ޔާމީ ދެން ގެނެސްދޭނީ 'ނައީ ނަވޭލީ'

ބޮލީވުޑްގެ އެންމެ ހުނަރުވެރި ބަތަލާއިންގެތެރޭ ހިމެނޭ ޔާމީ ގޯތަމްގެ ކުރިއަށް އޮތް ފިލްމު އިއުލާނުކޮށްފިއެވެ. އިންޑިއާގެ އުއްތަރު ޕްރަދޭޝްގައި ހިނގާފައިވާ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އުފައްދާ މި ފިލްމުގެ ނަމަކީ "ނައީ ނަވޭލީ"އެވެ. ޔާމީގެ އެހެން ފިލްމުތަކެކޭ އެއްގޮތަށް މި ފިލްމަކީ ވަރަށް ބޮޑަށް ސަސްޕެންސް އޭގައި އެކުލެވޭ ޑްރާމާ ފިލްމެއް ކަމަށް ބަތަލާ ވަނީ ބުނެފައެވެ. މި ފިލްމު ސިނަމާތަކުގައި ދެއްކުމަށްފަހު އެމެޒޯން ޕްރައިމް ވީޑިއޯއިން ސްޓްރީމްކުރާގޮތަށް ވަނީ ހަމަޖައްސާފައެވެ. މި ފިލްމުގައި ޔާމީ ކުޅޭ ކެރެކްޓާއާ ގުޅޭގޮތުން ބަތަލާ ބުނީ، އޭނާއަކީ އަބަދުވެސް އައު އަދި އަމިއްލަވަންތަ ވާހަކަތަކަށް ލޯބިކުރާ މީހެއް ކަމަށެވެ. އާނަންދު، ހިމާންޝޫ، ބާލާޖީ ފަދަ އުފެއްދުންތެރިން އަދި އެމެޒޯން އާއި އެމްޖީއެމް ފަދަ ވަރުގަދަ ބައިވެރިންނާ އެކު މަސައްކަތްކުރަން ލިބުނު ފުރުސަތަކީ ރަނުގެ ފުރުސަތެއްގެ ގޮތުގައި ޔާމީ ވަނީ ސިފަކޮށްފައެވެ. ޔާމީ އިތުރަށް ފާހަގަކުރި ގޮތުގައި، މުޅި ޓީމުގެ އަމާޒަކީ ބެލުންތެރިން ގަޔާވާ ފަދަ ފުރިހަމަ އުފެއްދުމެއް ގެނެސްދިނުމެވެ. ފިލްމު "ހައްޤު"ގެ މަންޒަރެއްގައި ޔާމީ އަދި އެ ފިލްމުގެ މުހިއްމު ރޯލެއް ކުޅުނު އިމްރާން ހާޝިމީ--ފޮޓޯ/ކޮއިމޮއި މި ފިލްމުގެ ވާހަކައާ ގުޅޭގޮތުން ބަތަލާ ބުނީ މިއީ މީރުތުގެ ހަލަބޮލި ޢާއިލާއެއްގެ ތެރެއަށް އަންނަ، ބަލާލަން ރީތި، ފުރިހަމަ އަލަތު އަނތްބެއްގެ ހަޔާތުގެ މައްޗަށް ބިނާކޮށްފައިވާ ވާހަކައެއް ކަމަށެވެ. އޭނާ އެ ގޭގެ ކަންކަން ތަރުތީބު ކުރަމުން ދަނިކޮށް، އޭނާގެ އަސްލު ސިފައާ މެދު މީހުންގެ ހިތުގައި ޝައްކު އުފެދެން ފަށައެވެ. އެ ޝައްކުތައް ފުންވަމުންދާ ވަރަކަށް، އޭނާގެ އެ ފުރިހަމަ ސިފައިގެ ފަހަތުގައި ނާމާން ނުވަތަ ސުޕަނެޗުރަލް ކަންތައްތަކެއް ފޮރުވިފައިވާކަން ހާމަވާން ފަށައެވެ. ކަލަރ ޔެލޯ ޕްރޮޑަކްޝަންސްގެ ދަށުން އާނަންދު އެލް ރާއި އަދި ހިމާންޝޫ ޝަރުމާ ޕްރޮޑިއުސްކުރާ މި ފިލްމު ޑައިރެކްޓް ކުރަނީ ބާލާޖީ މޯހަންއެވެ. ހިމާންޝޫ ޝަރުމާ އާއި ދިވްޔާ ނިދީ ލިޔެފައިވާ މި ފިލްމުން ޔާމީ ގޯތަމް ފެންނާނީ މުޅިން ތަފާތު ސިފައެއްގައި ކަމަށް އެ ޓީމުން ވަނީ ބުނެފައެވެ. ޔާމީ އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ، މިދިޔަ އަހަރު ރިލީޒްކޮށް ގިނަ ބައެއްގެ ތައުރީފު އޮހުނު ފިލްމު "ހައްޤު"އިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ