ރާއްޖޭގައި ހަރަކާތްތެރިވާ އީޖާދީ ވިޔަފާރިތައް ކުރިއަރުވަން މަސައްކަތް ކުރާ ސްޕާކްހަބުން ރާއްޖޭން ބޭރުގައި ބޭއްވި ފުރަތަމަ 'ހަޑްލް' ހަރަކާގައި މެލޭޝިއާގައި ކާމިޔާބުކަމާ އެކު ބާއްވައި ދިވެހިން ރާއްޖެ އާއި ރާއްޖޭން ބޭރުގައި ހިންގާ އީޖާދީ ވިޔަފާރިތަކުގެ ތަޖުރިބާ މެލޭޝިއާގެ އެފަދަ ފަރާތްތަކާ ހަމައަށް ގެންގޮސްދީފި އެވެ.
ވީ ކިހިނެއް؟ - 'ހަޑްލް މެލޭޝިޔާ'ގެ ނަމުގައި ކުރިއަށްގެންދިޔަ މި ހަރަކާތަކީ މެލޭޝިއާގައި ދިރިއުޅޭ ދިވެހި ވިޔަފާރިވެރިންނާއި އެކި ދާއިރާތަކުގެ ފަންނީ މާހިރުންގެ މެދުގައި ގުޅުން ބަދަހިކޮށް، ތަޖުރިބާ ހިއްސާކުރުމަށް ބޭއްވި ހަރަކާތެކެވެ.
މިދިޔަ ހުކުރު ދުވަހު ކުއާލަލަމްޕޫރުގައި ބޭއްވި މި އިވެންޓަކީ ސްޕާކްހަބްގެ މަގުބޫލު "ހަޑްލް" ޕްލެޓްފޯމް ރާއްޖޭން ބޭރަށް ފުޅާކުރުމަށް އެޅި ފުރަތަމަ ފިޔަވަޅެވެ. މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ވިޔަފާރިތައް އުފައްދައި ކުރިއެރުވުމުގައި ދިމާވާ ގޮންޖެހުންތަކާއި ލިބޭ ފިލާވަޅުތައް، ނުރަސްމީ މާހައުލެއްގައި ހިއްސާކުރެވޭނެ މަގު ތަނަވަސްކޮށްދިނުމެވެ. އަދި ރާއްޖޭން ބޭރުގައި މަސައްކަތްކުރާ ދިވެހި ވިޔަފާރިވެރިންނާއި ރާއްޖޭގެ ވިޔަފާރިތަކާ ދެމެދު އޮތް ގުޅުން ވަރުގަދަކުރުމެވެ.
ރާއްޖޭގައި މި ހަރަކާތް ފެށީއްސުރެ ހަޑްލްއަކީ ވިޔަފާރިވެރިންނަށް ހާއްސަކޮށްގެން، އަމަލީ ގޮތުން ދިމާވާ މައްސަލަތަކާއި ނިންމުންތަކާ ގުޅޭ ގޮތުން މަޝްވަރާކުރާ ފޯރަމެކެވެ. މެލޭޝިޔާ އެޑިޝަން ހާއްސަކޮށްފައިވަނީ އެ ގައުމުގައި އަމިއްލަ ވިޔަފާރި ފަށާފައިވާ ދިވެހިންނަށާއި މެލޭޝިޔާ މަރުކަޒަކަށް ބަލައިގެން ބައިނަލްއަގުވާމީ ވިޔަފާރި ހިންގާ ދިވެހިންނަށެވެ.
ތަފްސީލް - މެލޭޝިއާގައި ދިރިއުޅޭ 50އަށް ވުރެ ގިނަ ދިވެހިން ބައިވެރިވި މި ސެޝަންގައި ރާއްޖޭގެ ހަތަރު ވިޔަފާރިވެރިއަކު ވަނީ އެ މީހުންގެ ތަޖުރިބާ ހިއްސާކޮށްފަ އެވެ. އެގޮތުން:
'ޕްލަކް'ގެ ބާނީ މުހައްމަދު ފައުޒާން ވަނީ ފިންޓެކް ދާއިރާއިން އޭއައިއަށް ބަދަލުވެ، މެލޭޝިއާގައި އަލުން ނެޓްވޯކް ބިނާކުރި ގޮތް ކިޔައިދީފައި
'ޓައިނީ އެޕް ސްޓޫޑިއޯ'ގެ ބާނީ އަދި 'މައިންޑްވެލީ'ގެ ސީނިއާ އިންޖިނިއަރިން މެނޭޖަރު މާއިލް ރަޝީދު ވަނީ، އަމިއްލައަށް އެޕްލިކޭޝަން އުފައްދައި ކަސްޓަމަރުންގެ ހިޔާލާ އެއްގޮތަށް ބައިނަލްއަގުވާމީ ފެންވަރުގެ ވިޔަފާރިއަކަށް އެ މަސައްކަތް ބަދަލުކުރި ގޮތް ކިޔައިދީފައި
'އޮވިއާޓޯ'ގެ ކޯ-ފައުންޑަރު ޝާފިއު ހުސައިން ވަނީ ޕްރޮޑަކްޓް ޑިޒައިނިން ދާއިރާއިން ޑިޖިޓަލް ވޮލެޓް ފަދަ އާ ޓެކްނޮލޮޖީތައް އާންމުންނަށް ބޭނުންކުރަން ފަސޭހަވާނެ ގޮތަށް ތަރައްގީކުރުމާ ގުޅޭ ގޮތުން ވާހަކަދައްކާފައި
'ފެމިލީ ރޫމް ކޮފީ'ގެ ކޯ-ފައުންޑަރު އަހުމަދު އަފްރާހް ވަނީ ފޮރެންސިކް ދާއިރާ ދޫކޮށް ވިޔަފާރީގެ ތެރެއަށް ވަދެ، ރާއްޖޭގައި ފެށި ކޮފީ ވިޔަފާރި މެލޭޝިޔާއަށް ފުޅާކުރި ގޮތުގެ ތަޖުރިބާ ހިއްސާކޮށްފައި
ބުނީ ކީކޭ؟ - މި ހަރަކާތުގައި ސްޕާކްހަބްގެ ކޯ-ފައުންޑަރު އަދި ސީއީއޯ ހުސައިން ޖިނާން ވިދާޅުވީ، މެލޭޝިއާގައި ބޭއްވި މި ހަރަކާތަކީ ސްޕާކްހަބްގެ ކުރިއެރުމަށް ލިބުނު މުހިންމު ފުރުސަތެއް ކަމަށެވެ.
އެގޮތުން، 2018 އިން ފެށިގެން ރާއްޖޭގައި ސްޕާކްހަބްގެ މޮޑެލްތައް ކާމިޔާބުކަ މާއެކު ހިންގަމުން އަންނަ އިރު، ހަޑްލް ރާއްޖޭން ބޭރަށް ގެންދިއުމުގެ ބޭނުމަކީ ދިވެހި ވިޔަފާރިވެރިން ދުނިޔޭގެ ކޮންމެ ތަނެއްގައި މަސައްކަތް ކުރި ނަމަވެސް އެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުންކަން އޭނާ ފާހަގަކުރެއްވި އެވެ.
ސްޕާކްހަބުން ދިވެހިންގެ އީޖާދީ ވިޔަފާރިތަކުގެ ތަޖުރިބާ މެލޭޝިއާއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ