ބޮޑު ބަންދުގައި މޯލްޑިވިއަންގެ ތާވަލުގައި އެތެރޭގެ 3،700 އަށްވުރެ ގިނަ ދަތުރު އެބައޮތް
މިދިޔަ ޑިސެންބަރުން ފެށިގެން މި ހިނގާ ޖަނަވަރީ މަހުގެ ބޮޑު ބަންދުގެ ނިޔަލަށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް 3،700 އަށް ވުރެ ގިނަ ދަތުރުތައް ތާވަލުކޮށްފައި އެބައޮތް ކަމަށް، ގައުމީ އެއާލައިން މޯލްޑިވިއަނުން ބުނެފިއެވެ. ސުކޫލު ކުދިންގެ ބޮޑު ޗުއްޓީއަށް މޯލްޑިވިއަނުން ވެފައިވާ ތައްޔާރީތަކާ ގުޅޭގޮތުން އެ އެއާލައިނުން "ސަން" އާ ހިއްސާކުރި މައުލޫމާތުގައިވަނީ، ޑިސެންބަރުން ޖަނަވަރީއަށް ރާއްޖޭގެ 17 ސަރަހައްދަކަށް 3،700 އަށްވުރެ ގިނަ ދަތުރުތައް ކުރުމަށް ތާވަލުކޮށްފައިވާ ކަމަށާއި، އެއީ 197،000 އަށްވުރެ ގިނަ ގޮނޑީގެ ޖާގަ ކަމަށެވެ. މޯލްޑިވިއަނުން ބުނީ، އެއާބަސް އޭ330 މަރުކާގެ ފުލައިޓުގައި އުމްރާވެރިން އުފުލުމަށް ޓަކައި ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާއަށް 20 އަށްވުރެ ގިނަ ދަތުރު ތާވަލުކޮށްފައިވާނެ ކަމަށެވެ. އޭގެ އިތުރުން އަވަށްޓެރި އިންޑިއާގެ ޓްރިވެންޑުރަމާއި ކޮޗިންއަށް އޮތް ޑިމާންޑު ބޮޑުކަމުން އެ ދެ މަންޒިލަށް ދާ 10 ފުލައިޓު އޭ330 އަށް އަޕްގްރޭޑުކޮށްފައިވާ ކަމަށް މޯލްޑިވިއަނުން ބުންޏެވެ. ހަމަ އެއާއެކު، އޭ320 މަރުކާގެ ފުލައިޓުގައި ތައިލޭންޑުގެ ބެންކޮކާއި މެލޭޝިއާގެ ކުއާލާލަންޕޫރު ހިމެނޭހެން ކޮންމެ މަންޒިލަކަށް ހަތަރު ފުލައިޓު އޮޕަރޭޓްކުރުމަށް ހަމަޖެހިފައިވާ ކަމަށާއި، ޓުރިވެންޑްރަމާއި ކޮޗިނަށް ހަފުތާއަކު ހަތަރު ފަހަރު އޮޕަރޭޓުކުރަމުން އައި ފުލައިޓުތަކުގެ އަދަދު މިދިޔަ ޑިސެންބަރު މަހުގެ 19އިން ފެށިގެން ވަނީ ފަހަކަށް އިތުރުކޮށްފައިކަމަށް ވެސް މޯލްޑިވިއަނުން ބުންޏެވެ. އެ އެއާލައިނުން ބުނިގޮތުގައި ކޮންމެ ހަފުތާއަކު ކޮޗިނަށް ކުރަން ރާވާފައިވާ ފަސް ދަތުރުގެ އިތުރުން 40 އަށްވުރެ ގިނަ ދަތުރުކުރުމަށް ހަމަޖެހިފައިވެއެވެ. ފަތުރުވެރިކަމުގެ ވެސް ޕީކް ސީޒަން، ސްކޫލް ބޮޑު ބަންދާ މި އަހަރު މި ވަނީ ދިމާވެފައެވެ. ގިނަ އަދަދެއްގެ ދިވެހީން ސްކޫލް ބަންދުގައި ރާއްޖެއިން ބޭރަށް ދަތުރުކުރާއިރު، އަތޮޅު ތެރެއަށް ވެސް އެތައް ބަޔަކު ދަތުރުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ