'ފަރުޒީ 2'ގެ ވާހަކަ ފުރަތަމަ ސީޒަނާ ވަރަށް ބޮޑަށް ގުޅޭނެ: ޝާހިދު
އެމެޒޯން ޕްރައިމް ވީޑިއޯއިން ގެނެސްދިން މަގުބޫލު ވެބް ސީރީސް "ފަރުޒީ 2" އެ ސީރީސްގެ ފުރަތަމަ ސީޒަންގެ ވާހަކައާ ވަރަށް ބޮޑަށް ގުޅިފައިވާނެ ކަމަށް އެކްޓަރު ޝާހިދު ކަޕޫރު ބުނެފިއެވެ. މި ކްރައިމް-ތުރިލާ ސީރީޒްގެ ދެވަނަ ސީޒަނުގެ ސްކްރިޕްޓް ވަރަށް ބޮޑަށް ކަމުދިޔަ ކަމަށާއި ދެވަނަ ސީޒަންގެ މަސައްކަތް ކުރަމުންދަނީ ވަރަށް އުފަލުން ކުރާހިތުން ކަމަށް ޝާހިދު ވަނީ ބުނެފައެވެ. ޕްރައިމް ވީޑިއޯގެ އާ އުފެއްދުންތައް އިއުލާނުކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝާހިދު ބުނީ، ދެވަނަ ސީޒަނުގެ މަސައްކަތް ފެށޭނެ ދުވަހަކަށް އިންތިޒާރު ކުރާތާ ދެ އަހަރު ވެއްޖެ ކަމަށެވެ. އަދި އެކަން މިހާރު ފެށިގެން ދިއުމުން ވަރަށް ބޮޑަށް އުފާވާ ކަމަށާއި، ވާހަކަ ކުރިއަށްދާނެ ގޮތް ބަލައިލަން ކެތްމަދުވެފައިވާ ކަމަށްވެސް އޭނާ ބުންޏެވެ. ވެބް ސީރީސް "ފަރުޒީ"ގެ ފުރަތަމަ ސީޒަންގެ ޕޯސްޓަރެއް--ފޮޓޯ/އެންޑީޓީވީ "މިއީ އަހަރެން މިހާތަނަށް ކުޅުނު ކެރެކްޓަރުތަކުގެ ތެރެއިން އެންމެ ގަޔާވާ އެއް ކެރެކްޓަރު. އަދި މިއީ އަހަރެންގެ އެންމެ ކަމުދާ ޝޯ،" އޭނާ އިތުރަށް ބުންޏެވެ. ޝާހިދު ބުނި ގޮތުގައި ދެވަނަ ސީޒަނުގައި ގެނެސްދޭ ކަންތައްތަކަކީ ފުރަތަމަ ސީޒަނަށްވުރެ ފެންވަރުގެ ގޮތުން އެތައް ގުނައެއް މަތީ ކަންތައްތަކެއް ނަމަވެސް، އެއީ ފުރަތަމަ ސީޒަނުގެ ވާހަކައިގެ ތެރެއިން އޯގަނިކްކޮށް އުފެދިފައިވާ ކުރިއެރުމެެއް ކަމަށެވެ. މީގެ ތިން އަހަރު ކުރިން ޕްރީމިއާކުރި "ފަރުޒީ"ގެ ފުރަތަމަ ސީޒަނުގައި ޝާހިދު ކުޅެފައިވަނީ 'ސަނީ' ކިޔާ ހުނަރުވެރި ކުރެހުންތެރިއެއްގެ ރޯލެވެ. އޭނާގެ ހުނަރު ބޭނުންކޮށްގެން ކޮޕީ ނޫޓު ހަދައި، ވަގު ފައިސާގެ ނުރައްކާތެރި މުއާމަލާތްތަކުގެ ތެރެއަށް ވަދެގެންދާ ގޮތް އެ ސީރީޒުން ދައްކުވައިދީފައިވެއެވެ. ރާޖް ނިދިމޯރޫ އަދި ކްރިޝްނާ ޑީކޭ ޑައިރެކްޓްކޮށް ގެނެސްދިން އެ ސީރީސްގެ ދެވަނަ ސީޒަނަށް އެންމެ ރަނގަޅު ވާހަކައެއް ހޯދުމަށް ވަރަށް ބޮޑަށް މަސައްކަތްކުރި ދެ ޑައިރެކްޓަރުން ވެސް ވަނީ ބުނެފައެވެ. އަދި މި ސީޒަންގައި ކުރީގެ ސީޒަނަށް ވުރެ ބިރުވެރި، ކަންތައްތައް ގިނަ، އަދި މާ ވަރުގަދަވާނެ ކަމަށްވެސް ރާޖް އާއި ޑީކޭ ވަނީ ބުނެފައެވެ. ވެބް ސީރީސް "ފަރުޒީ" އަކީ ޝާހިދު ކަޕޫރުގެ ފުރަތަމަ އޯޓީޓީ މަސައްކަތެވެ. ޝާހިދު އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ ދާދިފަހުން ރިލީޒްކޮށް އާއްމުންގެ ބޮޑު ތަރުހީބެއް ލިބުނު ޑައިރެކްޓަރު ވިޝާން ބަރަދްވާޖްގެ އެކްޝަން ތުރިލާ "އޯ ރޯމިއޯ"އިންނެވެ. މި ފިލްމު އެމެޒޯން ޕްރައިމް މެދުވެރިކޮށް ކުއްޔަށް މިހާރު ބެލޭނެއެވެ. ވެބް ސީރީސް "ފަރުޒީ 2"ގެ މަސައްކަތް ފެށިފައިވާއިރު ދެވަނަ ސީޒަން ޕްރީމިއާކުރާނެ ކަމަށް ބެލެވެނީ މި އަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅުގެ ތާރީޚެއްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ