ދުބާއީ ޕޯޓްސްއަށް ބަނދަރު ވިއްކާލުމުގެ ބަދަލުގައި ޕްރައިވެޓް ސެކްޓަރަށް ދިނުން މާ ރަނގަޅުވާނެ: ނަޝީދު
މާލޭ ވިޔަފާރި ބަނދަރަށް ބާރު ބޮޑުވާ މައްސަލައަށް ހައްލެއް ގެނައުމަށް ތިލަފުށީގައި ހަދާ ބަނދަރު، ދުބާއީ ޕޯޓްސް ވޯލްޑް (ޑީޕީ ވޯލްޑް)އަށް ވިއްކާލުމުގެ ބަދަލުގައި އެ ބަނދަރު، ޕްރައިވެޓް ސެކްޓަރުން ހިންގުން މާ ރަނގަޅުވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. މާލޭ ވިޔަފާރި ބަނދަރަށް ބާރު ބޮޑުވާ މައްސަލައަށް ހައްލެއް ގެނައުމަށް ތިލަފުށީގައި ހަދާ ބަނދަރު، ޑީޕީ ވޯލްޑްއަށް ވިއްކުމަށްޓަކައި ސަރުކާރުން އެކި ލެވަލްގައި މަޝްވަރާތައް ކުރަމުން ދިޔަ ވާހަކަ މީގެ ކުރިން ވެސް ފެންމަތިވިއެވެ. އެ ތުހުމަތުތައް ސަރުކާރަށް ކުރިމަތިވަމުންދާއިރު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ސަރުކާރުގެ 'ފުޅާ ޕްރައިވެޓައިޒޭޝަން' ޕްރޮގްރާމެއްގެ ވާހަކަ އިވިވަޑައިގަންނަވާ ކަމަށެވެ. އަދި އޭގެ ތެރޭގައި މާލޭގެ ޕޯޓަކާއި ދެ އެއާޕޯޓެއް ވެސް ހިމެނޭ ކަމުގެ ޚަބަރުތައް ލިބިވަޑައިގެންފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް ޕްރައިވެޓް ސެކްޓަރުން އެ ޚިދުމަތް ދިނުން މާ ރަނގަޅު ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. އެހެންނަމަވެސް ކޮންޓްރެކްޓް ހަވާލުކުރަން ވާނީ ހަރުދަނާ ދެފުށް ފެންނަ ބިޑުކުރުމުގެ މަރުހަލާއަކަށް ފަހު ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ. https://x.com/MohamedNasheed/status/2008048181796581428 ނަޝީދު އެފަދައިން ވިދާޅުވިއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވެސް މި ވަނީ މި ތުހުމަތުކުރައްވައި، އެކަން ހުއްޓުވަން ގޮވާލައްވައިފައެވެ. ޔާމީން ވިދާޅުވީ ބަނދަރު ވިއްކާލާ ވާހަކަ ސަރުކާރުން ނުދެއްކި ނަމަވެސް އެ މަސައްކަތްތައް ކުރިއަށްގެންދާ ކަމަށެވެ. ޑީޕީ ވޯލްޑަކީ ޔޫއޭއީގައި މަރުކަޒުކޮށްފައިވާ ކުންފުންޏެއް ކަމަށްވާއިރު، ޔާމީން ވިދާޅުވީ، އެ މަނިކުފާނުގެ ވެރިކަމުގައި އަބޫދާބީގެ އިސް ބޭފުޅުންނާއި ސީދާ އެ ކުންފުނިން ވެސް އެ މަނިކުފާނުގެ އަރިހަށް އައި ކަމަށެވެ. https://sun.mv/216302 އޭރު ވެސް އެ މީހުން އެދުނީ ބަނދަރު ހޯދަން ކަމަށާއި ނަމަވެސް އެކަމަށް ދެކޮޅު ހެއްދެވީ ކަމަށް ޔާމީން ވިދާޅުވިއެވެ. މި ބޮޑު ތުހުމަތުތަކާ ގުޅޭގޮތުން, ޕޯޓް ހިންގާ, އެމްޕީއެލްގެ ބަހެއް ހޯދާލުމަށް "ސަން" އިން ގުޅުމުން އެ ކުންފުނީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ކަމާ ގުޅުވައިގެން, މިވަގުތު އެއްޗެއް ދަންނަވަން ބޭނުން ނުވާ ކަމަށެވެ. ތިލަފުށީ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު، މޯލްޑިވްސްް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ވަނީ އެ މަސައްކަތުގެ ފުރަތަމަ ފިޔަވަހި ނިންމޭނީ އަންނަ އަހަރު ކަމަށް ލަފާކޮށްފައެވެ. އެ ފިޔަވައްސަށް އެކަނިވެސް 60 މިލިއަން ޑޮލަރު ޚަރަދު ވާނެއިރު، ހުރިހާ މަސައްކަތެއް ނިންނަން 10 އަހަރު ނަގާނެ ކަމަށް އެ ކުންފުނިން، ދައުލަތުގެ މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ