ގައުމު ހެޔޮ މިސްރާބަކަށް ގެންދިޔުމަށް ރައްޔިތުންގެ އުއްމީދު އޮތީ އެމްޑީޕީއާއެކު ކަމަށާއި އެކަން ކުރުމަށް އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުތަކުން ލިބުނު ކާމިޔާބީ ފާހަގަކުރަން ރޭ މާލޭގައި އެމްޑީޕީން ބާއްވާ ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފުރުސަތު ނުދޭން ނިންމުމުން ޕާޓީގެ ތެރޭގައި ވަނީ ހިޔާލުތަފާތުވުންތައް އުފެދިފަ އެވެ.
އެކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައިސަލް ވިދާޅުވީ މިދިޔަ އިންތިހާބުތަކުން އެމްޑީޕީއަށް ކާމިޔާބު ލިބުނީ ޕާޓީގެ ލީޑަޝިޕާއި އާންމު މެމްބަރުން ކުރި ބުރަ މަސައްކަތުން ކަމަށާއި ހާއްސަކޮށް މިއީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެއް އަމާޒަކަށް މަސައްކަތް ކުރެއްވީތީ ނިކުތް ނަތީޖާއެއް ކަމަށެވެ.
މިވަގުތު އެމްޑީޕީގެ ފަރާތުން ރައްޔިތުން ކުރާ އުއްމީދެއް އެބައޮތް ކަމަށާއި އެއީ ގައުމު އޮޔާދިޔަ ނުދީ ހެޔޮ މިސްރާބަށް ގެންދިޔުމަށް މަސައްކަތް ކުރުން ކަމަށްވެސް ފައިސަލް ވިދާޅުވި އެވެ.
"އަދިވެސް މިކަން ކުރެވޭނީ އެކުގައި މަސައްކަތް ކުރެވިގެން،" ފައިސަލް ވިދާޅުވި އެވެ.
ރޭ ހިނގާދިޔަ ކަންތައްތަކާ ގުޅިގެން އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ވިދާޅުވީ ރޭގެ ޖަލްސާގެ އެޖެންޑާގައި ހަމަޖެހިފައި އޮތީ ޕާޓީގެ ރައީސް އާއި ޕާޓީގެ ޗެއާޕާސަން އާއި ސިޓީތަކުގެ މޭޔަރުންނާއި ޑަބްލިއުޑީސީގެ ރައީސުންނާއި ކެމްޕެއިން ކޮމިޓީގެ މެނޭޖަރާއި ރިފަރަންޑަމް ކޮމިޓީގެ ޗެއާ ވާހަކަ ދައްކާ ގޮތަށް ކަމަށެވެ.
މި ޖަލްސާގައި ވާހަކަ ދައްކަވަން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންނެވި ކަމަށާއި އެބޭފުޅުންނަށް އެ ފުރުސަތު ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދަނިކޮށް، މަސްލަހަތު ގެއްލޭ ގޮތަށް ފެތުރި ވާހަކަތަކާ ގުޅިގެން ހިތާމަކުރައްވާ ކަމަށް ގަޕޯ ވިދާޅުވި އެވެ.
ރައްޔިތުންގެ އުއްމީދު އޮތީ އެމްޑީޕީއާއެކު، އެކުގައި މަސައްކަތް ކުރަންޖެހޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ