ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖު 2026 ގައި ރޭ ކ. ގާފަރުން ކާށިދޫ އަތުން 3-2 އިން މޮޅުވެ، އެ ޓީމު ކަޓުވާލުމަށް ފަހު، ކ. އަތޮޅުގެ ފައިނަލުގައި އެންމެ ފަހުގެ އަތޮޅު ޗެމްޕިއަން، މާފުއްޓާ ދެކޮޅަށް ކުޅެން ތައްޔާރުވެއްޖެ އެވެ.
މިދިޔަ އަހަރުގެ އަތޮޅު ސެމީ ފައިނަލުގައި ގާފަރު ކަޓުވާލި ކާށިދޫން ވަނީ އަތޮޅާއި ޒޯން ފައިނަލުގައި ކުޅުމަށް ފަހު، ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އެކަމަކު، މި ފަހަރުގެ މުބާރާތުގެ އަތޮޅު ސެމީ ފައިނަލުން ބަލިވެ، ކާށިދޫ އަށް މި ވަނީ ތަށި ދިފާއުކުރުމުގެ ފުރުސަތު ގެއްލިފަ އެވެ.
ރޭގެ ސެމީ ފައިނަލުގެ ފުރަތަމަ ހާފުގައި ކާށިދޫން ވަނީ އަބްދުﷲ ސުޒެއިރުގެ ގޯލުން ލީޑުގައި އޮވެ، ފުރަތަމަ ހާފު ނިންމާލައިފަ އެވެ. ދެ ވަނަ ހާފުގައި ސުޒެއިރު އިތުރު ގޯލެއް ޖަހައި، ކާށިދޫގެ ލީޑުފުޅާކުރި އެެވެ. ގާފަރުން ފަހަތުން އަރައި މި މެޗުން މޮޅުވިއިރު، ފުރަތަމަ ލަނޑު ޖެހީ ހިލޭ ޖެހުމަކުން ޝަނާން ރަޝާދު އެވެ. އަދި، ޝަނާން ތަނަވަސްކޮށްދިން ފުރުސަތެއްގައި އިބްރާހިމް ރިމާހު (ރިމޭ) ވަނީ ގާފަރުން އެއްވަރުކުރި ލަނޑު ޖަހައިފަ އެވެ. އަދި، ގާފަރު މޮޅުވީ ޓީމުގެ ކެޕްޓަން، އަލީ މާއިސް (މައްޓު) ދިން ބޯޅައަކުން މެޗުގެ މޮޅު ކުޅުންތެރިޔާ ޝަނާން ޖެހި ގޯލުންނެވެ.
މާފުށީ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް،.އެމްވީ
ކ. އަތޮޅުގެ އަނެއް ސެމީ ފައިނަލުގައި މާފުށިން ވަނީ 5-3 އިން ދިއްފުށި ބަލިކޮށްފަ އެވެ. މެޗުގައި، ދިއްފުށީގެ އަހުމަދު ރިޒްވާން (ރިޒޭ) ދެ ގޯލު ޖެހިއިރު، އަނެއް ލަނޑު ޖެހީ އަހުމަދު މާޒިން އެވެ. މާފުށީގެ ލަނޑުތައް ޖެހީ، ހުސެއިން ރިފާން ދެ ގޯލާއި ޒުލްކިފްލި ޒާހިރު، ހަސަން އިމްރާން އަދި މުރުތަޖާ މުހައްމަދު އެވެ.
މާފުއްޓާއި ގާފަރު ކުޅޭ ފައިނަލް އޮތީ ބުދަ ދުވަހުގެރޭގަ އެވެ. މި ޓީމު މި ފަހަރުގެ މުބާރާތުގައި ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުން ގާފަރު ވަނީ މޮޅުވެފަ އެވެ.
ރ. އަތޮޅު ބުރުގައި އިއްޔެ، އަލިފުށިން ވަނީ 2-1 އިން ދުވާފަރު ބަލިކޮށް ފައިނަލުގެ ފުރުސަތު ބޮޑުކޮށްފަ އެވެ. މި އަތޮޅުގައި ދެން ކުޅުނު މެޗުން ފައިނު އަތުން 6-2 އިން މޮޅުވި އިނގުރައިދޫ ވަނީ އުންމީދުއާ ކޮށްފަ އެވެ. އަލިފުށީގެ އިބްރާހިމް ފުރުގާން (ފުގޭ) އާއި އަހުމަދު ޒަލަފް ލަނޑު ޖެހިއިރު، ދުވާފަރުން ލަނޑު ޖެހީ މުހައްމަަދު ނޫހު އިބްރާހިމް އެވެ. އިނގުރައިދޫން ލަނޑުތައް ޖެހީ، މުހައްމަދު ޖުމާން ދެ ގޯލުގެ އިތުރުން، އަލީ ހާފިޒް، މުހައްމަދު މަމްދޫހު، އަހުމަދު މަޝީދު އަދި އަލީ ޝާފިއު، ކޮންމެ ކުޅުންތެރިއަކު ގޯލެކެވެ. ފައިނުގެ ލަނޑުތައް ޖެހީ، ރިލްވާން ޝަރީފް އާއި އައްފާން ބިން އަހުމަދު އެވެ.
ހަތަރު ޓީމު ކުޅޭ ރ. އަތޮޅު ބުރުގައި އަލިފުށި އެއް ވަނައިގައި އޮތީ ދެ މެޗުން ހަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ދުވާފަރާއި ތިން ވަނައިގައި އޮތް އިނގުރައިދޫ އަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި ފައިނު އަށް ދެ މެޗުން ޕޮއިންޓެއް ނުލިބެ އެވެ.
އޭދަފުށީ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.،އެމްވީ
ބ. އަތޮޅު ބުރުގައި ރޭ ކުޅުނު މެޗުން، އޭދަފުށިން ވަނީ 5-0 އިން ދަރަވަންދޫ ބަލިކޮށްފަ އެވެ. ތިން ޓީމު ވާދަކުރާ ބ. އަތޮޅު ބުރުގައި ދަރަވަންދޫން ފުރަތަމަ މެޗުގައި ވަނީ ފެހެންދޫ އަތުން މޮޅުވެފަ އެވެ. ތައިލެންޑުގެ ކޯޗު ސަންޓިޕަޕް ވަސަންގެ ކޯޗުކަމުގައި ކުޅޭ އޭދަފުއްޓަށް ރޭގެ މެޗުގައި ލަނޑުތައް ޖަހައިދިނީ، ހުސެއިން ޝަރީފް (މުޑާ) ހެޓްރިކެއްގެ އިތުރުން، އިމްތިޝާލް އަބްދުލް ރަހީމް (ޕަބް) އަދި އަލީ ނަސީމް (ދިއްލި) އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިއަދު ހަވީރު ހަތަރު މެޗު އަދި މިރޭ ހަ މެޗު ކުޅޭނެ އެވެ.
16:00 - ވ. ފެލިދޫ - ވ. ކެޔޮދޫ
16:00 - ސ. ފައިނަލް: ހިތަދޫ - މަރަދޫ
17:00 - ލ. ސެމީ ފައިނަލް: އިސްދޫ - މުންޑޫ
17:00 - ލ. ސެމީ ފައިނަލް: ގަން - މާވަށް
--------------------------------------------
20:00 - ތ. ސެމީ ފައިނަލް: ތިމަރަފުށި - ގާދިއްފުށި
20:00 - ތ. ސެމީ ފައިނަލް: ހިރިލަންދޫ - ކިނބިދޫ
21:00 - އދ. ސެމީ ފައިނަލް: މަންދޫ - މަހިބަދޫ
21:00 - އދ. ސެމީ ފައިނަލް: ދަގެނތި - އޮމަދޫ
22:00 - ށ. ސެމީ ފައިނަލް: ކަނޑިތީމު - މިލަންދޫ
22:00 - ށ. ސެމީ ފައިނަލް: ފުނަދޫ - ފޯކައިދޫ
ގާފަރުން ކާށިދޫ ކަޓުވާލައި ފައިނަލުގައި މާފުއްޓާ ދެކޮޅަށް ގާފަރުން ކާށިދޫ ކަޓުވާލައި ފައިނަލުގައި މާފުއްޓާ ދެކޮޅަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ