ކޭން ކުޅޭނެތޯ ނިންމާނީ ފަހު ވަގުތު: ކޮމްޕެނީ

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލުގައި މިރޭ ރެއާލް މެޑްރިޑް އާއި ދެކޮޅަށް ބަޔާން މިއުނިކް ކުޅޭ މެޗުގައި ފޯވަޑް ހެރީ ކޭން ކުޅޭނެތޯ ނިންމާނީ އެންމެ ފަހު ވަގުތު ކަމަށް ބަޔާންގެ ކޯޗު ވިންސެންޓް ކޮމްޕެނީ ބުނެފި އެވެ.
ޔޫރަޕްގެ އެންމެ ޝަރަފުވެރި ކްލަބް ފުޓްބޯޅަ މުބާރާތް ކަމުގައިވާ ޗެމްޕިއަންސް ލީގުގެ މުހިންމު މި މެޗަށް ބަޔާން މިއުނިކް ނިކުންނައިރު އެ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ ކަމުގައިވާ ކެޕްޓަން ހެރީ ކޭން އަށް ވަނީ އަނިޔާވެފަ އެވެ.
މެޗުގެ ކުރިން މެޑްރިޑްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ކޮމްޕެނީ ބުނެފައިވަނީ ރެއާލް މެޑްރިޑާއި ދެކޮޅަށް ނިކުންނައިރު ކޭން އަކީ މުހިންމު ކުޅުންތެރިއެއް ކަމަށާއި ނަމަވެސް އޭނާ މި މެޗުގައި ކުޅޭނެތޯ އަދި ނުނިންމާ ކަމަށެވެ.
"ކޭން އަކީ މި މެޗަށް ނިކުންނައިރު ވަރަށް މުހިންމު ކުޅުންތެރިއެއް. ނަމަވެސް އަދި އޭނާ މި މެޗުގައި ކުޅޭނެތޯ އަހަރެން ނުނިންމަން. ކޭން އާއި ވާހަކަ ދެއްކުމަށްފަހު އެކަމަށް ގޮތެއް ނިންމާނީ އެންމެ ފަހު ވަގުތު." ކޮމްޕެނީ ބުންޏެވެ.
ކޮމްޕެނީ އިތުރަށް ބުނެފައިވަނީ ރެއާލް މެޑްރިޑް އަކީ ދުނިޔޭގެ އެންމެ ވަރުގަދަ އެއް ކްލަބް ކަމަށާއި އެހެންކަމުން އެ ޓީމާއި ދެކޮޅަށް ރަށުން ބޭރުގައި ކުޅެންޖެހޭއިރު ވިސްނަން ޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ.
"ރެއާލް މެޑްރިޑާއި ދެކޮޅަށް އެމީހުންގެ އަމިއްލަ ދަނޑުގައި ކުޅޭއިރު ވިސްނަން ޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި. މި މުބާރާތުގައި މިހާތަނަށް އެ ކްލަބުން އައިއިރު ހޯދި ނަތީޖާތަކާއި ދެއްކި ކުޅުމާއިމެދު ވިސްނަން ޖެހޭނެ. މިފަދަ މެޗެއްގައި ލިބޭނީ މަދު ފުރުސަތުތަކެއް އޭގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފޭ ޓީމަކަށް ކާމިޔާބު ލިބޭނީ." ކޮމްޕެނީ އިތުރަށް ބުންޏެވެ.
ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލުގެ ފުރަތަމަ ލެގުގައި މެޑްރިޑްގެ ސެންޓިއާގޯ ބަރނަބިއު ސްޓޭޑިއަމްގައި މިރޭ މި ދެ ޓީމު ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން ދަންވަރު 12 ޖަހާއިރު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ