އައްޑޫ މީދޫ އަދި މުޅި އައްޑޫ ސިޓީގައި ހިންގަން ވައުދުވެފައިވާ އެއްވެސް ޕްރޮޖެކްޓެއްގެ މަސައްކަތް ކުރިއަށްނުދާތީ އެކަމާ ގުޅޭގޮތުން ސުވާލު ކުރުމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުކޮށްދިނުމަށް އެދި މިއަދު ހުށަހަޅައިފި އެވެ.
މުއްތަލިބު މަޖިލީހަށް ހާޒިރުކޮށްދިނުމަށް އެދި އައްޑޫ މީދޫ ދާއިރާގެ މެންބަރު އަބްދުއްރަހްމާން ހުށަހެޅުއްވީ ޕްރޮޖެންކްޓްތައް ކުރިއަށް ނުދަނީ އައްޑޫ ސިޓީ ކައުންސިލް، އައްޑޫ މީދޫ މެންބަރު ނުވަތަ އައްޑޫގެ އެހެން މަޖިލިސް މެންބަރުންގެ އެއްބާރުލުން ނުލިބިގެންތޯ ސުވާލު ކުރުމަށެވެ.
މީގެއިތުރުން ޕްރޮޖެކްޓްތައް ފަށައިގަނެވޭނީ ކައުންސިލް އަދި މަޖިލިސް މެންބަރުން ކޮން ކަމެއް ކޮށްދިނީމަތޯ ވެސް މުއްތަލިބުއާ ސުވާލު ކުރުމަށް އަބްދުއްރަހްމާން ހުށަހެޅުއްވި އެވެ.
މި ސުވާލުތައް މުއްތަލިބާ ކުރަން އެދިފައިވަނީ އިއްޔެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި އެގޮތަށް އެދިފައިވާތީ ކަމަށް އަބްދުއްރަހްމާން ވިދާޅުވި އެވެ.
އަބްދުއްރަހްމާން ވިދާޅުވީ އައްޑޫ މީދޫގައި ސަރުކާރުން ހިންގަން ނިންމާފައިވާ ޕްރޮޖެކްޓްތަކާއި، މުހައްމަދު މުއިއްޒު އެ ރަށަށް ވަޑައިގެން އަމަލީ މަސައްކަތް ފެއްޓެވި މަޝްރުއުތައް އަދި މެނިފެސްޓޯގައި އައްޑޫއަށް ވީ ވައުދުތަކުގެ ތެރެއިން އެއްވެސް ކަމެއް ނުހިނގާ ކަމަށެވެ.
މި ސަރުކާރުން އައްޑޫ ސިޓީއަށް ބޮޑެތި ވައުދުތަކެއް ވަނީ ވެފަ އެވެ. ނަމަވެސް އޭގެއިން އެއްވެސް ވައުދެއް ފުއްދުމުގެ އަމަލީ މަސައްކަތް މިހާތަނަށް ފެށިފައެއް ނުވެ އެވެ.
އައްޑޫއަށް އެންމެ ބޮޑަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރަން ސަރުކާރުން އެކި ތާރީހުތަކެއް ދިން ނަމަވެސް، މިހާތަނަށް އެކަން ވެސް ހައްލެއް ނުވެ އެވެ. އޭގެއިތުރުން މިދިޔަ އަހަރު ފެނުގެ މަޝްރޫއެއް ކުރިއަށް ގެންގޮސް ނިންމާނެ ކަމަށް ބުންޏަސް، އެ މަޝްރޫއު މިހާތަނަށް ނުވެސް ފެށެ އެވެ.
އައްޑޫގެ ރައްޔިތުންނަށް މި ސަރުކާރުން ވިއްކި އެންމެ ބޮޑު ޕްރޮޖެކްޓަކީ ހިތަދޫ އާއި ހުޅުމީދޫ ގުޅާލާ ބްރިޖެވެ. މިއީ ވެރިކަމުގެ ކުރީކޮޅު ކޮންޓްރެކްޓަރަކު ހަމަޖެހި، އެއްބަސްވުމެއްގައި ވެސް ސޮއިކުރި މަޝްރޫއެކެވެ. މިހެން ނަމަވެސް، ދައުރުގެ ދެ އަހަރު ފައިބައިގެން ދިޔައިރު ޓެކްނިކަލް މަސައްކަތްތައް ވެސް ނުނިމެ އެވެ.
އައްޑޫގެ އެއްވެސް ޕްރޮޖެކްޓެއް ނުހިނގާތީ މުއްތަލިބު މަޖިލީހަށް ހާޒިރުކުރަނީ އައްޑޫގެ އެއްވެސް ޕްރޮޖެކްޓެއް ނުހިނގާތީ މުއްތަލިބު މަޖިލީހަށް ހާޒިރުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ