ކިއޮސްކުތަކަށް އެދި 183 މީހުން ކުރިމަތިލި، އެޗްޑީސީން ގުރުނަގަނީ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި، އެޗްޑިސީން ގާއިމްކޮށްފައިވާ ކިއޮސްކުތަކުން ޚިދުމަތް ދިނުމަށް އެދި 183 ފަރާތަކުން ހުށަހަޅާފައިވަތީ އެތަންތަން ދޫކުރަން ގުރުއަތުލާން އެޗްޑީސީން ނިންމައިފި އެވެ.
ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅެން ފެށުނީއްސުރެ، އާންމުން އަމިއްލައަށް އެ ސަރަހައްދުގައި ކިއޮސްކުތައް ގާއިމްކޮށް ކާބޯތަކެތީގެ ޚިދުމަތް އަންނަނީ ދެމުންނެވެ.
މިދިޔަ މެއި މަހު އެޗްޑީސީން ވަނީ އެތަންތަން ނަގަން އަންގާފައެވެ.
އާންމުން ދެމުން އައި އެ ޚިދުމަތް މެދުކަނޑާލުމަށް ފަހު، އެޗްޑީސީން ހަމަ އެތަނުގައި ފެންވަރު ރަނގަޅު ހަޓުތައް ގާއިމްކޮށް، ކިއޮސްކު ޚިދުމަތްދޭން ފުރުސަތު ހުޅުވާލިއިރު، އެ ފުރުސަތުގައި ކުރިމަތިލެވެނީ ފޭސް 2 ގެ ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ މީހުންނަށް އެކަންޏެވެ.
އެޗްޑީސީން އެކަމަށް ހުޅުވި މުއްދަތު ހަމަވެފައިވާއިރު އެ ކުންފުނިން ބުނީ، 20 ކިއޮސްކު ކުއްޔަށް ހިފުމަށް އެދި 183 މީހަކު ކުރިމަތިލާފައިވާ ކަމަށެވެ. އެހެންވެ ޝަރުތު ހަމަވާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނަގަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.
ގުރުއަތު ނެގުން އޮންނާނީ އަންނަ އާދިއްތަ ދުވަހުގެ ހެނދުނު 10:00 ގަައި އުމަރު ޒާހިރު ބިލްޑިންގްގެ ހަވަނަ ފަންގިފިލާގައި ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިންގަން ދޫކުރާ ކިއޮސްކުތައް ހިންގުމުގެ ހުރިހާ މަސައްކަތެއްގައި އުޅެން ޖެހެނީ ދިވެހިންނެވެ. ބިދޭސީން އެ މަސައްކަތުގައި ގެންގުޅުން އޮތީ މަނާކޮށްފައެވެ.
މި ކިއޮސްކުތައް ކުއްޔަށް ދޫކުރަން ނިންމާފައިވަނީ 1 އަހަރުގެ މުއްދަތަކަށެވެ. ކުލީގެ ގޮތުގައި މަހަކު 3،500ރ. ދައްކަން ޖެހެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ