އާޓެމިސް 2 މިޝަން، ހަނދުގެ ސަރަހައްދަށް ވަދެއްޖެ

ނާސާގެ އާޓެމިސް 2 މިޝަންގެ ހަތަރު އެސްޓްރޮނޯޓުން ދަތުރުކުރަމުންދާ އޮރަޔަން އުޅަނދު، ހަނދުގެ "ސްފިއާ އޮފް އިންފްލުއެންސް" ނުވަތަ ހަނދުގެ ދަމާބާރުގެ ނުފޫޒު ފޯރާ ސަރަހައްދަށް ވަދެއްޖެއެވެ. މިއީ ބިމުގެ ދަމާބާރަށްވުރެ ބޮޑަށް ހަނދުގެ ދަމާބާރު އުޅަނދަށް ފޯރަން ފެށި ހިސާބެވެ. މި އުޅަނދު ހަނދުގެ މި ސަރަހައްދަށް ވަދެފައިވަނީ ހަނދާ 39,000 މޭލު ގާތަށް ދަތުރުކުރެވުނު ހިސާބުންނެވެ. އެއީ މިޝަން ފެށިތާ ހަތަރު ދުވަހާއި، ހަ ގަޑިއިރާއި ދެ މިނެޓު ފަހުންނެވެ. އޮރަޔަން އުޅަނދުގެ ކުޑަދޮރުން އެސްޓްރޮނޯޓުން ދުނިޔެއަށް ބަލަނީ --- ފޮޓޯ: ނާސާ މިއީ 1972 ވަނަ އަހަރުގެ އެޕޯލޯ 17 މިޝަނަށްފަހު އިންސާނަކު ހަނދުގެ މިފަދަ ސަރަހައްދަކަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. މި މިޝަނުގައި ބައިވެރިވަނީ ކޮމާންޑަރު ރީޑް ވައިޒްމަން، ވިކްޓާ ގްލޯވާ، ކްރިސްޓީނާ ކޮކް އަދި ކެނެޑާގެ ޖެރެމީ ހެންސަންއެވެ. މި އެސްޓްރޮނޯޓުން މި ދަތުރުގައި ދުނިޔެއާ 252,757 މޭލު ދުރަށް ދަތުރުކުރާނެއެވެ. މިއީ 1970 ވަނަ އަހަރު އެޕޯލޯ 13 ގެ ކުރޫއިން ގާއިމުކުރި ރެކޯޑަށްވުރެ 4,000 މޭލު އިތުރު އަދަދެކެވެ. މިއާއެކު، އާޓެމިސް 2 ގެ ކުރޫ ވެގެންދާނީ އިންސާނުންގެ ތާރީޚުގައި ބިމާ އެންމެ ދުރަށް ދަތުރުކުރާ އިންސާނުންނަށެވެ. ހަނދުގެ ފުރަގަހުން އުޅަނދު ދަތުރުކުރާ ވަގުތު، ދުނިޔެއާ އޮންނަ މުވާސަލާތީ ގުޅުން ކުޑަވަގުތުކޮޅަކަށް ކެނޑޭނެއެވެ. މި ދަތުރުގެ ތެރެއިން އެސްޓްރޮނޯޓުންނަށް ހަނދުގެ ދެ ތަނޑި (ޕޯލްސް) ހިމެނޭހެން މުޅި ހަނދު އެއްކޮށް ފެންނާނެއެވެ. އަދި ހަނދުގެ ފަހަތަށް އިރު ފޮރުވިގެންދާ މަންޒަރު ނުވަތަ "ސޯލާ އެކްލިޕްސް" އެއް ގަޑިއިރެއްހާއިރު ވަންދެން ފެނުމުގެ ފުރުސަތު އެސްޓްރޮނޯޓުންނަށް ލިބޭނެ ކަމަށް ނާސާއިން ބުނެއެވެ. މި ހަފުތާ ބަންދުގައި އެސްޓްރޮނޯޓުން ވަނީ އުޅަނދު އަމިއްލައަށް ދުއްވުމުގެ ތަމްރީނުތަކާއި، ސައިންޓިފިކް ދިރާސާތަކަށް ތައްޔާރުވުމާއި، އަދި ކުއްލި ހާލަތްތަކުގައި ބޭނުންކުރާ ސްޕޭސް ސޫޓްތައް ޗެކްކުރުމުގެ މަސައްކަތް ކޮށްފައެވެ. ނާސާއިން ވަނީ އޮރަޔަން އުޅަނދުގެ ކުޑަދޮރުން އެސްޓްރޮނޯޓުން ދުނިޔެއަށް ބަލަން ތިބޭ ހިތްގައިމު ފޮޓޯތަކެއްވެސް އާންމުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ