކްޓްރިސިޓީ ބޯޑު (މިހާރުގެ ސްޓެލްކޯ) ގައެވެ. މޯލްޑިވްސް އިލެކްޓްރިސިޓީ ބޯޑުގައި ދެ އަހަރު ވަންދެން އިލެކްޓްރީޝަނެއް ވަޒީފާ އަދާކުރެއްވުމަށް ފަހު ޚަލީލް ވަނީ މޯލްޑިވްސް ޕޯޓް ލިމިޓެޑް (އެމްޕީއެލް)ގައިވެސް އިލެކްޓްރީޝަނެއްގެ ވަޒީފާ އަދާކުރައްވާފައެވެ. އޭގެ ފަހުގައި އަހުމަދު ޚަލީލް ވަނީ އުފަން ރަށް، ކަނޑޫދޫ ސްކޫލުގެ ވަގުތީ ޓީޗަރެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވާފައެވެ.
އަހުމަދު ޚަލީލް އަކީ ރާއްޖޭގެ ކުންފުނިތަކުގެ އިތުރުން ރާއްޖެއިން ބޭރުގެ ބައެއް ޤައުމުތަކުގެ ކުންފުނިތަކުގައިވެސް މަސައްކަތް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން އަހުމަދު ޚަލީލް، ތަޢުލީމު ހާސިލް ކުރުމަށް ރާއްޖެއިން ބޭރުގައި ހޭދަކުރެއްވި ދިގު މުއްދަތުގައި ޔޫރަޕުގެ ފަސް ޤައުމެއްގައި އޭނާ ވަޒީފާ އަދާކުރައްވާފައެވެ.
ކިނބިދޫ ދާއިރާގެ ރައްޔިތުންނަށް ހެޔޮ ގޮތްތަކެއް ހޯދައިދުނުމަށް އެ ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާ އަހުމަދު ޚަލީލް އަކީ އަމިއްލަ ވިޔަފާރިވެސް ކުރައްވަމުން އަންނަ ފަރާތެކެވެ. އެގޮތުން ޚަލިީލްގެ ހިއްސާ އޮންނަ ހަތަރު ކުންފުނި ރާއްޖޭގައި އޮންނައިރު ރާއްޖެއިން ބޭރުގައިވެސް އޭނާގެ ހިއްސާ އޮންނަ ދެ ކުންފުނި އޮވެއެވެ.
އަހުމަދު ޚަލީލް އަކީ އަބަދުވެސް ދާއިރާގެ ރައްޔިތުންނާއި ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ ބޭފުޅެކެވެ. އަހުމަދު ޚަލީލް، "ޖަޒީރާ"އަށް ވިދާޅުވީ، އޭނާ ކިނބިދޫ ދާއިރާއަށް ކުރިމަތިލުމުގެ އެންމެ ބޮޑު ބޭނުމަކީ، ކިނބިދޫ ދާއިރާއަކީ، މީގެ ކުރިން އެ ދާއިރާގެ މެންބަރުކަން ކުރެއްވި ފަރާތްތަކުންނާއި ސަރުކާރުންވެސް ވަރަށް ބޮޑަށް އިހުމާލުވެފައިވާ ދާއިރާއަކަށް ވެފައިި، ދާއިރާއަށް ރަނގަޅު ގޮތެއް ވާން އެދޭނީ ދާއިރާގެ ރަށަކަށް އުފަން ދާއިރާގެ ލޭ ހިނގާ، ދާއިރާގެ ދަރިއަކަށް ކަމަށް ގަބޫލު ކުރާތީ ކަމަށެވެ.
އަހުމަދު ޚަލީލް ޤަބޫލުފުޅު ކުރައްވާ ގޮތުގައި ކިނބިދޫ ދާއިރާ މިހާ ބޮޑަށް ބިކަވެފައި މިވަނީ އެ ދާއިރާއަށް ދުވަހަކުވެސް ދާއިރާގެ ރަށަކަށް އުފަން މެންބަރެއް ނާންނާތީއެވެ. ޚަލީލް ގަބޫލުކުރައްވާ ގޮތުގައި އެ ފަރާތްތަކުގެ ހިތުގައި ދާއިރާއަށް އޮންނަން ޖެހޭ ހަޤީޤީ "ކުލުނެއް" ނޯންނާނެއެވެ.
19 ވަނަ ރައްޔިތުންގެ މަޖިލީހުގެ، ކިނބިދޫ ދާއިރާގެ ގޮނޑިއަށް އަހުމަދު ޚަލީލް ވާދަކުރައްވާއިރު، އޭނާއަކީ ސިޔާސީ ކަންކަން ދަންނަ އަދި ރައްޔިތުނާއި ގާތުން މަސައްކަތް ކުރަން އެނގޭ ފަރާތެކެވެ.
އަހުމަދު ޚަލީލް ވިދާޅުވީ، ރައްޔިތުންގެ ވޯޓުން އޭނާއަށް ކިނބިދޫ ދާއިރާގެ ގޮނޑި ލިބިއްޖެ ނަމަ، މާތްވެގެންވާ އިސްލާމްދީނާއި ފުށޫ ނާރާ އަދި ރައްޔިތުންނަށް ފައިދާ ހުރި ކޮންމެ ކަމެއްގައި އޭނާގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ. އަދި ސަރުކާރުގެ ތެރެއިންނާއި އަމިއްލަ ގޮތުން ރައްޔިތުންނަށް ފައިދާވާނެ ކަންކަން ކޮށްދިނުމުގައި ދެގޮތެއް ނުވެ ހުންނާނެ ކަމުގެ ޔަޤީންކަން ޚަލީލް ކިނބިދޫ ދާއިރާގެ ރައްޔިތުންނަށް އަރުވައެވެ.
އަހުމަދު ޚަލީލްގެ އެންމެ ބޮޑު އަމާޒަކީ ވާދަވެރިންނާއި އާންމު ރައްޔިތުންގެ މަޝްވަރާ އާއި ލަފާގެ މަތިން ބިކަކޮށްލެވިފައިވާ ކިނބިދޫ ދާއިރާއަށް ފާގަތި ގޮތްތަކެއް ހޯދައިދިނުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ