ޔޫރަޕިއަން ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި މިރޭ ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކާ ކުރިމަތިލާއިރު ސްޕޭނުގެ ރެއާލް މެޑްރިޑަށް ރީނދޫ ކާޑުގެ މައްސަލަ ބޮޑުވެއްޖެ އެވެ.
މުބާރާތުގެ ކުއާޓާ ފައިނަލަށް ނުކުންނައިރު ރެއާލްގެ ހަ ކުޅުންތެރިއަކު ތިބީ މި މެޗުގައި ރީނޑޫ ކާޑެއް ހޯދައިފިނަމަ މުބާރާތުގައި ދެން ކުޅެން ޖެހޭ މެޗު ނުކުޅެވެ ހާލަތެއްގަ އެވެ. އެއީ ޖޫޑް ބެލިންހަމާއި ވިނީޝިއުސް ޖޫނިއާ އާއި ކީލިއަން އެމްބާޕޭ އާއި އައުރެލިއަން ޗުއާމެނީ އާއި އަލްވާރޯ ކަރެރާސް އާއި ޑީން ހިއުސެން އެވެ.
މިކަމާ ގުޅިގެން ކޯޗު އަލްވާރޯ އާބެލޯއާ ބުނީ ކޮންމެ މެޗަކީ ވެސް މުހިންމު މެޗެއް ކަމަށާއި ކުޅުންތެރިން ފުރަތަމަ މަސައްކަތް ކުރާނީ މެޗުން މޮޅުވާން ކަމަށެވެ. އަދި ހަމައެއާއެކު ޑިސިޕްލިން އަކީ ވެސް މުހިންމު އެއްޗެއް ކަމަށާއި އެކަމަށް ކުޅުންތެރިން ފަރުވާތެރިވާނެ ކަމަށެވެ.
މި މެޗަށް ނުކުންނައިރު ބަޔާންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ޓީމުގެ އެންމެ މުހިންމު ފޯވަޑް ހެރީކޭންގެ ކަކުލަށް ތަދުވެފައިވުމެވެ. އެންމެ ފަހުގެ ފަރިތަކުރުންތަކުގައި އޭނާ ބައިވެރިވި ނަމަވެސް ކޯޗު ވިންސެންޓް ކޮމްޕެނީ ވަނީ ކޭން ފުރަތަމަ 11ގައި ހިމެނުމާމެދު ގޮތެއް ނިންމާނީ އެންމެ ފަހު ވަގުތުގައި ކަމަށް ބުނެފަ އެވެ.
ކޭން ވަނީ މި ސީޒަނުގައި މިހާތަނަށް 48 މެޗުން 40 ގޯލު ޖަހައދީފަ އެވެ. މީގެ ތެރޭގައި ޗެމްޕިއަންސް ލީގުގައި ކުޅުނު ނުވަ މެޗުން ޖެހި 10 ގޯލު ވެސް ހިމެނެ އެވެ.
"އޭނާ ޓީމާއެކު ހުރުމަކީ ވެސް ވަރަށް މުހިންމު ކަމެއް. އޭނާ އަކީ ގޯލް ޖެހުމުގެ ހުރިހާ ކޮލިޓީއެއް ހުރި ކުޅުންތެރިއެއް. އަހަރުމެން އުފާ ކުރަން އޭނާ ޓީމާއެކު ހުރީތީވެ،" ކެޕްޓަން ހޯޝުއާ ކިމިޗް ބުންޏެވެ.
ރެއާލްއަށް ރީނދޫ ކާޑުގެ މައްސަލަ، ބަޔާންގެ ކޭން ފިޓްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ