ސަރުކާރު ފެއިލްވެއްޖެ، އަވަސް އިންތިހާބަކަށް ދިއުން ނޫން ގޮތެއް ނެތް: އާދަމް ޝަރީފް އުމަރު

މުޅި ދުނިޔޭގައި ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް ރާއްޖޭގެ ވެރިރަށް މާލޭގައި ވެސް މިހާރު ހަލުވި ކަމާއިއެކު ފެތުރެމުންދާއިރު ސަރުކާރަށް ކުރެވިފައިވާ މަސައްކަތްތަކަށް ބަލާއިރު މި މައްސަލަ ހައްލު ކުރުމުގައި ސަރުކާރު ފެއިލްވެފައިވާ ކަމަށާއި އެހެން ކަމުން އަވަސް އިންތިހާބަކަށް ގޮސް މިކަންކަން ކުރެވޭެނެ ބަޔަކާއި މަސައްކަތް ހަވާލު ކުރަން ޖެހޭ ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ. 
ކޮވިޑް-19 ގެ ސަބަބުން ރައްޖޭގެ އިގްތިސާދަށާއި ދައުލަތުގެ މާލިއްޔަތަށް ދިމާވެފައިވާ ހީނަރު ކަމުގެ ހާލަތުގައި ދައުލަތް ހިންގުމަށްޓަކައި މިހާރުން މިހާރަށް 4 ބިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންވާތީ އެ ފައިސާ އޯވާޑްރޯ ކޮށްދެވޭނެ ގޮތެއް ހެދުމަށް ފިނޭންސް މިނިސްޓަ އިބްރާހިމް އަމީރު ވަނީ ރައްޔިތުންގެ މަޖިލީޙުގައި އެދިވަޑައިގެންފައެވެ.
މި މައްސަލައިގައި އާދީއްތަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އާދަމް ޝަރީފް އުމަރު ވިދާޅުވީ މިއަދު ސަރުކާރުގެ ތެރެއިން ފެންނަމުންދާ މަންޒަރަކީ ބައެއް ވަޒީރުން ދެ ފަރާތަށް ފައިންޕުޅު ލައްވައިގެން ތިއްބެވި މަންޒަރު ކަމަށާއި އަދި މިހާރު މުޅި މާލޭގައި ކޮރޯނާ ވައިރަސް ހަލުވި ކަމާއިއެކު ފެތުރެމުންދާއިރު މާލޭގައި ބަލި ފެތުރޭނެ ގޮތަށް ބަޔަކު މީހުން ގަސްތުގައި އަމަލު ކޮށްފައިވާ ކަމަށް އާދަމް ޝަރީފް ވަނީ ތުހުމަތު ކުރައްވާފައެވެ. 
އެހެން ކަމުން މިހާރު ކަން ކުރަން ޖެހޭ ގޮތަކީ ފިނޭންސް މިނިސްޓަރ މަގާމުން އިސްތިއުފާ ދެއްވައި ކަންކުރެވޭނެ ބަޔަކާއި މަސައްކަތް ހަވާލުކޮށް އަވަސް އިންތިހާބަކަށް ދިއުން ކަމަށް އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ. އަދި އެ ނޫން ގޮތެއް މިއަދު ނެތް ކަމަށް ވެސް އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ. 
އާދަމް ޝަރީފް ވިދާޅުވީ އެއް އަހަރު ދުވަހަށް މަރުކަޒީ ބޭނުންކުން ސަރުކާރުން ބޭނުންވާ ވަރަށް ފައިސާ ނެގުމުގެ ހުއްދަ ނުވަތަ ޗާޕް ކުރުމުގެ ހުއްދަ ދިނުމަކީ ސަރުކާރަށް ބްލޭންކް ޗެކެއް ދިނުން ކަމަށެވެ. އެހެން ކަމުން ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް އެކަން ކުރުމުގެ ހުއްދަ ދިނުމަށް ނުފެންނަ ކަމަށާއި ސަރުކާރުން ކުރަން ޖެހޭ ކަމަކީ އަލުން ބަޖެޓް ރިވައިސްކޮށް މަޖިލީހަށް ހުށަހެޅުން ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. 
އޭނާ ވިދާޅުވީ ކޮރޯނާ ވައިރަހުގެ ކަންކަމުގައި މިހާތަނަސް ސަރުކާރުން ދެއްކި ވާހަތަކަުގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅުން އަރައި ވާނުވާ ނެގޭ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށާއި އަދި ސަރުކާރުގެ އަމަލުތައް ހުރި ގޮތުން ވަރަށް ގިނަ ބަޔަކު ހާލުގައި ޖެހި އެތައްމިތަނުގައި ތާށިވެފައިވާ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. 
އާދަމް ޝަރީފު އިތުރަށް ވިދާޅުވީ މި އިގްތިސާދީ ހާލަތުން ގައުމު އަރައިގަތުމަށް ޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރަން ދަންނަ ސިޔާސީ ލީޑަރެއްގެ ގޮތުގައި މި ވަގުތު ހުންނެވީ އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށެވެ. އެމަނިކުފާނަށް ނޫނީ މި ގައުމު ސަލާމަތް ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ