އިނގިރޭސިވިލާތުގައި ބަލިމީހަކާއެކު، އެމްބިއުލާންސެއް ވަގަށް ނަގައިފި

އިނގިރޭސިވިލާތުގެ ހޮސްޕިޓަލެއްގެ ބޭރުގައި އޮތް އެމްބިއުލާންސެއް، އޭގެ އެތެރޭގައި ބަލިމީހަކާއި ސިއްހީ އެހީތެރިން ތިއްބައި, ވަގަށް ނެގި މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. ސްޓެފަޑްޝަޔާ ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ބުދަ ދުވަހުގެ ރޭގަނޑު 8:15 ހާއިރު ރޯޔަލް ސްޓޯކް ޔުނިވާސިޓީ ހޮސްޕިޓަލުގެ ބޭރުގައެވެ. އެމްބިއުލާންސް ވަގަށް ނަގައިގެން ދުއްވާފައި ދިޔައިރު، އޭގެ ފަހަތުގައި ބަލިމީހެއްގެ އިތުރުން ޕެރަމެޑިކަކާއި އިތުރު މީހަކު އިން ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ވަނީ ވަގަށް ނެގި އެމްބިއުލާންސްގެ ފަހަތުން ގޮސްފައެވެ. އެ އުޅަނދު ހުއްޓާފައިވަނީ ނިއުކާސަލް-އަންޑަ-ލައިމްގައި ހުންނަ އެސޯ ޕެޓްރޯލް ސްޓޭޝަނަކަށެވެ. އެއަށްފަހު އެމްބިއުލާންސް ދުއްވަން އިން މީހާ ފައިބައިގެން ކައިރީގައި އޮތް ޗަކަބިމަކަށް ވަދެ ފިލަން މަސައްކަތްކުރި ނަމަވެސް، ފުލުހުންގެ ކުއްތާއެއް ބޭނުންކޮށްގެން އޭނާ ވަނީ ހުއްޓުވައި ހައްޔަރުކޮށްފައެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ސްޓޯކް-އޮން-ޓްރެންޓަށް ނިސްބަތްވާ އުމުރުން 31 އަހަރުގެ ފިރިހެނެކެވެ. އޭނާގެ މައްޗަށް ވަނީ މީހުން ރަހީނުކުރުމާއި، އުޅަނދެއް ވަގަށް ނެގުމާއި، މަސްތުވެގެން ހުރެ އުޅަނދު ދުއްވުމުގެ ތުހުމަތުކޮށްފައެވެ. ވެސްޓް މިޑްލޭންޑްސް އެމްބިއުލާންސް ސާވިސްއިން ބުނީ، އެމްބިއުލާންސް ހުއްޓުވުމާއެކު އެހެން އެމްބިއުލާންސެއް ފޮނުވައިގެން ބަލިމީހާ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެ ވަގުތު އެމްބިއުލާންސްގައި ތިބި މުވައްޒަފުންގެ ހާލު ބަލައި، އެ މީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށްވެސް އެ އިދާރާއިން ހާމަކުރެއެވެ. މި މައްސަލަ ފުލުހުންނާ ގުޅިގެން މިހާރު ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ