ފުލުހުންގެ ޑިސިޕްލިނަރީ މައްސަލަ ބަލަން ހަދާފައި އޮންނަ ޑިޕާޓްމަންޓަށް އައްޔަން ކުރި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ރަޝީދުގެ މައްސަލައެއް އެ ޑިޕާޓްމަންޓުން ކުރިން ބަލާފައިނުވާ ކަމަށް ބުނެ ފުލުހުން ދޮގު ހެދިކަން ހާމަވެއްޖެ އެވެ.
ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑަށް ހުސެއިން ރަޝީދު އައްޔަން ކުރިއިރު، ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމު މިވަގުތު އޮތީ ހުސްކޮށެވެ. ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމުގެ ކުރިން އެމީހެއްގެ މައްސަލައެއް އޮތްތޯ ސާފު ކުރަން ޕޮލިސް ބޯޑަށް ހުށަހަޅަންޖެހެ އެވެ.
އަދަދު އަށް ފެނިފައިވާ ފުލުހުންގެ އެތެރޭގެ ޑޮކިއުމަންޓުތަކަކުން އެނގޭ ގޮތުގައި، ޖަލުގައި ހައްޔަރުކޮށްފައި ހުރި ގައިދީންތަކަކަށް ލުއި ގޮތްތަކެއް ހަމަޖައްސައިދިން މައްސަލައިގައި 2016 ވަނަ އަހަރު ރަޝީދަށް ވަނީ ފިޔަވަޅެއް އަޅައިފަ އެވެ.
އެ މައްސަލައިގައި އޭނާއަށް ދައުވާކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވެސް ފޮނުވި އެވެ. އެކަމަކު، އެ އޮފީހުން ބުނީ ދައުވާ ކުރުމުގެ ބަދަލުގައި އޭނާއަށް އިދާރީ ފިޔަވަޅެއް އަޅަން ފެންނަ ކަމަށެވެ. އޭގެ ފަހުން ފުލުހުން ނިންމީ އޭނާއަށް ހަ މަސްދުވަހުގެ ކައުންސިލިން ދިނުމަށެވެ.
ނަމަވެސް ހުސެއިން ރަޝީދުގެ މައްސަލައެއް ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑުން ބެލި ކަމަށް މި ނޫހުން ރިޕޯޓު ކުރުމުން ފުލުހުންގެ މީޑިއާ ގްރޫޕަކަށް ފޮނުވި މެސެޖެއްގައި ބުނެފައި ވަނީ، ހުސެއިން ރަޝީދުގެ މައްސަލަ ބަލާފައިނުވާ ކަމަށާއި އެއްވެސް މައްސަލައެއްގައި އޭނާއާ ސުވާލު ވެސް ކޮށްފައިނުވާ ކަމަށެވެ.
"އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ރަޝީދުގެ އެއްވެސް މައްސަލައެއް ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ބަލައި، ނުވަތަ އެއްވެސް މައްސަލައަކާ ގުޅިގެން ސުވާލުކޮށް އެއްވެސް އިރެއްގައި އޭނާއާމެދު އެއްވެސް ބާވަތެއްގެ ފިޔަވަޅެއް އަޅާފައި ނުވާކަން ރިކޯޑްތަކުން ސާފުވޭ،" މިދިޔަ ބުދަ ދުވަހު ފުލުހުން ފޮނުވި މެސެޖެއްގައި ބުނެފައިވެ އެވެ.
ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލާ ބޭފުޅުންގެ މައްސަލައެއް އޮތްތޯ ބެލުމުގައި ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑުން އިސް ރޯލެއް އަދާ ކުރާނެ އެވެ.
ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުގެ ވެރިޔާ ބަދަލުކުރިއިރު، ޕޮލިސް ކޮމިޝަނަރުގެ މަސްއޫލިއްޔަތު މިވަގުތު އަދާކުރައްވަނީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ އެވެ. ފަރުހާދަކީ ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ވާދަ ކުރައްވާ ބޭފުޅެކެވެ.
ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ފަރުހާދަ ވާދަ ކުރައްވާއިރު އޭނާއަށް ތުހުމަތު ކުރެވޭ ސީރިއަސް ޖިނާއީ މައްސަލަތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި، ރޭޕް ކޭސްއެއްގައި ހިމެނޭ އޭނާގެ ދަރިފުޅު ސަލާމަތް ކުރަން ހެކި ނައްތާލިކަމުގެ ތުހުމަތު ހިމެނެ އެވެ. އަދި މިދިޔަ އަހަރު އޭނާގެ ދަރިފުޅު ހައްޔަރު ކުރުމުން އޭނާ ބަންދުން ދޫކޮށްލަން ނުފޫޒު ފޯރުވިކަމުގެ ތުހުމަތު ވެސް ފަރުހާދަށް ކުރެވެ އެވެ.
ޕޮލިސް ކޮމިޝަނަރު ކަމަށް ވާދަ ކުރައްވާ އޭސީޕީ އަހުމަދު މުހައްމަދު (ޓޫފޯ) ގެ މައްޗަށް ވެސް ވަނީ މީގެ ކުރިން އެކި މައްސަލަތަކުގައި ފިޔަވަޅު އަޅާފައިވެ އެވެ. އޭނާ ފުލުހުންގެ ވަޒީފާއިން ވަކިކޮށް ވަނިކޮށް މަގާމު ރުޖޫއަކޮށްދިނީ މި ސަރުކާރުންނެވެ.
އަހުލާގީ މައްސަލަތައް ބަލާ ޑިޕާޓްމަންޓަށް އައްޔަން ކުރި ރަޝީދުގެ ހިމާޔަތުގައި ފުލުހުން ދޮގު ހެދިކަން ހާމަވެއްޖެ އަހުލާގީ މައްސަލަތައް ބަލާ ޑިޕާޓްމަންޓަށް އައްޔަން ކުރި ރަޝީދުގެ ހިމާޔަތުގައި ފުލުހުން ދޮގު ހެދިކަން ހާމަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ