ލައިވް ޓީވީގައި ޝުޖޫންއަށް ފުރައްސާރަކުރިތާ ދެ ހަފުތާފަހުން އެޗްއާރްސީއެމުން ކަންބޮޑުވެއްޖެ

ލައިވް ޓީވީގައި، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ކުރިފުޅުމަތީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން މުޙައްމަދަށް ފުރައްސާރަކުރާ މޭރުމަކުން ވާހަކަދެއްކި އުމުރުން ދުވަސްވީ މީހެއްގެ ވާހަކަ ކުށްވެރިކޮށް އެފަދަ ވާހަކަތަކަކީ އަންހެނުންނާ މެދު ކުރެވޭ ތަފާތުކުރުންތައް ނައްތައިލަން އެޅޭ ހުރަހެއްކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރްސީއެމް)އިން މިއަދު ބުނެފިއެވެ. މާލޭގެ ރައްޔިތުންގެ ތެރެއިން ހެންވޭރުގައި އުޅޭ ރައްޔިތުންނާ ބައްދަލުކުރުމަށް މި މަހުގެ ހަތްވަނަ ދުވަހު ކަލާފާނު ސްކޫލުގައި ބައްދަލުވުމެއް ވަނީ ބާއްވައިފައެވެ. އެ ބައްދަލުވުމުގައި އުމުރުން ދުވަސްވީ މީހަކު ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫންއަށް ނިސްބަތްކޮށް، ވާހަކަތަކެއް ދައްކައިފައެވެ. ލައިވް ޓީވީގައި އޭނާގެ އެ ވާހަކަތަކުގައި ޝުޖޫންއަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރަން ލިބިގެން ނުވާނެ ކަމަށާއި، ޝުޖޫން ހެދުން އަޅުއްވާ ގޮތަށް ވެސް ނިސްބަތްކޮށް އެކި ވާހަކަ ދައްކައިފައިވެއެވެ. އެ ކަމާ ކަންބޮޑުވުން ފާޅުކުރުމަށް، އެ ވާހަކަ ދެއްކިތާ ދެ ހަފުތާ ފަހުން މިއަދު އެޗްއާރްސީއެމުން ނެރުނު ބަޔާނެއްގައި ބުނީ އެއީ އަންހެނުންގެ ކަރާމާތާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ޤަދަރާއި ޝަރަފަށް އުނިކަން އަންނަ މޭރުމަކުން ދައްކާފައިވާ ވާހަކަތަކެއް ކަމަށެވެ. ކޮންމެ އިންސާނެއްގެވެސް ނަމާއި އަބުރު ރައްކާތެރިކުރުމަކީ އިސްލާމީ ޝަރީޢަތުން ކަށަވަރުކޮށްދޭ ޙައްޤެއް ކަމަށާއި ޤާނޫނުއަސާސީގެ އިތުރުން އިންސާނީ ޙައްޤުތަކުގެ ބައިނަލްއަޤްވާމީ މުޢާހަދާތަކުން ވެސް ކަށަވަރުކޮށްދޭ އެ ޙައްޤު ލިބިދޭ ކަމަށް ބުންޏެވެ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ އަނެކާގެ އަބުރަށް އަރައިގަތުމަށް އޮތް ހުއްދައެއް ނޫން ކަމަށާއި. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރުމަށާއި، އަނެކާގެ އަބުރު ރައްކާތެރިވާނެ ގޮތެއްގެމަތިން ވާހަކަދެއްކުމަށް ކޮމިޝަނުން ގޮވައިލިއެވެ. ހަމައެއާއެކު ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުގެ ބޭފުޅަކަށް ފުރައްސާރަކުރުމަކީ މުޅި ނިޒާމުގެ ހައިބަތާއި ކަރާމާތަށް އުނިކަން އަންނާނޭ ކަމެއް ކަމަށް ބުންޏެވެ "ވަކި ޖިންސަކަށްވީތީ ނުވަތަ އަންހެނަކަށްވީތީ ކުރާ ފުރައްސާރައާއި ތަފާތުކުރުންތަކުން އެއްކިބާވެތިބެ، ބިނާކުރަނިވި ގޮތެއްގައި ޚިޔާލުފާޅުކުރުމަށް މި ކޮމިޝަނުން ގޮވާލަމެވެ. އަންހެނުންނާ މެދު ކުރެވޭ އެންމެހައި ނޭދެވޭ ތަފާތުކުރުންތައް ނައްތާލުމާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާ (CEDAW) ގައި ބައިވެރިވެފައިވާ ޤައުމަކަށް ދިވެހިރާއްޖެ ވީހިނދު، މިފަދަ ޢަމަލުތަކަކީ އެ މުޢާހަދާ އާ ވެސް ޚިލާފު ކަމެކެވެ," ބަޔާނުގައިވެއެވެ. އެ ކޮމިޝަނުން ބުނީ ޝުޖޫން ފަދަ ޢިލްމީ، ޤާބިލު އަންހެން ބޭފުޅުންނަށް އަމާޒުކޮށް ޖިންސީ ފުރައްސާރައިގެ ސިފަ އެކުލެވޭ ބަސްމަގު ބޭނުންކުރުމަކީ އަންހެނުންގެ ކުރިއެރުމަށާއި ޙައްޤުތައް ކަށަވަރުކޮށް ދެމެހެއްޓުމަށް އޮތް ހުރަހެއް ކަމަށެވެ. އަދި އެ ފަދަ ފުރައްސާރައިގެ ސަބަބުން ޤައުމީ ޚިދުމަތަށް ނުކުންނަން ބޭނުންވާ އެހެން އަންހެނުން ފަސްޖެހި އެމީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭނެ ކަމަށް ވެސް ބުންޏެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޝުޖޫން އައްޔަންކުރެއްވީ މިދިޔަ ވެރިކަމުގައެވެ. ޝުޖޫންއަކީ ޖުޑިޝަރީ ދާއިރާގައި އިލްމީ، އަދި ވަރަށް ދިގު މުއްދަތަކަށް މަސައްކަތް ކުރައްވައިފައިވާ ވެސް ބޭފުޅެކެވެ. ސުޕްރީމް ކޯޓުގެ އެންމެ ފުރަތަމަ އަންހެން ފަނޑިޔާރުންގެ ގޮތުގައި ޝުޖޫންއާއި، އަޒްމިރަލްދާ ޒާހިރު މިދިޔަ ވެރިކަމުގެ ދައުރުގައި އައްޔަންކުރުމުން ވެސް ބައެއް މީހުން އެކި ކަހަލަ ވާހަކަ ދައްކައި ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އެއިރު އެ ފަދަ ވާހަކަތައް އެންމެ ބޮޑަށް ދެއްކީ، އެއިރުގެ އިދިކޮޅުގައި ތިބި މިހާރުގެ ސަރުކާރުގެ އެކްޓިވިސްޓުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ