ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް އާސަންދަ ނުދޭން އެދިއްޖެ

ސިނގިރޭޓު ބޯ މީހުންނަށް އާސަންދަ ނުދޭން ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު އަދި ސަރުކާރު ހިންގާ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު މުހައްމަދު އިސްމާއިލް މިއަދު ގޮވާލައްވައިފި އެވެ.މުހައްމަދު މިފަދައިން ވިދާޅުވީ ވޭޕް މަނާކުރަން ކަނޑައަޅާފައިވާ ތާރީހާ ހަމައަށް ވޭޕްއިން ނަގަމުންދާ ޓެކްސް ބޮޑުކުރުމަށާއި ސިނގިރެޓުގެ ބާވަތްތަކުން ނަގަމުންދާ ޓެކްސް ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލަށް ބަހުސް ކުރައްވަމުންނެވެ.  މުހައްމަދު އިސްމާއީލް ވިދާޅުވީ ސިނގިރޭޓު ނުވަތަ ދުންފަތުގެ އިސްތިއުމާލުކޮށްގެން ބޮޑެތި ބަލިތައް ޖެހިގެން އާސަންދައިން ފަރުވާ ނުކުރެވޭ ގޮތް ހަދަން ޖެހޭ ކަމަށެވެ."އަޅުގަނޑު ހަމަ ގޮވާލަން މި ސިނގިރޭޓުގެ އަމަލުތައް ކޮށްގެން ބޮޑެތި ބަލިތަކަށް އާސަންދައިން މި ފަރުވާ ކުރާ ކުރުން، މި ސިނގިރޭޓް ބައްލަވާ އެއްވެސް ފަރާތަކަށް މި އާސަންދައިން ބަލިވެގެން ބޭސްކޮށްދިނުން ވެސް [ހުއްޓާލަން] މި ބިލުގެ ތެރޭގައި ނިމިގެން އަންނައިރު އެކަން އޮތުން އަޅުގަނޑު ވަރަށް ބޮޑަށް ފާހަގަކުރަން،" މުހައްމަދު އިސްމާއީލް ވިދާޅުވި އެވެ.މުހައްމަދު ވިދާޅުވީ، ސިނގިރޭޓު ބުއިމަކީ ސިއްހަތަށް ގެއްލުންހުރި ކަމެއްކަން ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ.އޭނާ ވަނީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ ދަފްތަރެއް އެކުލަވާލަން ޖެހޭ ކަމަށް ވެސް ވިދާޅުވެފަ އެވެ. އޭރުން ދުންފަތުގެ ބާވަތްތައް ވިއްކެނީ ކޮން ބަޔަކަށް އެނގޭނެ ކަމަށާއި އޭރުން ދުންފަތް ކޮންޓްރޯލް ކުރަން ފަސޭހަވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.މުހައްމަދު އިސްމާއީލްގެ އެ ވާހަކައަށް ތާއީދުކުރައްވާ ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސެން ހަމީދު ވެސް ވިދާޅުވީ ދުންފަތުގެ އިސްތިއުމާލު ކުރާ ފަރާތްތަކަށް އާސަންދަ ދިނުން ހުއްޓާލަން ޖެހޭ ކަމަށެވެ."އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ އަޅުގަނޑުމެންގެ ސިއްހީ އިންޝުއަރެންސް ނިޒާމް އާސަންދައަށް އެއް ދުވަހުން އަނެއް ދުވަހަށް ބާރުބޮޑުވަމުން އަންނައިރު، ކިހާ ވަރަކަށްތޯ ފާހަގަވެފައި ހުރީ ދުންފަތުގެ އިސްތިއުމާލު ނުވަތަ ދުންފަތާ ގުޅުން ހުރި ބަލިތަކުން އަޅުގަނޑުމެންނަށް މި ހޭދަކުރަން ޖެހޭ މިންވަރު،" އޭނާ ވިދާޅުވި އެވެ.ސިނގިރޭޓާއި ބިޑިން ނަގާ ޓެކުހާއި ޑިއުޓީތައް ބޮޑުކުރަން ނިންމާފައި ވާއިރު، އަންނަ މަހުގެ 15 އިން ފެށިގެން ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރުކުރުން މަނާކުރަން ނިންމާފައިވާ ކަމަށް ރައީސް އިއްޔެ އިއުލާނު ކުރެއްވި އެވެ.ރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި އުފެއްދުމާއި ވިއްކުމާއި ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭ ބެހުން އަންނަ 15 ޑިސެމްބަރުން ފެށިގެން މަނާކުރުމަށް ވެސް ވަނީ ނިންމަވައިފަ އެވެ.ސަރުކާރުން ވަނީ ސިނގިރޭޓާއި ބިޑިން ނަގައި އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓް ތިން ރުފިޔާއިން އަށް ރުފިޔާއަށް މަތިކުރުން ހުށަހަޅާފަ އެވެ. އަދި، ސިނގިރެޓާއި ބިޑިން ނެގޭ އެޑްވަލޮރަމް ރޭޓް 50 އިންސައްތަ މަތިކުރުން ވެސް ވަނީ ހުށަހަޅާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ